ads
ސެކަންޑް ޗާންސް..!؟
ސެކަންޑް ޗާންސް..!؟
ދިރިއުޅުމުގެ ހަލަބޮލިކަމުގެތެރެއިން "ބައެއް ދުވަސްތައް" ހަޔާތުގައި މާނަކުރާނެ ގޮތް ބައެއްފަހަރު ޚުދު ތިމާއަށްވެސް ނޭގެއެވެ. އާންމު އުސޫލުން އެއްބަޔަކު މާނަކުރަނީ އުފާވެރިކަމާއި ކާމިޔާބާއި ބާއްޖަވެރިކަމެއްގެ ގޮތުގައެވެ.

ނާކާމިޔާބާއި ހިއްދަތިކަމާއި ރިހުން އެމީހެއްގެ ތަޢާރަފުގައި ޝާމިލްކުރާނީ ހަމައެކަނި ބުއްދި ގެއްލިފައިވާ ނުވަތަ ދިރިއުޅުމުން ނާއުއްމީދުވެފައިވާ އިންސާނަކު ހެއްޔެވެ؟ އޭނާއަށްޓަކައި ތަގުދީރުގައި ރޭވިފައިވަނީ ކޮން ކަމެއްކަން އިހްސާސްކުރަން އިނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ވިސްނާނުލާ ކުރެވޭ ވަޢުދަކާއި ހުވައެއްގެ ސަބަބުން، ހިނދުކޮޅެއްގެތެރޭގައި މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައިދާނެކަމަށް ހީކުރެވުނު ހެއްޔެވެ؟ މިފަދަ ހާލަތެއްގެ ބާރުގަދަ ގޮށަކުން ލާމެހި، އެކަމުގައި ބަނދެވި ގޮއްޖެހެން މަޖުބޫރުވެ އެއީ ހަޔާތުގެ އެންމެ ބިރުވެރި އަދި ދާއިމީ ހުވަފެނެއްކަމުގައި ހިމެނިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އިންސާނުންގެ ތެރޭގައި "މޮންސްޓަރޒް" އުޅޭކަމަށް ގަބޫލުކުރަން ހެއްޔެވެ؟

ކުޑައިރު ބެލުނު ކާޓޫނު ފިލުމުތަކާއި ގާތްއެކުވެރިއެއްކަމުގައި ގެންގުޅެވުނު އެތައް ވާހަކަފޮތަކުން 'މޮންސްޓަރޒް'ގެ ސިފަތައް ވަރަށް ރަގަޅަށް އަހަރެން ދެނެގަތީމެވެ. އެއީ ބިރުވެރި، ނުރައްކާ ސިފަތަކެކެވެ. އެފަދަ ވާހަކަތަކުގެ ސިފަކުރުންތައް ފުރިހަމަކަމުން އެތައް ރެއެއްގެ ނިދި ގެއްލުނު ހަނދާން ހަގީގަތުގައި މިއަދު ނެތެވެ.

ހަޔާތުން އެންމެ ރީތި އެންމެ އުފާވެރި ދުވަސްތައް ގުނަންޖެހުނު ވަގުތުގައި އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް ގުޅިފައިވަނީ ނާންމާން ބިރުވެރި ކަމަކާއެވެ. ހަގީގީ މޮންސްޓަރަކާއެކު އަހަރެން ވެއަތުކުރި ދުވަސްތައް ދާދި އަވަހަށް އެކުވެރިންނާ ބައްދަލުކޮށްދޭނަމެވެ. އޭގެ ކުރިން އަހަރެންގެ ކުޑަތަޢާރަފެއް ހިއްސާކޮށްލާނަމެވެ.

" މިޒްރާ- މިޒްރާ މަންސޫރް.."

މި ބޮޑު ދުނިޔޭގައި މާﷲ ލެއްވި މައުސޫމް ކުޑަކުޑަ އިންސާނަކީމެވެ. އުމުރުން އެންމެ ތޭވީސް އަހަރުގައި މިރާއްޖޭގެ އެންމެ ބާރުގަދަ ކޮމްޕެނީގެ ސީ އީ އޯގެ މަގާމުގައި ފަޚުރުވެރި ތިންއަހަރު ކާމިޔާބުކަމާއެކު ހޭދަކުރެވިއްޖެއެވެ. އެކުވެރިން ހޯދުމަކީ އަހަރެންގެ ކިބައިގައި ނެތް ހުނަރެކެވެ. ތައުލީމީ ހަޔާތުގައި އަހަރެންގެ އެކުވެރިޔަކީ ގަލަން، ފަންސޫރާއި ފޮތްތަކެވެ. ވަޒީފާގައި ތިންއަހަރު

ހޭދަކުރެވުނުއިރު އަހަރެންގެ ހުރީ ހަމައެންމެ އެކުވެރިއެކެވެ. ޒެއިން- ޒެއިން ހަލީމް..އެވެ. އަހަރެންގެ ވެރިންގެ ގޮތުގައި ތިން ބޭފުޅުން ތިއްބަވާއިރު އެއިގެތެރެއިން ދެ ބޭފުޅުންނަކީ އަހަރެންގެ 'އެކުވެރިން'ނެވެ. އަހަރެންގެ ދުނިޔެއަކީ މިއީއެވެ.

އަބުރުވެރި، ތަޢުލީމީ ކުޑަކުޑަ އާއިލާއަކަށް ނިސްބަތްވުމަކީ އަހަރެންގެ ފަޚުރެއްކަމުގައި އަބަދުވެސް ގަބޫލުކުރަމެވެ. ނަމަވެސް މިއަދު އެ އާއިލާވެސް އަހަރެންނާއެކު ނެތެވެ. މަންމަ، މައިރާ ސަލީމްއާއި ބައްޕަ، މުހައްމަދު މަންސޫރްއާއި ކޮއްކޮ، އިޝްރާޤް ނިޔާވީ މުމްބާއީއަށް ކުރި ދަތުރެއްގައި ހިނގި ބަސް އެކްސިޓެންޑެއްގައެވެ. އަހަރެންގެ އުމުރުން އޭރު އެންމެ ދިހަ އަހަރެވެ.

ލޮބުވެތި މާމަ ނުސައިބާ މައުޒޫމް ނިޔާވީ މިދިޔަ އަހަރުއެވެ. އިތުރު ތަޖުރިބާއަށް އޮފީސްފަރާތުން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އޭރުވެސް އަހަރެން ހުރީ ލަންޑަންގައެވެ. 'ހާރޓް އެޓޭކެ'އްގައި މާމާ ނިޔާވީ ނުހަނު ކުއްލިގޮތަކަށެވެ. މާމަގެ ޖަނާޒާގެ ކަންތައްތަކުގައި ޝައްޔާން ސަރއާއި ޒެއިންގެ ފަރާތުން ލިބުނު އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާންނައްތާ ނުލާނަމެވެ.

ބައްޕަގެ ހުރިހާ މުދަލެއް އަހަރެންގެ މައްޗަށް މާމަ ބަދަލުކުރުމާއެކު، މަންމަފަރާތު ބޮޑު ދައިތަ އަނާބިއާ އާއި އޭނާގެ ފިރިމީހާ އަހަރެންގެ ބަލަދުވެރިކަން ލިބިގަތުމަށް ޝައުގުވެރިވި ސަބަބު އެނގުނީ މާމަ ނިޔާވިފަހުންނެވެ.

ރިޝްވަތުގެ ހުތުރު އަމަލާއެކު، އެމީހުންގެ ރޭވުންވަނީ ކާމިޔާބުކޮށްފައެވެ. އަހަރެންގެ ނަމުގައި ހުރި މުދަލަކާއި ވިޔަފާރި އަދި ބައްޕަގެ ބޮޑު ގެ ވެސް މިއަދު އެއީ އެމީހުންގެ ތަރިކަ މުދަލެވެ. ގެއިން ނިކުތުމަށް ފާޅުގައި ނުބުނި ކަމުގައިވިޔަސް، ލިބެމުންދިޔަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަށް ކެތްކުރުމުގެ އިތުރު ބޭނުމެއް ނެތުމުން އެކަމުން އަހަރެން ސަލާމަތްވީމެވެ. އެމީހުންގެ ނުބައިކަން އެމީހުންނަށެވެ. ބަދަލުހިފަން ނުވަތަ ފޭރިގަތް އެއްޗެއް ހޯދަން ދުވަހަކުވެސް އަހަރެން ނުދާނަމެވެ.

އަހަރެން ދިރިއުޅެމުންމިގެންދަނީ ލަގްޒަރީ އެޕާޓްމެންޓެއް ގަނެގެން 'ހުޅު މާލެ'ގައެވެ.

މިވަގުތު އަހަރެން މި އިނީ އޮފީހުގައި، އަހަރެންގެ ކެބިންގައިގައެވެ. ޖާގަ ބޮޑު، ތަނަވަސް މިކެބިންގެ ހިތްގައިމު މޭޒުމަތީގައި ތަރުތީބެއް ނެތިފައި އެތައް ފައިލެއް އެބައޮތެވެ.

ފާއިތުވި ހަ މަހުގެ ހިސާބުތަކުން ދައްކަނީ ކޮމްޕެނީގެ ވިޔަފާރި ދައްވެފައި ވާކަމަށެވެ. އެންމެ މީހެއްގެ އިހުމާލުންނެވެ. އަހަރެންގެ މާބޮޑު ހާސްކަމެއް އެކަމުގައި ނެތެވެ.

ރަގަޅުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތެވެ. ގެއްލުނު ބަޔާއެކު އިތުރަށް ފައިދާ ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ރެއާއި ދުވާލު ހޭދަކޮށްގެންވެސް އިންޝާﷲ އަހަރެން ކާމިޔާބުކުރާނަމެވެ.

ހިޔާލުގެ ދުނިޔެއިން އަހަރެންގެ ސިކުނޑި ހޭލައްވާލީ ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.

''އެތެރެއަށް ވަދެލާ'' އަޑު އިވުމާއެކު ދޮރުހުޅުވާލި އަޑު އިވުނެވެ. އަހަރެންގެ ސަމާލުކަން އޮތީ ފައިލްތަކަށެވެ.

" އޫމްމްމ.. މިޒްރާ!"

އެއަޑު ޖެހުމާއެކު އަހަރެން ކުއްލިޔަކަށް ގޮނޑިން ތެދުވީމެވެ.

"ސަރ..!!؟؟"

އަހަރެންގެ ގޮނޑިއާއި ދުރައްޖެހިލާފައި، ސަރ އިށީނުމަށް އަހަރެން ޖާގަ ދިނީމެވެ.

މުހައްމަދު ޝައްޔާން ދީދީ. ޝައްޔާން ކޮމްޕެނީގެ ބާނީ.

މަޑުމަޑުން ހިންގާލާފަ ގޮސް އަހަރެންގެ ގޮނޑީގައި ސަރ އިށީނުމާއެކު މޭޒުގެ ކުރިމައްޗަށް ވާގޮތައް އަހަރެން ހުއްޓެލީމެވެ. އެވަގުތު އިށީނުމަށް ސިކުނޑި ސިގުނަލް ނުދިނީތީއެވެ.

" އުމްމްމްމމ... ހުމްމްމްމމ.. ޔެސް.." އެއްޗެއް ބުނަން ސަރ މަސައްކަތްކުރިއެވެ.

އަހަރެން ހިނިތުންވެލީމެވެ.

"ޔެސް ސަރ!"

" މި ކޮމްޕެނީގެ މަސައްކަތްތަކަށް ތަމްރީނުކުރެވުނު އެންމެ ބޮޑު ރައުސުލްމާލަކީ ތިއީ ކަމަށް އަހަރެން ގަބޫލުކުރަން.. މިޒްރާއަށް ވުރެން ހުނަރުވެރި، އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު މިތަނުގެ މަސައްކަތްތައް ކުރާނެ އެހެންމީހަކު އަހަރެންގެ ލޯކުރިމައްޗަށް އަންނާނެހެނެއް ހިޔެއްވެސް ނުވޭ.. މަސައްކަތުގައި މިޒްރާއަށްވުރެން ބޮޑަށް އަހަރެން ބަރޯސާވާ އަދި އިތުބާރުކުރާ އެހެން އެއްވެސް މީހަކު ނުހުންނާނެ.. އެކަން އިނގޭދޯ.." ސަރގެ ވާހަކަ ގެންދަނީ ކޮން މިސްރާބަކަށް ކަމާއިމެދު ގޮތެއްނިންމަން މިވަގުތު އަހަންނަށް ފަސޭހައެއްނުވިއެވެ.

އިސްއުފުލާލާފައި ސަރގެ މޫނައް ބަލާލަން މަޖުބޫރުވީ 'ހުރިހާ ކަމެއް' މުޅީން ރަގަޅުނޫންކަން އިހްސާސް ކުރެވުމުންނެވެ. 'ރަގަޅުނޫނީ' ކޮންކަމެއްކަން ސީދާސީދަލައް ސަރ ބުނެދިނުމަށް އަހަރެންގެ ދެ ލޯ އެދުނެވެ.

ކެބިންގެ ތެރޭގައި ހަމަހިމޭންކަން މިވަގުތު އަހަންނަށް ހިތްހަމަޖެހުމެއްކަމުގައި ނުވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެތައް ޚިޔާލްތަކެއް ސިކުނޑި ނުތަނަވަސްކޮށްލިއެވެ.

އަހަރެން މި ވަޒީފާއިން ވަކިކުރާން ސަރ ބޭނުންވަނީ ބާއެވެ؟ އެކަމަކު، ކީއްވެ ހެއްޔެވެ؟

" ގޯޑް... ދިޒް އިޒް ސޯ ޑިފިކަލްޓް..! އޯކޭ! ސީދާ ސީދަލަށް މިވަގުތު އަހަރެން ބުނާނަން.."

ސަރގެ ޖުމުލައިން އަހަރެންގެ ހަތަރެސްފައިން ހީނބިހި ނެގިއެވެ. ދެލޯ ބޮޑުވެ، ދެބުމަ ގޮއްޖެހުނީ ކިހިނެއް ކަމެއް ނުވެސް އެނގުނެވެ.

" މިޒްރާ.. އަހަރެން.. ބޭ ނު މީ.. އަ ހަ ރެން ބޭނުމީ، އަހަރެންގެ ދަރިފުޅާ މިޒްރާގެ ކައިވެނިކުރަން"

އުޑުގެ ވިލާތައް ފަޅަފަޅައިގެން ދާވަރުގެ ބާރުގަދަ ގުގުރިއެއް އަހަރެންގެ ކަންފަތަށް އަމާޒުވި ފަދައެވެ. އިވުނު އަކުރުތަކާއި ފިލިތައް ތަރުތީބުކުރާން އަހަންނަށް ނޭގުނީ ހެއްޔެވެ؟

"ވަ... ޓް..؟!" ބުނެވުނީކަމެއް ނުވަތަ ހަޅޭއްލަވައިގަނެވުނީކަމެއް އަހަންނަކަށް ނޭގުނެވެ.

"ހަމަޖެހޭ މިޒްރާ.. ހަމަޖެހޭ.." ދެއަތުގެ އިޝާރާތުން ހަރަކާތްކޮށްލަމުން ސަރ ބުނެލިއެވެ. މަޑުމަޑުން ހިނގާލާފައި އައިސް ސަރ ހުއްޓުނީ އަހަރެންގެ ގާތުގައެވެ. ކޮނޑުގައި ސަރގެ އަތްބާއްވާލިހެން ހީވުމުން ސަރގެ އަތަށް ބަލައިލެވުނެވެ.

"މިޒްރާ..! މިވަގުތު މިކަންކުރުން އަހަންނަށް ވަރަށް ވަރަށް މުހިއްމު.. މި ނޫން ހަމަ އެހެން އެއްވެސް ގޮތެއް ނެތީ.. މިވަރުކަމެއްގައި މި އެދުނީ ވަރަށް ވިސްނާފަ" ސަރ ބުންޏެވެ.

" ސަރ.. އަޅުގަނޑު....؟ ސަރގެ ދަރިފުޅު..!!؟؟ އަހަރުމެން ދެމީހުން..!؟" އަހަރެންގެ ޖުމުލަ ފުރިހަމަ ކުރުމުގެ ބޭނުމެއްވެސް ނެތެވެ.

ދުލުގައި އޮތް ބަސް ސަރ ދެނެގަތެވެ. ސަރގެ މޫނުން އެކަން އަހަންނަށް ސާފުވިއެވެ. ހިނދުކޮޅަކަށްފަހު ހަމަހިމޭންކަން ނައްތާލީ އަހަރެންގެ ނުތަނަވަސްކަން އިތުރުކުރަމުންނެވެ.

" މިޒްރާ! އޭނަ ހިނގަމުން އެދަނީ މުޅިން ނުބައި މަގަކުން.. އެކަމުގެ ތެރެއިން އަހަރެންގެ ދަރިފުޅު މިންޖުކޮށް ހަމަމަގަށް އަޅުވައިދޭނެ ކޮންމެވެސް މީހަކު އަހަރެން ބޭނުން.. މިކަން ކޮށްދެވޭނީ، ނުވަތަ އޭނާ ހުއްޓުވައިދެވޭނީ ހަމައެކަނި މިޒްރާއަށް.." ސަރގެ ބޭނުމާއި ސަރއަށް ފެންނަގޮތް ހުށަހެޅިއެވެ.

"އެކަމަކު ސަރ.. ސަރގެ ދަރިފުޅުގެ ހަގީގަތް ސަރއަށް ވެސް އިނގޭނޫންތޯ..! އޭނަގެ ގާރލްފްރެންޑެއް ހުރޭ.. ފެންނަފެނުމަށް އެދެމީހުން އެކަކުއަނެކަކުދެކެ އިންތިހާއަށް ލޯބިވޭ" އަހަރެން ބުނީމެވެ.

"އޯހހހޕްލީޒް.. އެންމެންނަށްވެސް އިނގޭ އެއަންހެން ކުއްޖާގެ މަގުސަދަކީ ކޮބައިކަން.. އަހަރެންގެ ދަރިފުޅުގެ ފަހަތުން ނުނެއްޓި އޭނާ އެއުޅެނީ ކީއްވެގެންކަން..! އަދި ކީއްކުރަންކަން..!" ހިތްހަމަނުޖެހުމުގެ އަސަރުތައް ސަރގެ ބުނެލުމުގައި ވިއެވެ.

"މިހިނދުކޮޅަށް، އެ އަންހެންކުއްޖާގެ ވާހަކަ މަޑުޖައްސާލާ! ބުނެބަލަ، މިޒްރާ އަހަންނަށް މިކަން ކޮއްދޭނަންތަ؟" ސަރގެ އަޑުގައި ހުރި އިހްސާސްތައް ދެނެގަންނާން މިފަހަރު އަހަންނަށް ފަސޭހައެއް ނުވިއެވެ.

"ބަޓް.. ސަރ.. ހީ ހޭޓްސް މީ! އެންޑް އައި ޑޯންޓް ލައިކް ހިމް އެއިދަރ" ފެންނާންއޮތް އެންމެބޮޑު ހަގީގަތް ސަރއަށް ބުނެދިނުމަކީ މުހިއްމުކަމެއްކަމަށް އަހަންހަން ވިސްނުމުން އެކަން ކުރީއެވެ.

އަހަރެންގެ ކޮނޑުން ސަރ އަތް ދޫކޮށްލިއެވެ.

"މިޒްރާ...! އީވެން ބަޤްޝޫރާ ޔޫސްޑް ޓް ހޭޓް ޔޫ..! އެކަމަކު މިހާރު ދެކިބަލަ.. ތިއީ ބަޤްޝޫރާގެ ފޭވަރިޓް ދޯ..! ޝީ ލަވްސް ޔޫ" އަހަންނަށް ވިސްނައިދިނުމަށް ސަރަ މަސައްކަތްކުރިއެވެ.

" ސަރ.. ބަޓް.. ވައި.. މީ؟!" ތަކުރާރުކޮށް އުފެދެމުންދިޔަ ސުވާލު ސަރއަށް ހުށަހެޅީމެވެ.

"މިޒްރާ! އަހަރެންގެ މީހުންނަށް އަހަރެން އަބަދުވެސް ދެނީ 'ބެސްޓް'.. އެމީހުންނަށްޓަކައި، އެދެނީވެސް 'ބެސްޓް'... އެންޑް ޔޫ..! ޔޫ އަރ ދަ ބެސްޓް! ތިޔަށްވުރެން ފުރިހަމަ ބައިވެރިޔަކު އަހަރެންގެ ދަރިފުޅަށް އުމުރުގައިވެސް ނުލިބޭނެ.." ފަޚުރުވެރިކަމާއެކު ސަރ ހަގީގަތް ބުނެދެމުންދިޔައެވެ.

"ހަނދާންވޭތަ މިތަނުގެ ވަޒީފާއަށް އައި ފުރަތަމަ ދުވަސް..؟ ވަޢުދެއް ވެވިފައި އޮތް ހަނދާން އެބަހުރިތަ..؟ އަހަރެން ބޭނުން ކޮންމެ ވަގުތަކު ކޮންމެ ކަމަކަށް އެދުނުކަމުގައިވިޔަސް ' އެކަމެއް ކޮށްދޭނެކަމަށް ހުވާ' ކުރި ހަނދާން އެބަހުރިތަ؟" އަހަރެންގެ ދެފައި ދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. ނަމަވެސް އެއީތެދެކެވެ.

"މިޒްރާ..! މިއީ އެވަގުތު.. އަހަރެންގެ ދަރިފުޅާ ކައިވެނި ކޮށްދީ..!" ސަރގެ ހުށަހެޅުން ތަކުރާރުކޮށްލިއެވެ. އުއްމީދާއެކު އަހަރެންގެ ކުރިމަތީގައި ސަރގެ ދެއަތް ޖޯޑް ކޮށްލިއެވެ. މިއީ ދުވަހަކުވެސް، ހުވަފެނުގައިވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް