ads
ހިތުގެ ފަންކްޝަން ދައްކުވާދޭ މަންޒަރެއް
މަރާ ހަނގުރާމަ ކުރަމުން ދިޔަ މީހަކު ކުއްލިއަކަށް ރަނގަޅުވި ގޮތް
މިއީ ހަގީގީ ހާދިސާއެކެވެ. މިސްރަށް ނިސްބަތްވާ ފިރިހެނެއްގެ ހިތުގެ ބަލި ކުއްލިއަކަށް ރަނގަޅުވި އާދަޔާ ހިލަފު ހާދިސާގެ ވާހަކައެވެ.

މެޔަށް ތަދުވުމާއި އެހެނިހެން އުނދަގޫތައް ވާން ފެށުމުން އޭނާ ޑޮކްޓަރަށް ދެއްކިއެވެ. އެމެރިކާގައި އެވަގުތު ހުރި މިސްރުގެ ފިރިހެންމީހާ ޑޮކްޓަރަށް ދެއްކުމުން އެތައް ޓެސްޓެއް ހެދުމަށްފަހު ލިބުނު ނަތީޖާއިން އެނގުނީ އޭނާގެ ހިތުގެ ގިނަ ލޭހޮޅިތަކެއް ބެދި، ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮސްފައިވާ ކަމެވެ.

އަދި ވަގުތުން ބޮޑު ސާޖަރީއެއް ހެދުމަށާއި އެކަމުގައިވެސް އޮތީ ކުޑަ އުއްމީދެއްކަމެއް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ފިރިހެން މީހާ ބޭނުންވީ އެވަގުތު އެ ސާޖަރީ ނުހަދާ އާއިލާއާއި ބައްދަލުކޮށްލާ ހެދުމަށް މިސްރަށް ދިއުމަށެވެ.

ޑޮކްޓަރުން ހުއްދަ ދިނުމުން ކުޑަދުވަސްކޮޅަށް އޭނާ އާއިލާގެ ކައިރިއަށް މިސްރަށް ދިޔައެވެ. އެއީ އޭނާގެ ވިސްނުމުން ނަމަ އާއިލާއަށް ކުރާނެ އެންމެ ފަހުގެ ޒިޔާރަތެވެ. ޑޮކްޓަރުންގެ ވާހަކަތަކުން އޭނާއަށް ވިސްނިފައި އޮތީ ސާޖަރީ ހެދިނަމަވެސް އެކަން ކާމިޔާބު ވުމުގެ ފުރުސަތު ކުޑަކަމާއި، އުއްމީދު ކުޑަކަމެވެ.

އޭނާ މިސްރުގައި މަޑުކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް އޭނާގެ ހަށިގަނޑުގެ ބޭރުފުށުންނާއި މޫނުމަތިންވެސް އޭނާ ބޮޑު ބަލިމަޑުކަމެއްގައި އުޅޭކަން ފެންނަން ހުއްޓެވެ. އަދި އޭނާ އެވާހަކަތައް އާއިލާއަށް ކިޔައިދިނެވެ.

ފިރިހެން މީހާގެ މުޅި ހިތާމަ އުފާވެރިކަމަކަށް ބަލަވުވި ކުޑަކުޑަ ވަގުތުކޮޅު އޭނާއާއި ބައްދަލުކުރީ މިސްރުގެ ބާޒާރެއްގައި އެއްދުވަހަކު ހިނގަމުން ދަނިކޮށެވެ. އެދުވަހު އޭނާއަށް ފެންނަނީ އެއްގަމު މަސް ވިއްކާތަނެއްގައި އަންހެނަކު، މަސްކޮށާ މީހުން މަސްކޮށާފައި އުކާލާ އެތިކޮޅުތައް ނަގަމުން ގެންދާ ތަނެވެ. އެހިނދު އޭނާ އެކަން އެގޮތަށް ކުރަނީ ކީއްވެތޯ އަންހެން މީހާއާ ސުވާލު ކުރިއެވެ.

ޖަވާބުގައި އަންހެން މީހާ ބުނީ އޭނާއަކީ ވަރަށް ނިކަމެތި މީހެއްކަމަށާއި ތިން އަންހެން ދަރިން ތިބޭކަމަށެވެ. އަދި ބާކީވާ މަސްކޮޅު ނަގަނީ އޭނާއާއި ދަރިން ބަނޑުފުރާނަ މުއްތިކުރުމަށް ކަމަށެވެ. އެހެން ގޮތެއް ނެތިގެންނެވެ.

އެވަގުތު ފިރިހެން މީހާ މަސްވިއްކާ މީހާ ކައިރީ، އަންހެން މީހާއާއި އޭނާގެ ތިން ދަރިންނަށް އެއް އަހަރު ދުވަސ ވަންދެން ކޮންމެ ދުވަހަކު ކެވޭނެ މަސް ވިއްކާނީ ކިހާވަރަކަށްތޯ ސުވާލު ކުރިއެވެ. އެއާއެކު މަސްވިއްކާ މީހާ ހިސާބު ހެދުމަށްފަހު އެއް އަހަރު ދުވަހު ކޮންމެ ދުވަހަކު އެއާއިލާއަށް ކެވޭ ވަރަށް މަސް ފޯރުކޮށްދޭނެ އަގު ބުންޏެވެ.

ވަގުތުން އެފައިސާ މަސްވިއްކާ މީހާއަށް ދިނުމަށްފަހު ނިކަމެތި އާއިލާއަށް އެއް އަހަރު ދުވަހު މަސް ދިނުމަށް ޝަރުތު ކުރުމަށްފަހު، ފިރިހެން މީހާ އެނބުރި ގެއަށް ދިޔައެވެ.

ގެއަށް ގޮސް ވަނުމާއެކު އޭނާގެ ދޮށީ އަންހެން ދަރިފުޅަށް އާދަޔާ ހިލާފުކަމެއް ފާހަގަ ވެ ބައްޕައާ ސުވާލު ކުރިއެވެ. އަންހެން ދަރިފުޅަށް ބައްޕަ މިއަދު ފެނުނީ މޫނުމަތިންވެސް އެއްވެސް ބަލިމަޑުކަމެއްގެ އިހްސާސް ނެތް މީހެއްގެ ގޮތުގައެވެ. އެކަން ފާހަގަވެ ސުވާލު ކުރުމުން އެދުވަހު ކަންކަން ވީގޮތް ދަރިފުޅަށް ބައްޕަ ކިޔައި ދިނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ހިތުގެ ސާޖަރީއަށް އޭނާ އެމެރިކާއަށް ފުރިއެވެ. ނަމަވެސް ޑޮކްޓަރުންނަށްވެސް ލިބުނީ ހައިރާން ކަމެވެ. އެތައް ފަހަރަކު ޓެސްޓްތަކާއި ސްކޭންތައް ތަކުރާރު ކުރުމުންވެސް ކުރިން އޭނާގެ ހިތުގައި ހުރި މަރާ ހަނގުރާމަ ކުރާ ސްޓޭޖްގައިވާ އެއްވެސް ބަލިމަޑުކަމެއް ނުފެނުނެވެ. ޑޮކްޓަރުންނަށްވެސް އެކަންވީ އަޖައިބަކަށެވެ.

ނޯޓް: މިއީ އެތައް އިލްމު ވެރިއަކު ކިޔަދީފައިވާ ހަގީގީ ހާދިސާއެކެވެ. އިލްމުވެރިން މިހާދިސާ ނަންގަވަނީ ސޮދަގާތް ކުރުމުން ބަލިމަދުކަމަށް ދެއްވާ ޝިފާ މީސްތަކުންނަށް އަންގާދިނުމަށެވެ.

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް