ads
ޔޫރަޕިއަން ޔޫނިއަންގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ
އިންތިހާބުގެ ދެވަނަ ބުރުވެސް ދިޔައީ ދެފުށް ފެންނަ ގޮތަށް: އީޔޫ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނ ބުރުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ހުރީ ދެފުށް ފެންނަ ގޮތަށް ކަމަށް އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން އިން މިއަދު ބުނެފި އެވެ.
Advertisement

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔޫރަޕިއަން ޔޫނިއަންގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮތް ދުވަހު ކަންހިނގާފައިވަނީ ވަރަށް އަމާންއޮމާންކޮށް ކަމަށެވެ. އެހެންކަމުން އިންތިހާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ދެބުރުގެ ދެމެދުގައި ލިބުނު ކުޑަ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ކުރިމަތިވީ ނިޒާމާއި ގުޅޭ ވޯޓަށްވެސް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވިކަން ފާހަގަކުރައްވާ ނާޗޯޒް ވިދާޅުވީ އެކަމުގެ އަސަރު ރިޔާސީ އިންތިޚާބަށް ކުރިޔަނުދީ ކޮމިޝަނުން މަސައްކަތް ކުރައްވާފައިވަނީ ވަރަށް ފުރިހަމައަށްކަމަށެވެ. 

"އެ ކޮމިޝަނުން ދެވަނަ ބުރުގައި ވެސް މަސައްކަތްކުރީ ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެެންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ސޯޝަލް މީޑިއާ އާއި މީޑިއާ އަދި އެހެން ޕްލެޓްފޯމުތައް ވެސް މެދުވެރިކޮށް، އެންޓި-ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިނގި ކަން ފާހަގަކުރައްވައި އޮބްޒާވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ކެމްޕެއިނުގެ ތެރޭގައި ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަ ކުރެވުނުއިރު، ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ،" އެ ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިޚާބު އޮބްޒަރވްކުރުމަށް އީޔޫގެ ފަރާތުން 36 އޮބްޒަރވަރުންވަނީ ޙަރަކާތްތެރިވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ވޯޓުލީ 119 މަރުކަޒެއް އީޔޫއިންވަނީ އޮބްޒަރވްކޮށްފައެވެ. އަދި މާލެ ހިމެނޭހެން 14 އަތޮޅަކުން 56 ރަށެއްގައާއި 5 ރިސޯޓެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައްކައިރީވެސް އީޔޫގެ އޮބްޒަރވަރުން ހަރަކާތްތެރިވެފައިވެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 54 ޕަސެންޓް ވޯޓު ލިބިލެއްވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް