
މިއީ ވައްކަންކޮށްގެން ހައްޔަރު ކުރި މީހެކެވެ. އެ މީހާ ހައްޔަރުކޮށް ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން އޭނާވަނީ ޝަހުސު އޮޅުވާލާފައެވެ. ޝަހުސު އޮޅުވާލި މައްސަލައެއްގައި އޭނާގެ މައްޗަށް މިއަދު ހަ މަހުގެ ޖަލު ހުކުމެއް ކުރިއެވެ. މިއީ އޭނާގެ މައްޗަށް މި މަހުގެ ތެރޭގައި ޖިނާއީ ހުކުމެއް އިއްވި ތިން ވަނަ ފަހަރެވެ.
ތިން ފަހަރު ވެސް ހުކުމްކޮށްފައި ވަނީ އެއް ދުވަހަކު ހިނގި ހާދިސާތަކެއްގެ މައްޗަށެވެ.
ޝަހުސު އޮޅުވާލި މައްސަލައަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވިލިމާލެއިން ވައްކަންކޮށްގެން އާންމުންގެ ބަޔަކު ހިފަހައްޓުމުން ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލައެވެ. ހަމަ އެ މައްސަލައިގައި ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުއްޓާ ފިލައިގެން އޭނާގެ މައްޗަށް ތިން މަހުގެ ހުކުމެއް މީގެ ކުރިން ކޮށްފަ އެވެ.
ފިލި ފަހުން އަނެއްކާ ހައްޔަރުކޮށް ގޮޅިއަށް ވެއްދުމުން އޭނާ ވަނީ ޕޮލިސް ސްޓޭޝަނުގެ ސެކިއުރިޓީ ކެމެރާއެއް ތަޅާލައިފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.