ads
އާސެނަލްއިން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުން
ސިޓީ ބަލިކޮށް އާސެނަލްއިން ޝީލްޑް ހޯދައިފި
އާ ސީޒަން ހުޅުވުމަށް ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި، މިދިޔަ ސީޒަންގެ އެންމެ ކާމިޔާބު މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލްއިން ޝީލްޑް ކާމިޔާބު ކޮށްފިއެވެ.
Advertisement

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ބޮޑު ބައެއް އާސެނަލްއިން ނިންމާލީ ތާވަލުގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. ނަމަވެސް ފަހު ވަގުތު ސިޓީން ވަނީ އާސެނަލްގެ މައްޗަށް ކުރިހޯދާ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ސިޓީން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގައި އިނގިރޭސި އެފްއޭ ކަޕްގެ ތަށިވެސް އުފުލާލާ، ޓްރެބަލް ހޯދާފައެވެ. 

އެހެންކަމުން މި މެޗަށް ނުކުތް އިރު އާސެނަލް އޮތީ ސިޓީގެ ކިބައިން ބަދަލު ހިފުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައެވެ. އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރުވެގެންނެވެ.މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޓީއިންނެވެ. 

މެޗުގެ 77 ވަނަ މިނެޓުގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ ކޯލް ޕަލްމާއެވެ. ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ލިއެންޑްޯ ޓްރޮސާޑް ވަނީ ލަނޑެއް ޖަހާ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޓްރޮސާޑް ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެނުއަލް އަކަންޖީގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާފައިވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އާސެނަލް ޝީލްޑް ކާމިޔާބުކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރައިން އާއި ރޮޑްރީ ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު، އާސެނަލްގެ ހަތަރު ޕެނަލްޓީވެސް އެޓީމުން ކާމިޔާބުކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް