
ސީއެންއެމް އެކްސްކުލޫސިވް އަށް ދެއްވި ބަސްދީގަތުމެއްގައި، ޑައިރެކްޓް ޑިމޮކްރަސީ އަކީ އެންމެ ރަނގަޅު އުސޫލުކަމަށް ގަބޫލުކޮށް ރައީސް އާއި މަޖިލިސް މެމްބަރުން ނުވަތަ އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންގެ ދައުރު ހަމަނުވި، ނަމަވެސް އެމީހުންނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި އެމީހުން ވަކި ކުރުމަށް ގޮވާލައި ރައްޔިތުން ޕެޓިޝަނެއް ހުށަހަޅައިފިނަމަ، ވަކިވާނެ އުސޫލަކަށް ތާއިދު ކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް، އެރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަން އޭގެ އެއްމެ ފުރިހަމަ މާނައިގަ ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ވެރިކަން ފެށެނީ ވެސް ރައްޔިތުންނާއި ހިސާބުންކަމަށާއި ވެރިކަން ނިމެނީވެސް ރައްޔިތުންނާއި ހަމައިން ކަން ފާހަގަ ކުރައްވާ، ޑރ. މުއިއްޒު ވިދާޅުވީ، ތަހުޒީބު ޑިމޮކްރަސީތަކުގައިވެސް އެކަން އޮންނަނީ އެގޮތަށް ކަމަށާއި، ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ ބާރު އެކްސައިޒް ކުރުމުގެ ފުރުސަތު ލިބޭ ކަމަށާއި، އަދި ދައުރުގެ ތެރެއިންވެސް އެކިކަހަލަ ފުރުސަތުތައް އެ ޑިމޮކްރަސީ ތަކުގައި އެ ރައްޔިތުންނަށް ލިބޭކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ، ރައްޔިތުންގެ ހައްގުތަކާއި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެއްމެފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު އޭގެ އެއްމެ ފުރިމަ މާނައިގަ ދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ބޭނުންވާހާ ހިނދަކު، ސިވިލްރައިޓްސް ގެ ގާނޫނުން، ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އެއްމެ ފުރިހަމަ އަށް އެކްސަސައިޒް ކުރެވޭނެ މަގު ފަހި ކޮށްދެއްވާނެ ކަމަށާއި، އަދި އެހައްގުތައް އެކްސައިޒްކުރުމުގެ ފުރުސަތު ނުލިބޭކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭނަމަ، އެކަމުގެ މައްސަލަ ޖައްސާނެ ތަނެއް، ބައެއް ގައުމުތަކުގައި އޮންނަ އުސޫލުން ސިވިލް ރައިޓްސް ޑިޕާޓްމެންޓެއް އުފެއްދުން ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންޑޭޓްގެ ތެރެއަށްއެބައި ހިމަނައިގެން ނަމަވެސް ކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.