ads
ޗައިނާ އީސްޓަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ޗައިނާއިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް އާ މަންޒިލަކުން ރާއްޖެއަށް އަލުން ފަށައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައި މިވަނީ ކޯވިޑާއި ގުޅިގެން އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެވެ.

ޗައިނާ އީސްޓާންގެ އެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ވޯޓާ ސެލިއުޓަކާ އެކު އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގު ލިޒިން އެވެ.  

ރައީސް ޑރ. މުހައްމަދު މުއިއްްޒު ޗައިނާއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ވަނީ ފަތުރުވެރިކަމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މުހިއްމު މަޝްވަރާތަކެއް ބާއްވަވާފަ އެވެ. އެ މަޝްވަރާގެ ތެރެއިން ވަނީ ރާއްޖެ އަންނަ ޗައިނާގެ އެއަރލައިންތަކުގެ އަދަދު އިތުރުކޮށް، ޗައިނާގެ ވީހާވެސް ގިނަ މަންޒިލްތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާކުރައްވާފައެވެ. ޗައިނާ އީސްޓަންގެ ދަތުރުތައްވެސް ފަށާފައި މިވަނީ ރައީސް ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ.

your imageޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން - ފޮޓޯ/ވިޒިޓް މޯލްޑިވްސް

ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ވީ ނަމަވެސް ކޮވިޑާ އެކު އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޭރަށް ދަތުރުކުރެވޭ ގޮތަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވީ މިދިޔަ އަހަރު އެވެ. އެއާ އެކު މިއަހަރު ޗައިނާ އަނެއްކާ ވެސް ވެފައި ވަނީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމަށެވެ.

މިހާރު ރާއްޖެ އާއި ޗައިނާއާ ދެމެދު ޖުމްލަ ފަސް އެއާލައިނަކުން ދަނީ އުދުހުންތައް ބާއްވަމުންނެވެ. މީގެ ތެރޭގައި އެ ގައުމާއި ޔޫރަޕާ ގުޅުވައިދޭ ބޮޑެތި އެއާލައިން ތަކެއް ވެސް ހިމެނެ އެވެ. މިރޭ ޗައިނާއިން ފަށާ މި އެއާލައިންއަކީ މި އަހަރު ފެށުނުފަހުން ރާއްޖެއަށް ފަށާ ޗައިނާގެ ތިން ވަނަ އެއާލައިން އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 51,984 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިހާރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމްގެ 13.7 ޕަސެންޓް ހިއްސާ ކުރެ އެވެ. 

މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް