ads
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް
ޝެހެބާޒް އަލުން ޕާކިސްތާންގެ ބޮޑުވަޒީރަކަށް
ޕާކިސްތާނުގައި އަލަށް އެކުލަވާލި ގާނޫނު ހަދާ މަޖިލީހުން، އެ ގައުމުގެ ބޮޑު ވަޒީރު ކަމަށް ޝެހެބާޒް ޝަރީފް ދެވަނަ ފަހަރަށް އައްޔަންކުރައްވައިފި އެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ކޮއްކޯފުޅު ކުރިން ބޮޑުވަޒީރުކަން ކުރެއްވީ އެޕްރީލް 2022 އިން އޮގަސްޓް 2023 އަށެވެ. ބޮޑުވަޒީރު ކަމަށް ޝެހެބާޒްގެ 2022 ގައި އައްޔަންކުރެއްވީ އޭރު ބޮޑުވަޒީރަކަށް ހުންނެވި އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

ޝެހެބާޒަށް އަލުން މިއަދު ޕާކިސްތާންގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވީ މިދިޔަ މަހުގެ 8 ގައި ބޭއްވި އާންމު އިންތިހާބުގައި އޭނަ ނިސްބަތްވާ ޕާކިސްތާން މުސްލިމު ލީގް-ނަވާޒް (ޕީއެމްއެލްއެން) އާއި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަރު ބުއްޓޫގެ ފިރިކަލުން އަލީ އާސިފު ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ނިންމި ކުރި މަޝްވަރާތަކާ ގުޅިގެންނެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރިޔާސީގަނޑުވަރުގައި އޮންނާނީ މެންދުރު އެވެ.

ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ޓަކައި 266 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެ އެވެ.

އިންތިހާބުގައި ޕީއެމްއެލްއެން 75 ގޮނޑި އަދި ޕީޕީޕީއިން 54 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، 93 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި އޮންނެވި އިމްރާން ޚާން ތާއީދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް