
މެދު ހެންވޭރު ދާއިރާއަށް ވާދަކުރީ ހުސައިން ނާސިހް އާއި، ކުރީގެ ގޯލްކީޕަރ ހަސަން ރަމީޒު (ޓިމޯ) އެވެ. އެ ދުވަހު ވޯޓްލުން ފެށުނު ހިސާބު އެ ދާއިރާގައި މައްސަކަތައް ފެންމަތިވެ ވޯޓްލުން ހިގަމުން ދަނިކޮށް ވޯޓް ފޮށި އެއްލާވެސް ލިއެވެ. އަދި ވޯޓްތައް ގުނަން ތައްޔާރުކޮށް ބަންޑެލް ޖަހާފައި ހުއްޓާ ބަޔަކު މީހުން އެތަނަށް ވަދެ ވޯޓް ކަރުދާސްތައް އިރާލާ ވަނީ އުކާލާފައެވެ.
މައްސަލަ ޖެހުނީ ވޯޓް ލިސްޓުގައި ނެތް ބައެއް ލިސްޓުގައި ހިމަނާ މާކުރިންވެސް ޕާޓީގައި ތިބި ބަޔަކު ދަފްތަރާއި ވޯޓާސް ލިސްޓުން އުނިކުރިކަމަށް ބުނެއެވެ.
މި މައްސަލަ ޓިމޯގެ ފަރާތުން ކޯޓަށް ހުށަހަޅައި، ވަގުތީ އަމުރަކަށް އެދުނު ނަމަވެސް ކޯޓުން ނިންމީ، އަމުރަށް އެދުނު ސަބަބުތަކަށް ބާރު ލިބޭފަދަ ހެއްކެއް ހުށަހަޅާފައި ނެތުމުން އެދުނު އަމުރު ދެވެން ނެތް ކަމަށެވެ. އެގޮތަށް ނިންމީ ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދުއެވެ.
ޕީއެންސީ އިން ނަތީޖާ އާންމުކުރިއިރު 130 ވޯޓުން ޕްރައިމަރީ ކާމިޔާބު ކުރީ ހުސައިން ނާސިހު އެވެ. ޓިމޯ އަށް ލިބިވަޑައިގަތީ 103 ވޯޓެވެ. އަދި ބާތިލް 10 ވޯޓުލާފައިވާ ކަމަށްވެސް ނަތީޖާ އިން ދައްކަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިމޯ މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ދާއިރާގެ ޓިކެޓް ލިބުނު ކަމަށް ޕާޓީން ނިންމި ހުސައިން ނާސިހު މިއަދުވަނީ އޭނާގެ ކެންޑީޑޭސީ އިލެކްޝަނަށްވެސް ހުށަހަޅާފައެވެ.