ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(13 މާރިޗު 2024 އާ ގުޅޭ) އޮފީހަށް ވަދެވުމާއެކު އަހަރެންގެ ކެބިންއަށްވަދެ، މަސައްކަތުގައި ޝާމިލްވީމެވެ.

"މެޑަމް..!" ޖޯއީގެ އަޑުއިވުމުން އަހަރެން ބަލާލީމެވެ. 

" މަޤްޝޫރާ މެޑަމް ބޭނުންވޭ ފަނަރަ މިނެޓްތެރޭގައި ބައްދަލުކޮށްލަން.." އަދަބުވެރިކަމާއެކު ޖޯއީގެ މެސެޖް ރައްދުކޮށްލިއެވެ. 

" ޝުކުރިއްޔާ ޖޯއީ.. އެބައަންނަން.." އަހަރެން ބުނީމެވެ.

ކުއްލި ދަޢުވަތާއިމެދު ވިސްނާލަން ޖެހުނެވެ.  މިވަގުތު ކޮންކަމެއްވީތޯ އަހަރެންގެ އަމިއްލަ ނަފުސާއި ސުވާލު ކުރެވުނީތީއެވެ. ފަހަރެއްގައި މި ކައިވެންޏަށް ނާދިފް ނޫނެކޭ ބުނީކަމަށް ވެދާނެއެވެ. ޔާ ﷲ މިކައިވެނީގެ ޑްރާމާއިން މިއަޅާ ސަލާމަތްކޮށްދެއްވާށިއެވެ. 

ލިފްޓް އަންނަންދެން އަހަރެން މަޑުކުރީމެވެ. ފަސްމިނެޓެއްހާއިރު ފަހުން ގްރައުންޑް ފްލޯރއަށް ލިފްޓްއައުމުން އަހަރެން އެތެރެއަށްވަދެ ދިހަވަނަ ފްލޯއަށް ޖެހީމެވެ. ހަމައެވަގުތު އަހަރެންގެ ފޯން ވައިބްރޭޓްވިއެވެ. މެސެޖްބަލާލަން މުހިއްމުވީ ޒެއިންގެ ނަން ފެނުނީތީއެވެ. 

"އައިސްކްރީމް އޮން އިޓްސް ވޭ.." މެސެޖް ފެނުމުން އަހަރެންގެ ހުރިހާ ނުތަނަވަސްކަމެއް ފިލާ ދިޔައެވެ. ހަމައެވަގުތު ލިފްޓް ހުއްޓުނެވެ. ނަމަވެސް އަށްވަނަ ފްލޯރއަށެވެ. ދޮރުހުޅުވުމުންވެސް އަހަރެން އަޅައެއް ނުލަމެވެ. ނަމަވެސް 'އެ އަޑު.....' އިވުމާއި ހަމައަށެވެ. 

"އާއ.. ހާނނނ.. މިއޮއް ދިމާވީ ކާކު..؟" އެންމެ އަޑުއަހަން ބޭނުންނުވާ ރާގުގައި އެންމެ އަޑު އަހަން ބޭނުންނުވާ އަޑު އިވުނެވެ. އެ އަޑު އައި ދިމާއަށް އަހަރެން ބަލާލީމެވެ. ޒެއިން އާއެކު އައިސްކްރީމް ގަންނަން، ނޫނީ ބުރެއްޖަހާލަން ނުދެވުނުކަމުގެ މޮޔަ މިފަދަ ގޮތަކަށް ހިތަށް އަރާފާނެކަން އެނގުނުނަމަ، އަހަރެން ދިޔައީހީ ޒެއިންއާއެކުއެވެ. 

ފޫހި ހިނިތުންވުމެއް އަހަރެން ރައްދުކޮށްލީމެވެ. 

"ހަ އު ޒް... ލަ އި ފް...؟؟!! މިޒް..!" ފުރައްސާރަކުރުން ނޫން އެއްޗެއް އެ ބުނެލުމުގައި ނެތެވެ. 

" އިޓްސް މިޒްރާ..!" އަހަރެން ބުނީމެވެ.

" އިޒް އިޓް..؟ އަހަރެން ބޭނުން ކޮންމެ ނަމަކުން ގޮވާލިޔަސް މިހާރު ކޮބާ މައްސަލައަކީ..؟ މިސް ސޫން ޓު ބީ މައި ވައިފް..!" ނާދިފްގެ އަޑުގައި ހުރި ހަމައެއްވެސް އިހްސާސެއް އަހަރެންގެ ތަރުޖަމާ ފޮތުގެ އެއްވެސް ސަފްހާއެއްގައި ނުވެއެވެ. 

ބުނާނެ އެއްޗެއް ނެތުމުން އަހަރެން އިސްޖަހާލީމެވެ. 

" ނިކަމެތި މިޒްރާ..! ކަލޭ ހިތަށްވެސް ނާރާނެ ކިހާވަރެއްގެ ކަންތައްގަނޑެއްކަމެއް ތިޔަ ހިންގާލީ.. ތިޔަ ވަދެވުނީ ކޮންފަދަ މުސީބާތަކަށްކަން ކަލޭއަށް އަންދާޒާވެސް ނުކުރެވޭނެ..!" ހަރުކަށިކަމާއެކު ނާދިފް ވާހަކަ ދެއްކިއެވެ. 

"ނާފިދް... އަހަރެން...." މަޑުމަޑުން އަހަންނަށް ބުނެވުނެވެ. ކުރިއަށްވުރެންވެސް އަހަންނާއި ގާތަށް ނާދިފް ޖެހިލިއެވެ. 

" އަހަރެން...؟" ނާދިފް ކުރީ ސުވާލެކެވެ.

" އަހަރެން.." އިތުރު އެއްޗެއް ދުލަކުން ބޭރެއްވެސް ނުވިއެވެ. ޔާﷲ މިއަޅާ ސަލާމަތްކޮށްދެއްވާށިއެވެ. 

" އަހަރެންނާއި ކައިވެނިކޮށްގެން، އަހަންނަކީ ކަލޭގެ އަޅަކަށްހަދަން ކަލޭ ހިތަށް އެރުވީ ކީއްވެ..؟ އޭނާ ސުވަލުކުރިއެވެ. 

" އަހަރެން... އެހެން..." ބޭނުންވި ހަމަ އެންމެ ޖުމުލައެއްވެސް ފުރިހަމައަށް ދުލަކުން ބޭރެއްނުވިއެވެ.

 ދެ ފްލޯރ ދޭތެރޭގައި ލިފްޓްގެ ސްޓޮޕް އަށް ނާފިދް ފިއްތާލިއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. 

" ނޯ ޑިސްޓަރބަންސް ނައު.. ދެން ބުނެބަލަ..! މި ކައިވެންޏަށް އާއެކުބުނީ ކީއްވެ؟ ސަބަބަކީ ކޮބާ..؟ ބޭނުމަކީ ކޮބާ..؟" ހަރުކަށިކަމާއެކު ނާދިފް ސުވާލުކުރިއެވެ. 

ޔާﷲ މިއަޅާ ސަލާމަތްކުރައްވާންދޭވެ!

ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނާދިފް އަޅަމުންދިޔައީ އަހަރެންނާއި ވީހާވެސް ގާތަށް ޖެހުމަށެވެ. ލިފްޓުގެ ބިއްގަނޑުގައި ތަތްކޮށްފައި ހުރި ފޮޓޯއެކޭ އަހަރެންގެ ހަށިގަނޑެކޭ ތަފާތެއް ނެތެވެ. ނާދިފް ބަލަމުންދިޔައީ ސީދާ އަހަރެންގެ މޫނަށެވެ.  'ކަރލްސް' ކޮށްލާފައި ހުރި އިސްތަށިތައް އަހަރެންގެ ކަންފަތް ކާރިއަށް ނާދިފް ލައްވާލިއެވެ. ހައިރާންވި ސަބަބަކީ އަހަރެންގެ ހަތަރެސްފައިން ހީބިހި ނަގައިގެން ދިޔައީތީއެވެ. ނޭގޭ ހަލަބޮލިކަމެއް ހިތުގައި އުފެދުނީތީއެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ވައިރޯޅިއެއް ދައުރުކޮށްލާނެ މިންވަރުގެވެސް ހުސްޖާގައެއް ނެތްކަން އަހަންނަށް ޔަގީނެވެ. 

"ނާދިފް.." 

"އަންދާޒާވެސް ކޮށްލަން ނޭގޭފަދަ ބޮޑު ނުރައްކަލެއްގެ ތެރެއަށް ތި ވަންނަނީ މިޒްރާ...! ކަލޭ ހިތައްވެސް އަރާފަ ނުވާނެ.. ހުވަފެނަކުންވެސް ފެނިފައި ނުވާނެ.. އަހަރެންނާއެކު، ކަލެއަށް އޮތް ދިރިއުޅުން..! އަހަރެންގެ ކިބައިން މިންޖުވާން ނުވަތަ ފިލަން ދުވެވޭނެ ހަމަ އެންމެ މަންޒިލެއްވެސް އަހަރެން ނުދައްކާނަން.. މުޅި ދިރިއުޅުން ހަލާކު ކޮށްލާނަން..! ދުވަހަކުވެސް އަޑުއަހާފައިނުވާ ނުވަތަ ދެކިފައި ނުވާފަދަ 'މޮންސްޓަރ'އަކާއި ތި ބެހުނީ..! މި މުސީބާތުން ކަލޭ ސަލާމަތްކޮށްދޭނެ ހަމަ އެންމެ އިންސާނަކުވެސް މިއުޑުދަށުގައި ނުހުންނާނެ..! ނިކަމެތި މިޒްރާ..! ކުޑަގޮތަކަށް އަހަރެން މިބުނެދިނީ ކަލޭގެ މުސްތަގްބަލްގެ ދުވަސްތައް އޮތްގޮތް.. ވަރަށް މަރުހަބާ..!" ކިޔާނެ އެއްޗެއް ކިޔާފައި ނާދިފް އަހަންނާއި ދުރަށް ޖެހިލިއެވެ. 

ލިބުނު ޝޮކްގައި އަހަރެންނަށް ހުރެވުނީ ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ހިތަކަށް ނުވަތަ ދުލަކަށްވެސް ނައެވެ. ސިކުނޑި މަސައްކަތެއް ނުކުރިއެވެ. އަމާންކަމާއެކު ނޭވާއެއް ލެވޭނެ ދިމާއަކަށް ދުވެފައިދާން ބޭނުންވިއެވެ. އިޚްތިޔާރަކާ ނުލައިވެސް ބަލައިލެވުނީ ނާދިފްގެ ލޮލަށެވެ. 

ރުޅިވެރިކަމާއި ނަފްރަތާއި ބަދަލުހިފުމުގެ އަލިފާނުން ނާދިފްގެ ދެލޯ ރަތްވަމުންދިޔައެވެ. ކޮންމެ ހިނދުކޮޅެއްގައި އެ ދެ ލޯ ބަދަލުވަމުންދިޔަ ގޮތް އަހަރެން ދުށީމެވެ. އަހަރެންގެ މޫނުން ނާދިފްގެ ނަޒަރު ދުރައްވެސް ނުލައެވެ.

އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ މުޅި އުމުރުގައި އިންނާނެ މީހަކު ނުވެ ހުސްހަށިބަޔަށް ހުންނާން ޖެހުނަސް ނާދިފްއާއި ކައިވެނިކުރާކަށް އަހަރެން  ބޭނުމެއް ނޫނެވެ. 

ލިފްޓް މަސައްކަތްކުރާންފެށި އިރެއް އަހަންނަކަށް ނުވެސް އެގެއެވެ. ނުރުހުންތެރިކަމާއެކު އަހަރެންނާއި ދިމާއަށް އިންޒާރުގެ ނަޒަރަކުން ބަލައިލަމުން ނާދިފް ނިކުންނާން ދިޔަތަން އަހަރެން ދުށީމެވެ. އަޑެއްވެސް ލައްވާނުލާ ލިފްޓްގެ ކަނެއްގައި ހުރެވުނީ ކިހާއިރަކު ކަމެއް އަހަންނަކަށް ނޭގުނެވެ. ޝުކުރު ކުރެވުނީ ވެރިންނަށްޓަކައި ވަކި ލިފްޓެއް އޮފީހުގައި ޚާއްޞަކޮށްފައި ހުރުމުގެ މުހިއްމުކަން، މިއަދު ވިސްނުނީތީއެވެ. 

" ކުރިއަށް އޮތީ ބިރުވެރި ދުވަސްތަކެއް.." ލިފްޓްގެ ދޮރު ލެއްޕެން ދަނިކޮށް،  ނާދިފް ބުނެލިއަޑު އިވުނެވެ. 

****

އެތައް ނުތަނަވަސްކަމަކުން އަހަރެންގެ ސިކުނޑިވަނީ ހާސްވެފައެވެ.  ވަޒީފާގައި ހޭދަކުރެވުނު ދިގުމުއްދަތުގައި ދުވަހަކުވެސް  ނާންނަހާ އަވަހަށް އަހަރެން މިއަދު ގެއަށް އައީމެވެ. މިހުރިހާ ކަމަކުން މިންޖުވެވޭނެ މަގެއް ހޯދަން ވިސްނާލަން ވަގުތުކޮޅެއް އަހަރެންގެ އަމިއްލަ ނަފުސައް  ބޭނުމެވެ. 

ވިސްނި ވަރަކަށް ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ކޮޅެއް މެދެއް ފެންނާނެ އެންމެ ފޯމިއުލާއެއްވެސް ހިތަކަށް ނައެވެ. ހީވަނީ ދުނިޔޭގެ ހަ ފަރާތުން އަހަރެން ފިއްތާލާފައިވާހެނެވެ. 

އައިސްފެނުން ގަޑިއެއްހާއިރުވަންދެން އަހަރެން ފެންވެރީމެވެ. މުޅިހަށިގަނޑު އައްސިވީރުވެސް ހިތާއި ސިކުނޑި އައްސިއެއް ނުވިއެވެ.

ނިދަން ތައްޔާރުވެގެން އަހަރެންގެ މާމަ ހަދިޔާކޮށްފައިވާ، އަހަރެންގެ އެންމެ މަގުބޫލް ނޯޓް ފޮތް ހިފައިގެން އަހަރެން އިށީނީ ފޮތްކިޔުމަށްޓަކައި ކުޑަދޮރުގައިރީގައި އަހަރެން ހަދާފައިވާ އެންމެ ހިތްގައިމު ޖާގައިގައެވެ.  ބޭރު ފެންނަ ގޮތަށެވެ.

އަހަރެން އެންމެ ގިނައިން ކިޔާ، އެންމެ މަގުބޫލު ސަފްހާތަކުން ސަފްހާއެއް ހުޅުވާލީމެވެ. ކިޔުމަކީ އަބަދުވެސް އަހަރެންނަށް އަމާންކަން އިހްސާސްކޮށްދޭ ކަމެކެވެ. މާމައަކީ އެ އުމުރު މީހުންގެ ތެރެއިން ތައުލީމާއި ތަހުޒީބުގެ ތިލަފަތުން ކިރާނަމަ އެފަދަ ދެވަނައެއް ނެތް ރައުސުލްމާލެކެވެ. ދިވެހި ބަހުގެ އިތުރުން އިނގިރޭސި، އަރަބި، އުރްދޫ އަދި ހިންދީ ބަހަށް މާމަ ނުހަނު ފަރިތައެވެ.  އަހަރެންނަށްޓަކައި މާމަ ލިޔެފައިވާ އިބާރަތްތަކަކީ ދުނިޔަވީ ހަގީގަތްތަކަކަށް ވާނެކަމަށް މީގެކުރިން ހީކުރެވިފައި އޮތަސް، މިއަދު މިކުރެވޭ އިހްސާސްތައް މުޅިން ތަފާތެވެ. 

ބާރުގަދަ ރިހުމަކުން ހިތުގައި ރިއްސަނީއެވެ. ތޫނު ހަތިޔާރަކުން ސިކުނޑި ތޮރުފާހެން ހިވަނީއެވެ.  ލޮލުން ދިލަވެސް ނަގަނީއެވެ. އަތުގެ އިނގިލިތައް ތުރުތުރުވެސް އަޅަނީއެވެ. 

އަހަރެންނަށް ފިރުމާލެވުނު ސަފްހާގައި ލިޔެފައިވަނީ ރިހުން އެކުލެވިގެންވާ ޢިބާރާތްތަކެވެ. އެއީ ހަރުކަށި އިންޒާރުތަކެއްކަން އަހަރެންގެ ސިކުނޑި ބުނެދިނެވެ. ފުރަތަމަ ފަހަރަށެވެ. 

'އިޙްސާސްކުރެވޭނީ ރިހުމެއްގެ ގޮތުގައެވެ. މިންޖުވެވުމެއް ނެތް ރިހުމެކެވެ.  ކުރެވޭނެ އެއްކަމެއްވެސް ނެތި ތިބާގެ އާރެއް ބާރެއް ނެތްކަން ސިކުނޑިއަށް ވިސްނޭނެއެވެ. އެންމެ ބޮޑު ރިހުމަކީ އެއީއެވެ. ހަށިގަނޑުގެ އެންމެ ކުޑަ ސެލް ވެސް މި ރިހުން ތަހަންމަލް ކުރާނެއެވެ. ނުރައްކާތެރި ބައްޔަކުން މުޅި ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ކައި ހުސްކުރަނީހެން ހީވާނެއެވެ.

ދާދީ އަވަހަށް ތިބާއަކީ ހަމައެކަނި އެހެންމީހުންނަށް ފެންނާންހުންނަ ތޮށިގަނޑަކަށް ވެ ނިމޭނެއެވެ. ހިތަކީ ތިބާއަށްޓަކައި ނެތް އެއްޗެކެވެ. ހަމަ އެކައްޗެއްވެސް ސިކުނޑީގައި ނުހުންނާނެއެވެ. އިޙްސާސަކީ ތިބާ ދަންނަ އެއްޗެއްކަމުގައި ނުވާނެއެވެ. ތިއީ ހަމައެކަނި ތޮށިގަނޑެކެވެ. ހިތްދަތިކަމާއި ރިހުމާއި ވޭނާއެކު އެހެންމީހުންގެ ކުރިމަތީގައި އެނބުރޭ ހުސް ތޮށިގަނޑެކެވެ. 

އިހްސާސެއް ނެތްކަން އިހްސާސްކުރެވުމުގެ ރިހުމަކީ މިއީއެވެ.' 

ދެލޯ ފުރިފައިހުރި ހޫނު ކަރުނަތައް އަހަރެންގެ ކޯތާފަތުން ފާއްދައިލުމުން ދެލޯ މަރައިލީ އަތުގައި އޮތް ފޮތް ލައްޕާލަމުންނެވެ.

..................... ތިން ހަފްތާ ފަސް ....................

އަހަރެން ހުއްޓިލައިގެން މިހުރީ 'ޝައްޔާން ހައުސް' ކުރިމަތީގައެވެ. އަހަރެންނާއި ޖެހިގެން ދާދިގަތުގައި ނާދިފް ހުއްޓެވެ. ކައިވެނި ކުރެވުނީ ޝައްޔާން ކޮމެޕެނީގެ ހޮޓަލެއްގެ ސެމިނާރ ރޫމްގައެވެ. ކައިވެނީގެ ހަފްލާއެއްގައި ޝަރުއީގޮތުން ކޮންމެހެން ތިބެންޖެހޭ އަދަދުގެ އިތުރަށް ހަމަ އެންމެ މީހަކުވެސް އެތަނުގައި ނެތެވެ. އަހަރެންގެ އާއިލާއިން ވަލީވެރިއެއްގެ ގޮތުގައިވެސް ހުރީ އަހަރެން ދުވަހަކުވެސް ދުއްމީހަކު ނޫނެވެ. ޝައްޔާން ސަރ ބުނިގޮތުން، އެއީ ކޯޓުގެ ގާޒީއެކެވެ. މިކައިވެނީގެ އެއްވެސް ޚަބަރެއް އެއްވެސް ރައްޓެއްސަކާ ހިއްސާނުކުރުމަށާއި ނުވަތަ މީޑިއާއަށް ހާމަވެދާނެފަދަ އެއްވެސް ކަމެއް ހިނގާފާނެކަމަށްޓަކައި ޝައްޔާން ސަރ ހުށިޔާރުވެގެން ކަންކަން ބެލެހެއްޓިގޮތް އެހެން މީހަކު އަހަރެން ގާތުގައި ބުނާކަށް ނުޖެހެއެވެ.

ޔަގީންކޮށް ބުނަން ނޭގުނަސް، އަހަރެންގެ ހިތުގެ އެންމެ އަޑިން އެކަމުގެ ހަގީގަތް ގަބޫލުކުރީމެވެ.  އެއީ ނާދިފްގެ ޝަރުތަކަށް ނުވެނުދާނެ ކަމެކެވެ. ހުރިހާ ކަމެއް ޝައްޔާން ސަރގެ ބެލުމުގެ ދަށުން ގެންދިޔުމުގެ ބޮޑު ސިއްރެއް އޮންނާނެއެވެ. ނާދިފް މި ކައިވެންޏަށް ގަބޫލުވީ މުޅި ދުނިޔެއަށް މި ކައިވެނި ސިއްރުކޮށްދިނުމަށް ޝަރުތުކޮށްގެން ކަމަށްވުމަކީ އެކަށިގެންވާ ކަމެކެވެ. މި ކައިވެންޏަށް ނާދިފް އެއްބަސްވުމުގައި ފޮރުވިފައިވާ ބޮޑު ނުރައްކާ މަގުސަދެއްވާނެކަން ޔަގީނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް