
މާލީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ އެފްއޭއެމްގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ފީފާއާ އޭއެފްސީއަށް ހުށަހެޅުމުގެ މަސައްކަތް ފެށީ، "ސޭވް އެފްއޭއެމް" މޫވްމަންޓުންނެވެ. ސޭވް އެފްއޭއެމް ކޭމްޕޭނުގައި އުޅުއްވާ، އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު އަމީޒު، ސޭވް އެފްއޭއެމް ގުރޫޕުގައި އެދިފައި ވަނީ އެ އެސޯސިއޭޝަނުން މުސާރަ ނުލިބި ތިބި މުވައްޒަފުންގެ މައުލޫމާތު އެއްކުރުމުގައި އެހީވުމަށެވެ.
އެފްއޭއެއެމް މާލީ ބޮޑު ކަންތައްގަނޑެއްގެ ތެރެއަށް ވެއްޓި، ގައުމީ ޓީމުތަކުގެ ކޯޗިން ސްޓާފުންނަށާއި އަދި އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް ދުވަހެއްވެއްޖެއެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް މުސާރައެއް ނުދެ އެވެ. އޭނާ އަށް ބަހާލައިގެން މުސާރަ ދިނުމަށް އޭނާ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު ބުނި ނަމަވެސް ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެކަމާ ގުޅޭ ގޮތުން އެފްއޭއެމުން އެއްވެސް އެއްޗެއް ނުބުނެއެވެ.
މާލީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އުޅޭ އެފްއޭއެމުން އަމިއްލަ ކުންފުންޏަކަށް ދެ ލައްކަ ޑޮލަރު ދައްކަން މި ފަހުން ހުކުމެއްވެސް ކޮށްފައިވެއެވެ.