ads
ކަނޑުމަތީގެ ބިރުވެރިކަން ދައްކުވައިދޭ ފޮޓޮއެއް
ގައްލަންދޫ ކަނޑުން އޮޑިފަހަރަށް އަރާ ޖިންނިއެއް!
ކަނޑުމަތި އަޅާ ވާހަކަ ކިޔައިދޭ ދިވެހި ލަވައެއް އޮވެއެވެ. އެ ލަވާގައި ކަނޑުމަތިއަޅަގޮތާ އެކަމުން ދިމާވާ ބިރުވެރިކަމާ އެކަމުން ސަލާމަތްވާން ކުރަންޖެހޭ ބައެއް ކަންކަމުގެ ވާހަކަ ކިޔައިދެއެވެ.

ނަމަވެސް މިއީ ދޮށީ އުމުރުގެ އުތުރުގެ ބައެއް މީހުން ކިޔައިދީފައިވާ ވާހަކައެކެވެ. ގައްލަންދޫ ކަނޑަކީ އިހަވަންދިއްޕޮޅާއި ހއ ގެ އިރުދެކުނު ބިތާ ދެމެދުގައި އޮންނަ ކުޑަ ކަނޑެކެވެ. މަސްވެރިކަމާ އެހެނިހެން ބޭނުން ތަށްކަވެސް އިހަވައްދިއްޕޮޅުގެ މީހުން ވަރަށް ގިނައިން ބޭނުންކުރަން ޖެހޭ ކަނޑެކެވެ.

އުމުރުން ދުވަސްވީ ބައެއް މީހުން ކިޔާދީފައިވާ ގޮތުގައި ކަޅުފޮއެ މޫސުމުގައި ގައްލަންދޫ ކަނޑުން ބިރުވެރި ހާދިސާތައް ބައެއް ފަހަރަށް ދިމާވެއެވެ. އެއީ އެކަނޑުން އަރާ ޖިންނިއެއްގެ ސަބަބުން ހިނގާ ކަންތައް ގަނޑެކެވެ.

އެހެން ގޮތަކަށް ބުނާނަމަ އެކަނޑު ދިމާވާ ކަނޑުމަތިއެޅުމުގެ ހާދިސާތަނުގެ ވާހަކަ އެވެ. 

އުތުރުގެ ރަށެއްގެ މޫސާ އިބްރާހިމް ކިޔައިދިން ގޮތުގައި އޭނާއާއި އެކުގައި މަހަށް ދިޔަ ދިހަ ވަރަކަށް މީހުނަށް އެކަނޑުގެ ބިރުވެރި ކަންތައްގަނޑާ ކުރިމަތިލާން ޖެހުނެވެ. އުމުރުން އެންމެ ދޮށީ މީހަކަށްވެސް އޭރު އެދޯނީގައި ހުރީ އޭރު އުމުރުން 25 ވަރަކަށް އަހަރު ވެފައިވާ މޫސަ އެވެ.

މޫސަ ކިޔައިދިން ގޮތުން ހާދިސާ ހިނގީ އައްޑިހައިގެ އަހަރު ތަކުގެ މެދެއްހާ ހިސާބުގައެވެ. އެއީ މަރުން ކިރިޔާ ސަމާމަތްވި ހާދިސާއެކެވެ. 

މޫސަ ބުނިގޮތުން ދިއްދޫ ބަނދަރުގައި އޮތް ބޯޓަކަށް މަސް ކިރުވުމަށްފަހު އެމީހުން ރަށަށް އައުމަށް ގައްލަންދޫ ކަނޑަށް ވަނީ އެދުވަހުގެ ހަވީރު 4:30 އެހާއިރު އެވެ. އޭރުގެ ސްޕީޑަށް ބަލާއިރު އެރޭގެ އަށެއް ނުވަތަ ވުވައެއް ޖަހަން ވާއިރަށް ރަށަށް ދެވޭނެއެވެ.

ނަމަވެސް އެރޭގެ 11 ޖެހިއިރުވެސް އެމީހުނަށް ރަށަށް ދެވޭގޮތެއް ނުވިއެވެ. މަގު އޮޅިއްޖެއެވެ. އެހެން ގޮތަކަށް ބުނާނަމަ މަގު އޮޅުވާލައިފިއެވެ. އިރުކޮޅަކުން މުޅި ކަނޑު އެއްކޮށް ދިއްލުނެވެ. ކަނޑުގެ ލޮނުގަނޑާއެކު ރެދަންލާ އުޑުމަތިވެސް ދިއްލުނެވެ. އުދުހޭ އެއްޗެހިތަކެއް ފެންނަހެން ވެސް ހީވެއެވެ. ދޯންނަށް އިރުއިރުކޮޅާ އެއްޗެހިތަކެއް އަރާ ފައިބަމުން ދާހެންވެސް ހީވެއެވެ.

ގަތް ބިރުން ދޯނީގައި ތިބި ގިނަ މީހުން ހޭނެތުނެވެ. ނުވަތަ ހަބަރު ހުސްވިއެވެ. އޭރުގެ މުސްކުޅިންގެ ފަރާތުން ކަނޑުމަތި އެޅުމުގެ ވާހަކަތައް އިވިފައިވާތީ މޫސަ ބަންގިގޮވާ ދުލަށް ތިލަވި ހެޔޮއެއްޗެއް ކިޔަމުން އޮޑި ދުއްވަމުން ގެންދިޔައެވެ. ނަމަވެސް މަންޒިލަށް ވާސިލެއް ނުވެވުނެވެ.

ކަނޑުމަތި ފިލުވަން އޭރު ކުރަންޖެހޭ ކަމެއްކަމަށް އަޑުއިވިފައި އޮންނަ ކުނބުކުރީގައި ރިހާކުރު އުނގުޅަންވެސް އެރޭ ޖެހުނުކަމަށް މޫސަ ކިޔައިދިނެވެ. މޫސަ ބުނީ ކުނބުކުރީގައި ރިހާކުރު އުނގުޅުމުން ދޯނި އެފުށް މިފުށަށް ޖެހިހެން ހީވިކަމަށެވެ. އަދި ދޯނިކައިރިން ގަބުރު ފާޑު އެއްޗެއްވެސް ފެނުނު ކަމަށެވެ.

ނަމަވެސް އިރުކޮޅަކުން އެ ބިރުވެރިކަން ފިލާ މުޅިން އަލިވިއިރު، އޮތީ މޫސަގެ ރަށުގެ ފަޅަށް ވަދެވޭ ހިސާބުގައިކަމަށާއި އަވަހަށް ދޯނި ހައްޔަރުކޮށް ރަށަށް ފޭބިއިރު މީހުން ފަތިސް ނަމާދުން ފައިބަނީކަމަށް މޫސަ ބުންޏެވެ. މޫސަ ބުނީ އެވާހަކަ މުދިންބެއާއި ރަށުގެ ހަރު މީހުނަށް ކިޔައިދިނުމުން އެއީ ކަނޑުމަތި އެޅީކަމަށާއި އެހާލަތުގައި ރަށާއި ކިތައްމެ ކައިރީ އޮތް ނަމަވެސް ރަށް ނުފެންނާނެކަމަށް މުދިންބެ ބުނާކަމަށެވެ. އަދި ކަނޑުމަތި ފިލާ އަމާންވީ ފަތިސް ނަމާދަށް ބަންގި ގޮވުމުން ކަމަށް ބެލެވޭ ކަމަށްވެސް މުދިންބެ ބުނިކަމަށް މޫސަ ކިޔައިދިނެވެ.

މޫސަ ބުނީ އޭރުގެ ދުވަސްވީ ބައެއް މޭހުން ކިޔައިދިން ގޮތުގައި ކަނޑުމަތި އެޅުމަކީ ޖިންނި ޝައިތާނުންގެ ކަމެކެވެ. އެއީ ހަގީގަތެކެވެ. އެ ދަތުރަށް ފަހު ބައެއް ކުދިން މަހަށް ދިއުން ހުއްޓާލި ނަމަވެސް އޭގެ ފަހުން 30 އަހަރު ވަންދެން މަހަށް ދިޔަކަމަށާއި އެރޭ އެދިމާވިފަދަ ކަމެއް ފަހުން ދުވަހަކުވެސް ދިމާނުވާކަމަށް މޫސަ ބުންޏެވެ.

62%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް