
އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތް ފެށުނީ ހުޅުމާލޭ ވޮލީބޯޅަ ކޯޓުގައި ހޯމަ ހަވީރު އެވެ. ފުރަތަމަ މެޗުގައި ކުޅުނީ ސްޓެލްކޯ އާއި އެމްއޭސީއެލްއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޓެލްކޯއެވެ.
ދެ ވަނަ މެޗުގައި ކުޅުނީ އެމްޕީއެލްއާ އާބަންކޯއެވެ. އާބަންކޯއަކީ އެމި މުބާރާތަށް އެންމެ ވަރުގަދައަށް ތައްޔާރުވި އެއް ޓީމެވެ. އާބަންކޯއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-20، 25-10 އަދި 25-18 އިންނެވެ.
ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު މި އަހަރު ފެށި އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި ނުވަ ޓީމެއް ކުޅެއެވެ. ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އާބަންކޯ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ސްޓެލްކޯއެވެ.
ގްރޫޕް ބީގައި ހިމެނެނީ އެމްއެންޑީއެފް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، ވެމްކޯ އަދި މޯލްޑިވްސް ކަރެކެޝަނަލް ސާވިސް އެވެ.