ads
ގެމަނަފުށީ މަސްވެރިން މަސްވެރިކަން ކުރަނީ: މަސްވެރިކަން ޕްރޮމޯޓުކުރަން ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަން ވަނީ ނިންމާފައި - ފޮޓޯ:ގެމަނަފުށީ މަސްވެރިން
މަސްވެރިކަން ޕްރޮމޯޓުކުރަން %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަނީ
މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ޕްރޮމޯޓުކުރުމަށް ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކުގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު ވަޒީރުންގެ މަޖިލިހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލިހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން އުފެއްދެވުމަށް ނިންމެވި މި ކުންފުންޏަކީ އެކުއަކަލްޗަ، މެރިކަލްޗަ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމާއި އުފެއްދުންތަކަށް އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރާނެ އެވެ. އަދި މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް