
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީން ބުނީ އެ ކޮމެޓީއަށް ހާޒިރު ވުމާ ހަމަޔަށް ޕޯޓަލްގެ ފުރިހަމަ އެކްސެސް އޭސީސީއަށް ލިބިފައި ނުވާ ކަމަށާއި، ކޮމެޓީއަށް ހާޒިރު ވުމުގެ ކުރިންވެސް އެ ކަމުގެ މަޝްވަރާ ކުރެވިފައި ވާ ކަމަށެވެ.
އެހެންނަމަވެސް އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ހުރިހާ މައުލޫމާތު ތަކަކީވެސް އެ ޕޯޓަލަށް ވަދެގެން ހޯދާފައި ހުރި މައުލޫމާތު ތަށް ކަމަށެވެ.
އޭސީސީން ބުނި ގޮތުގައި މުޅި ޕޯޓަލްގެ ފުރިހަމަ އެކްސެސް އެ ކޮމިޝަނަން ލިބޭގޮތަށް ހަދައިދިނުމަށް އެދިފައި ވާނެ ކަމުގަ އެވެ. އެގޮތުން އެކްސެސް ދިނުމަށް އެދިފައި ވާނީ އޭސީސީ އަށް އެ މައުލޫމާތު ތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެހެން، ހަމަ އެކަނި މައުލޫމާތުތަށް ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ ފުރަތަމަ 4،000 މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ މީހުންނާއި، އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ މީހުން ހިމެނޭ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން އަންގައިފަ އެވެ.
މި މައްސަލައާއި ގުޅިގެން ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި ދޫކޮށްފައިވާ ފްލެޓުތަކާ މެދު އަމަލުކުރާނީ އޭސީސީން ދޭ ލަފައެއްގެ މަތިން ކަމުގަ އެވެ. އެ ލިސްޓު ރީއިވެލުއޭޓް ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެ ލަފައަށް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.