
މީގެ ކުރިން ބާސެލޯނާގެ މެދުތެރެ ބެލެހެއްޓި ޑެކޯ ބާސެލޯނާއާއެކު ހަދާފައިވަނީ ތިން އަހަރުގެ އެއްބަސްވުމެކެވެ.
މިހާރު އުމުރުން 45 އަހަރުގެ ޑެކޯ، ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއާ އެންމެ ފުރަތަމަ ގުޅުނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ކުޅުނު ހަތަރު ސީޒަންގެ ތެރެއިން ދެ ސީޒަންގައި ލަލީގާ ކާމިޔާބުކޮށް، 2006 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ބާސެލޯނާއާއެކު ކާމިޔާބުކުރިއެވެ.
މިހާރު ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރީ މަޓެއު އަލެމަނީއެވެ. ނަމަވެސް މިއަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭނާ މަގާމުން ވަކިވާނެއެވެ. އޭނާގެ ކުރިން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރީ ޖޯޑީ ކްރައިފްއެވެ.
ބާސެލޯނާއިން ބުނީ އެޓީމުގެ ސްޕޯޓިން ފިލޯސަފީ ލީޑު ކުރާނީ ޑެކޯ ކަމަށެވެ. އަދި ކޯޗު ޒަވީ އާއި ޓީމުގެ އެހެނިހެން ކޯޗިން ސްޓާފުންނާއި ވަރަށް ގާތުން ޑެކޯ މަަސައްކަތް ކުރާނެ ކަމަށްވެސް އެކްލަބުން ބުންޏެވެ.