ads
މަލްޓި-ސްޕީސިސް ހެޗަރީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
މާނަގަލާގައި އަޅަން ހަމަޖެހުނު މަލްޓި-ސްޕީސިސް ހެޗަރީގެ ބިންގާ އަޅައިފި
ގއ. މާނާގަލާގައި ގާއިމުކުރަން އެއްބަސްވެފައިވާ މަލްޓި-ސްޕީޝީސް ހެޗަރީގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްގީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައި 2017 ވަނަ އަހަރުން ފެށިގެން ވޯލްޑް ބޭންކުގެ އެހީގައި، ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދެވުނު ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މާނާގަލާގައި ގާއިމުކުރަން އެއްބަސްވެފައިވާ މަލްޓި-ސްޕީޝީސް ހެޗަރީގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަހުމަދު ޝާފިއު އާއި ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލުގެ ރައީސް އިބްރާހިމް ޝަހީން ކަމަށެވެ.

ޑިޒައިން، ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި ޓްރާންސްފަ މޮޑެލްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ދުބާއީގެ އެކުއާ ބްރިޖް ގްރޫޕް އާ 20 އަހަރުގެ މުއްދަތަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަލްޓި-ސްޕީޝީސް ހެޗަރީ ފުރަތަމަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަ ގާއިމުކޮށް އަދި ދެވަނަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ތެރޭގައި ހިމެނޭ ނާސަރީތަކާއި ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި ލެބޯޓަރީތަކުގެ އިތުރުން މޫދު ކޮށިތައް ގާއިމުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ މި ހެޗަރީން މަސްވެރިންނަށް ބޭނުންވާ އެމުގެ ބާވަތްތަކާއި ކުދި ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މިގޮތުން އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، އެއް މިލިއަން ކުދި ކަސްފާނަ އަދި ހަ ލައްކަ ހުއިފިލަނޑާ އާލާކުރުމަށް ހަމަޖެހިފައިވާ ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިއީ، ރާއްޖޭގައި މެރިކަލްޗަ ސިނާއަތެއް ގާއިމުކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، މަލްޓި-ސްޕީޝީސް ހެޗަރީއެއް ގާއިމުކުރެވޭ ފުރަތަމަ ފަހަރު ކަމުގަ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ މެރިކަލްޗަގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަކީ، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީ އާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިގުތިސޯދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް