ads
ފިނޭންސްއިން 2.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް 2.1 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީބިލް) ފިނޭންސް މިނިސްޓްރީން ވިއްކައިފި އެވެ.

ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ.

މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި މަސް ދުވަހުން ދައްކާ ގޮތަށް 974 މިލިއަން ރުފިޔާގެ ޓީިބިލް ވިއްކަން ހުޅުވާލުމުން 997 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އަދި އެއް އަހަރުން ވިއްކާ ގޮތަށް 842 މިލިއަން ރުފިޔާ ހޯދަން ހުޅުވާލުމުން 852 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މިނިސްޓްރީން ޖުމްލަ 2.2 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން ހުޅުވާލި ނަމަވެސް ވިކިފައިވަނީ އެ އަދަދަށްވުރެ 146 މިލިއަން ރުފިޔާ މަދުންނެވެ. މަދުން ވިކިފައިވަނީ ތިން މަސް ދުވަހާއި ހަ މަސް ދުވަހުން ދައްކާ ޓީބިލުތަކެވެ.

އެގޮތުން ތިން މަސް ދުވަހުން ދައްކާ ގޮތަށް 316 މިލިއަން ރުފިޔާ ހޯދަން ހުޅުވާލުމުން 224 މިލިއަން ރުފިޔާ ލިބުނުއިރު، ހަ މަސް ދުވަހުން ދައްކާ ގޮތަށް 149 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލުމުން ވިކުނީ 62 މިލިއަން ރުފިޔާގެ ޓީބިލެވެ.

މީގެއިތުރުން ޓީބިލާއި ޓްރެޝަރީ ބޮންޑު ވިއްކައިގެން 3.95 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ބޮރޮވިން ޕްލޭނުގައިވެ އެވެ. އަދި ބަޖެޓު ޑެފިސިޓުވެފައިވާ 16.3 ބިލިއަން ރުފިޔާގެ ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަނީ ބޭރުން ކަމަށް އޭގައި ބުނެފައިވެ އެވެ.

ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ކުރު މުއްދަތުގެ މި ބިލްގައި މިހާރު އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީސް އަދި އަމިއްލަ ކުންފުނިތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް