ads
ދިރިތިބީން ޤުރުއާން ކިޔެވުމުން، އެކަމުގެ ޘަވާބު މައްޔިތާއަށް ފޯރާތަ؟
ދިރިތިބީން ޤުރުއާން ކިޔެވުމުން، އެކަމުގެ ޘަވާބު މައްޔިތާއަށް ފޯރާތަ؟
އަސްލަކީ އިންސާނާ މި ދުނިޔެ ދޫކުރުމުން އޭނާގެ ހުރިހާ ޢަމަލެއް ހުއްޓުނީއެވެ. އަދި އޭނާ ކުރާ ކަންތައް ލިޔެވޭ ފޮތް ލެއްޕުނީއެވެ.

ވީމާ އެ ފޮތުގައި ދެން އޭނާއަށް މަންފާއެއް ކުރާނެ ރަނގަޅު ކަންތަކެއް ނުލިޔެވޭނެއެވެ. ނަމަވެސް މި އަސްލަށް އިސްތިސްނާއެއް ވެއެވެ. މި އިސްތިސްނާގެ ދަށުން ދިރި ހުރި މީހަކު ކުރާ ކަމަކުން މައްޔިތާއަށް އެ ކަމުގެ ޘަވާބު ލިބިދާނެއެވެ. މި ކަން އަހަރެމެންނަށް އެނގެނީ ކީރިތި ރަސޫލާ މި ވާހަކަ އަހަރެމެންނަށް އުނަގަންނަވައި ދެއްވީމައެވެ. އަދި އެކަލޭގެފާނު ވަނީ، މައްޔިތާއަށްޓަކައި ވަކި ކަންތަކެއް ކުރުމަށް އެކި ފަހަރު މަތިން އެކި އިރުޝާދު ދެއްވާފައެވެ. 

ދުޢާ ކުރުން، ޞަދަޤާތް ދިނުން، މިކަންތަކަކީ މައްޔިތާއަށް ފައިދާ ކުރާނެ ކަންތައްތަކެއް ކަމަށް ޢިލްމުވެރިން އެއްބަސްވެ ލައްވާ ކަންތަކެވެ. އަދި މިއީ ދީނުގައި، މަޝްރޫޢު ދެ ކަން ކަމަށްވެސް ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ޤުރުއާން ކިޔެވުމަކީވެސް މައްޔިތާއަށް އެކަމުގެ ޘަވާބު ފޯރާނެކަމެކެވެ. ނަމަވެސް ޤުރުއާން ކިޔެވުމުގެ މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައި ވެއެވެ. 

ތިރީގައި މިވަނީ މި ކަމުގެ ތަފްޞީލެވެ. 

1- އިމާމް އައްނަވަވީ: އިމާމް އައްނަވަވީ ވިދާޅުވިއެވެ: "އަދި އަހަރެމެންގެ މަޛްހަބުގައި (މުރާދަކީ ޝާފިޢީ މަޛްހަބު) މަޝްހޫރު ރައުޔަކީ، މައްޔިތާއަށްޓަކައި ޤުރުއާން ކިޔެވުމަކުން އެ ކަމުގެ ޘަވާބު މައްޔިތާއަކަށް ނު ފޯރާނެއެވެ. އަދި މަޛްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވީ، ޘަވާބު ފޯރާނެ ކަމަށެވެ. އިބްނު ޙަންބަލް ވިދާޅު ވީ ފަހުން މި ބުނި ރައުޔެވެ. (ޞަޙީޙް މުސްލިމް ބިޝަރްޙި އައްނަވަވީ 7 ވަނަ ބައި 90 ވަނަ ޞަފްޙާ) 

2- ޙަންބަލީ މަޛްހަބު : ޙަންބަލީ މަޛްހަބުގެ އެންމެ ބޮޑު އެއް ޢިލްމުވެރިއެއް ކަމުގައިވާ އިބްނު ޤުދާމާގެ ''އަލްމުޣްނީ'' ގައި، ޤުރުއާން ކިޔެވުމުގެ ޘަވާބު މައްޔިތާއަށް ފޯރާނެ ކަމަށް ވިދާޅުވެ، އެކަމަށް ހުއްޖަތް ދައްކަވަމުން ވިދާޅުވެފައިވެއެވެ: ''މި ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކެކެވެ. އަދި ހުރިހާ ވައްތަރެއްގެ ހެޔޮ ކަމަކުންވެސް (ދިރިތިބީން މައްޔިތާއަށްޓަކައި ކުރާ) މައްޔިތާއަށް މަންފާ ކުރާނެ ކަމަށް މި ޙަދީޘްތައް ދަލީލުކޮށް ދެއެވެ. އަދި ރޯދަ، ޙައްޖު، އިސްތިޣްފާރު ކުރުން ފަދަ ހަށިގަނޑުން ކުރެވޭ އަޅުކަންތައް ކުރުމުން، މާތް ﷲ އެ ކަންތަކުގެ ހެޔޮ އަސަރު މައްޔިތާއަށް ފޯރު ކޮށްދެއްވައެވެ. ވީމާ ޙަދީޘްތަކާ އެކު އަހަރެމެން ބުނި، ރަނގަޅު ކަންތަކުން މައްޔިތާއަށް މަންފާ ކުރާނެއެވެ. ޔާސީން ސޫރަތް ކިޔެވުމުން ކައްވަޅުގައި އޮންނަ މީހާގެ ހާލު ލުއިވާނެ ކަމަށް ޙަދީޘުންވެސް އެނގެއެވެ. އަދި ޤުރުއާން ކިޔެވުމުން، މަންފާ ކުރާނެ ކަމުގެ އަނެއް ދަލީލަކީ މި ކަމަކީ މުސްލިމުންގެ ގިނަ ބަޔަކު ކުރާ ކަމެކެވެ. ހުރިހާ ރަށްތަކެއްގައި ހުރިހާ ދުވަސްވަރެއްގައިވެސް މީހުން ޤުރުއާން ކިޔަވައި މައްޔިތާއަށް އޭގެ ޘަވާބު ހަދިޔާ ކުރެއެވެ. އަދި މިކަމަކަށް މީހަކު އިންކާރެއްވެސް ނުކުރެއެވެ. (އަލްމުޣްނީ 2 ވަނަ ބައި، 568 ވަނަ ޞަފްޙާ ) 

3- ޙަނަފީ މަޛްހަބު : ޙަނަފީ މަޛްހަބުގައިވެސް ބުނެފައި ވަނީ ޤުރުއާން ކިޔަވާފައި އޭގެ ޘަވާބު މައްޔިތާއަށް ހަދިޔާ ކުރުމުން، އޭގެ މަންފާ މައްޔިތާއަށް ކުރާނެ ކަމަށެވެ. " އައްދުއްރުލް މުޚްތާރު ވަ ރައްދުލް މުޙްތާރު" އޭ ކިއުނު ޙަނަފީ މަޛްހަބުގެ ފޮތުގައި ބުނެވިފައިވެއެވެ. " މަޤްބަރާއަށް ވަދެ ޔާސީން ސޫރަތް ކިޔެވުމުން، ކައްވަޅުގައި އޮންނަ މީހާއަށް ލުއިކަން ލިބޭ ކަމަށް ޙަދީޘްގައި އޮންނާތީ، ޔާސީން ސޫރަތް ކިޔެވިދާނެއެވެ. '' 

4- އިބްނު ތައިމިއްޔާގެ ރައުޔު: މައްޔިތާއަށްޓަކައި ޤުރުއާން ކިޔެވުމާ ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވަނީ، އޭގެ ޘަވާބު މައްޔިތާއަށް ފޯރާނެ ކަމަށެވެ. އަދި މި މައްސަލާގައި ޚިލާފު ވާކަމަށް ވިދާޅުވެފައި އޭގެ ތެރެއިން އިބްނު ތައިމިޔާ އިޚްތިޔާރު ކުރެއްވީ، ޘަވާބު ފޯރާނެ ކަމަށް ބުނާ ރައުޔެވެ. އެ ގޮތުން ވިދާޅުވިއެވެ: '' މައްޔިތާގެ ފަރާތުން ޞަދަޤާތް ދިނުމަކީ ފަހެ މުސްލިމުން އިއްތިފާޤު ވާ ގޮތުގައި، މައްޔިތާއަށް މަންފާ ކުރާނެ ކަމެކެވެ. 

އެ ކަމާއި ބެހޭ ގޮތުން ޞައްޙަ ޙަދީޘްތައް ވާރިދުވެފައި ވެއެވެ. މިސާލަކަށް މި ޙަދީޘެވެ. عَنْ ‏ ‏عَائِشَةَ ‏ أَنَّ ‏ ‏رَجُلًا ‏ ‏أَتَى النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ يَا رَسُولَ اللَّهِ ‏ ‏إِنَّ ‏ ‏أُمِّيَ ‏ ‏افْتُلِتَتْ ‏ ‏نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ نَعَمْ 

މާނައަކީ: ޢާއިޝަތުގެފާނުގެ ރިވާކުރެއްވިއެވެ. ''މީހަކު، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް އައިސް ދެންނެވިއެވެ. ''އަޅުގަނޑުގެ މަންމަ އެއްވެސް ވަޞިއްޔަތެއް ނުކޮށް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. އަދި އަޅުގަނޑަށް ހީވަނީ މަންމައަށް ވާހަކަ ދައްކާނެ ފުރުޞަތެއް ލިބުނުނަމަ، ކޮންމެވެސް ޞަދަޤާތެއް ދިނީހެވެ. ފަހެ އަޅުގަނޑު މަންމަގެ ފަރާތުން ޞަދަޤާތް ދިނިއްޔާ މަންމައަށް އެކަމުގެ ހެޔޮ އަޖުރު ލިބޭނެތޯއެވެ؟ '' ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. '' އާނ އެކެވެ. '' ހަމަ މިފަދައިން މައްޔިތާގެ ފަރާތުން ޙައްޖުވުމާއި އުޟުޙިޔާ ކަތިލުމާއި އަޅުން މިނިވަން ކުރުމާއި ދުޢާ ކުރުމާއި އިސްތިޣްފާރު ކުރުމުން ، މައްޔިތާއަށް މަންފާ ކުރުމަކީވެސް އެއްވެސް އަރާރުމެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މައްޔިތާގެ ފަރާތުން ރޯދަ ހިފުމާއި ސުންނަތް ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާ ބެހޭ ގޮތުން ޢިލްމުވެރިންގެ ދެ ބަހެއް އޮވެއެވެ. 

އެއީ:- ހ- ކިޔެވުމުގެ ޘަވާބު ވާސިލުވާނެއެވެ. މިއީ އަޙްމަދު އަދި އަބޫޙަނީފާ އަދި އެ ނުން މީހުންގެވެސް ރައުޔެވެ. ( ޝާފިޢީ މަޛްހަބުގެ ބައެއް މީހުންވެސް މި ހެން ބުނޭ) މި ގޮތުން އިމާމް އަޙްމަދު ވިދާޅުވެފައި ވެއެވެ. " ހެޔޮ ކޮންމެ ކަމެއްގެ ހެޔޮ އަސަރު މައްޔިތާއަށް ކުރާނެއެވެ. 

ށ- އޭގެ ޘަވާބު އޭނާއަށް ވާސިލެއް ނުވާނެއެވެ. މިއީ މާލިކީ މަޛްހަބުގައި މަޝްހޫރު ގޮތް އަދި ޝާފިޢީ މަޛްހަބު ބުނާ ގޮތެވެ. (މަޖްމޫޢު ފަތާވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، 24 ވަނަ ބައި، ޞ.315) ޤުރުއާން ކިޔަވައިގެން އޭގެ ހެޔޮ ޘަވާބު މައްޔިތާއަށް ފޯރުމުގައި ޝަރުޠެއް އޮވެއެވެ. އެއީ ޤުރުއާން ކިޔަވާ މީހާ އެއްވެސް މާއްދީ މަންފާއަކަށް ނުކިޔެވުމެވެ. ވީމާ ލާރި ދީގެން މީހުން ލައްވައި ކިޔައްވައިގެން އޭގެ އެއްވެސް ޘަވާބެއް މައްޔިތާއަށް ނުފޯރާނެއެވެ. 

މި ބީދައިން ވާހަކަ ދައްކަވަމުން އިބްނު ތައިމިޔާ ވިދާޅުވިއެވެ: " އެކަމަކު ޤުރުއާން ކިޔައްވަން މީހުން ކުއްޔަށް ހިފައި ކިޔެވުމުގެ ޘަވާބު މައްޔިތާއަށް ހަދިޔާ ކުރުން ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ ﷲ ގެ ވަޖުހުފުޅަށްޓަކައި އަޅުކަމެއްގެ ގޮތުގައި މެނުވީ ޤުރުއާން ކިޔެވުން ހުއްދަ ނުވާތީއެވެ. އަދި ދުންޔަވީ ސަބަބަކަށްޓަކައި ކުރާ އަޅުކަމެއް މާތް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. " 

5- އިބްނުލް ޤައްޔިމް : ޝައިޚުލް އިސްލާމްގެ ދަރިވަރު އިމާމް އިބްނުލް ޤައްޔިމްވެސް ދެކެލައްވާ ގޮތުގައި އުޖޫރައަކާ ނުލާ ޤުރުއާން ކިޔެވުމަށް ފަހު، އޭގެ ޘަވާބު މައްޔިތާއަށް ހަދިޔާ ކުރުމުން އެކަމުގެ މަންފާ މައްޔިތާއަށް ކުރާނެއެވެ. އިބްނުލް ޤައްޔިމްގެ މި ކަމާ މެދު ވާހަކަ ދައްކަވަމުން ، މި އުއްމަތުގެ ސަލަފުން މި ގޮތަށް ޤުރުއާން ކިޔަވާފައި ނެތް ކަމަށް ބުނެ، މިކަން އިންކާރު ކުރާ މީހުންނަށް ބުއްދީގެ ދަލީލު ދައްކަވައި އެ ހެން ބުނާ މީހުންގެ ބަހަށް ރައްދު ދެއްވާފައި ވެއެވެ. ޚުލާޞާއަކީ އިބްނުލް ޤައްޔިމްވެސް މިކަން ހުއްދަ ކުރައްވާ ކަމެވެ. 

6- އިބްނު ޢުޘައިމީން : ފަހުގެ ޢިލްމުވެރިންގެ ތެރެއިން ސުޢޫދިއްޔާގެ ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން "ނޫރު ޢަލައް ދަރްބު" ޕްރޮގުރާމުގައި ވިދާޅުވެފައި ވާ ގޮތުން ވެސް، މިއީ ޚިލާފު މައްސަލައެކެވެ. ދެން ވިދާޅުވީ ޤުރުއާން ކިޔަވާފައި އޭގެ ޘަވާބު މައްޔިތާއަށް ހަދިޔާ ކުރުން އެއީ ހުއްދަ އަދި މަންފާ ކުރާނެ ކަމެއް ކަމަށެވެ. ހަމަ މިއާ އެކުއެކީގައި ވިދާޅުވީ ޤުރުއާން ކިޔެވުމަށް، ލާރި ދީގެން ކުއްޔަށް މީހުން ގެނެސް ކިޔެއްވުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ޙަރާމް ކަމެއް ކަމަށް ވިދާޅުވަމުން، އިތުރަށް ވިދާޅުވި ގޮތުގައި ޤުރުއާން ކިޔެވުމަކީ އަޅުކަމެކަވެ. ވީމާ އަޅުކަމަކަށް އެއްވެސް އުޖޫރައެއް ނެގުން ހުއްދަ ނުވާނެއެވެ. އަދި މި ގޮތަށް ޤުރުއާން ކިޔަވާފައި ލާރި ނަގާ މީހާގެ ކުލީގެ ޢަޤުދަކީވެސް ބާޠިލު ޢަޤުދެކެވެ. 

ވީމާ އެ ފައިސާވެސް ކިޔަވާ މީހާއަށް ޙަލާލެއް ނުވާނެއެވެ. ދެން ވިދާޅުވީ މި ގޮތަށް ލާރީ ދީގެން ކިޔެއްވުމުން ކިޔަވާ މީހާއަށްވެސް އަދި މައްޔިތާއަށްވެސް އެއްވެސް ޘަވާބެއް ނުލިބޭނެ ކަމަށެވެ. ވީމާ މައްޔިތާގެ އަހުލުވެރިން އަތުން ބޭކާރު ގޮތުގައި ފައިސާތަކެއް ދިއުން ނޫން އެއްވެސް ކަމެއް ، މި ކަމުގައި ނުވާ ކަމަށެވެ. އަދިވެސް ޝައިޚް ވިދާޅުވީ މީހަކު މަރުވީމާ ވަކި ދުވަސްތަކެއް ވަންދެން މަރުވި މީހާ ގެ ގޭގައި ތައުޒިޔާގެ ގޮތުގައި ބައްދަލުވުންތައް ބާއްވައި ފާޑުފާޑުގެ ކަންތައް ނުކުރުމަށެވެ. އަދި މިއީ ބިދުޢައެއް ކަމަށެވެ. 

7- ޝައިޚް ބިން ބާޒް: މި މައްސަލާގައި ޝައިޚް ބިން ބާޒް ވިދާޅުވެފައި އޮތީ މިއީ ކުރަން ވާ ކަމެއް ކަމަށް، ދަލީލުކޮށް ދޭ ދަލީލެއް ނެތް ކަމަށެވެ. މަޖްމޫޢް ފަތާވާ ވަ މަޤާލާތު މުތަނައްވިޢާ ގެ 9 ވަނަ ބައި، ޞަފްޙާ 321 ގައި ވިދާޅުވެފައި ވަނީ ''ޤުރުއާން ކިޔަވާފައި ނުވަތަ ނަމާދު ކޮށްފައި އޭގެ ޘަވާބު، ދިރި ހުރި މީހަކަށް ވިޔަސް އަދި މަރުވެފައި ވާ މީހަކަށް ވިޔަސް، ހަދިޔާ ކުރުމަކީ، ޝަރުޢުގައި ވާ ކަމެއް ކަމަށް ދަލީލުކޮށް ދޭ ދަލީލެއް ނެތެވެ. ޝަރުޢުގައި ތިބާ އަށް އޭނާއަށް ހެޔޮ ދުޢާކޮށް، އޭނާއަށްޓަކާ ޞަދަޤާތް ދިނުން އޮވެއެވެ. އަދި އޭނާއަކީ ޙައްޖު ނުވެވޭހާ މުސްކުޅިއެއް ނަމަ އޭނާގެ ފަރާތުން ޙައްޖުވެ ނުވަތަ ޢުމްރާ ވެވިދާނެއެވެ.'' 

ނިންމުން : މި ހިސާބުން އަހަރެމެންނަށް އެގޭ އެއްޗަކީ، މައްޔިތާއަށް ޘަވާބު ލެއްވުން އެދި ޤުރުއާން ކިޔަވާފައި، ކިޔެވުމުގެ ޘަވާބު ހަދިޔާ ކުރުމަކީ، ޒަމާނުއްސުރެ ވެސް ޢިލްމުވެރިންގެ އަރިއަހުގައި ޚިލާފު އުފެދިފައިވާ މައްސަލައެއް ކަމެކެވެ. ޤުރުއާން ކިޔެވުމުން އޭގެ ހެޔޮ އަސަރު މައްޔިތާއަށް ފޯރާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާ އިރު އަނެއް ބައި ޢިލްމުވެރިން ވިދާޅުވެފައި އެ ވަނީ، އެއީ ކުރަން ވާ ކަމެއް ކަމަށް، އަދި ފައިދާއެއް އޮތް ކަމެއް ކަމަށް، އޮތް ދަލީލެއް ނެތް ކަމަށެވެ. ކޮންމެ އަކަސް، އިތުބާރު ހުރި، މި އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ތަކެއް، ޤުރުއާން ކިޔަވާފައި އޭގެ ޘަވާބު ހަދިޔާ ކުރެވިދާނެ ކަމަށް ވިދާޅު އެބަ ވެއެވެ. 

އެ ބޭފުޅުން އެ ކަމަށް ކުރައްވާ ޤިޔާސްތަކަކާއި، ހުއްޖަތްތަކެއްވެސް އެބަ ހުއްޓެވެ. ވީމާ ޢިލްމުވެރިންގެ މި ރައުޔު ނަގައިގެން ހެޔޮ ނިޔަތަކާ އެކު މައްޔިތާއަށްޓަކާ ޤުރުއާން ކިޔަވައިފި ނަމަ، އެއީ އިރާދަ ކުރެއްވިއްޔާ މައްޔިތާއަށް ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް ރަށުތެރޭގައި ލާރިއަށް ޤުރުއާން ކިޔަވާ ދޭ މީސްމީހުން ގެއަށް ގެނެސް ސައި ދީ، ކޮންމެ މީހަކަށް އުޖޫރަ ދީ ކިޔެއްވުން އެއްވެސް ގޮތަކަށް ހުއްދަ ނުވާނެއެވެ. އަދި މިއީ މައްޔިތާއަށް މަންފާ ކުރާނެ ކަމެއް ނޫނެވެ. ކިއެއްތަ މިއީ މަނާ ކަމެއް ކަމަށް، ހުރިހާ ޢިލްމުވެރިން ވެސް އެއްބަސްވެލައްވާ ކަމެކެވެ. 

އަހަރެމެންގެ ތެރެއިން މީހެއްގެ މަންމައެއް ބައްޕައެއް ނިޔާވީމާ، މީހުންތަކެއް އެއްކޮށް ބޮޑު އިޙްތިފާލުތަކެއް ހަދައި ޤުރުއާން ކިޔެވުމުގެ ބަދަލުގައި، އެކަނި ކޮޓަރިއަށް ވަދެ ނުވަތަ މިސްކިތަށް އަރައި ހުރެ ތެދު ނިޔަތަކާ އެކު ނިކަން އިޚްލާޞްތެރި ކަމާއި އެކު ކިޔަވާ ދުޢާކޮށް ، އެ ކަމުގެ ޘަވާބު މަރުވެފައިވާ މަންމަ ނުވަތަ ބައްޕައަށް ހަދިޔާ ކުރަން ނިޔަތް ގަތުން މާ ރަނގަޅެވެ. މި ގޮތަށް ޤުރުއާން ކިޔަވާ އިރު، އަހަރެން ހާ ހިތް ނިޔަތް ޚާލިޞް ވާނީ ކާކުހެއްޔެވެ؟ އަހަރެންނަށް ވުރެ ބޮޑަށް އެ މީހުންނަށް ހެޔޮ އެދޭނީ ކާކުހެއްޔެވެ؟ 

ވީމާ ޤުރުއާން ކިޔަވަން އަހަރެންނަށް ވުރެ އައުލާކަން ބޮޑީ ކާކުހެއްޔެވެ؟ މުހިއްމީ ކޮންމެހެން ގިނަ ބަޔަކު އެއްފަހަރާ އެއްވެ ކޮންމެ މީހަކު ފޮތެއް ކިޔަވާލުމެއް ނޫނެވެ. އެންމެ މީހަކު އިޚްލާޞްތެރި ކަމާއެކު ކިޔެވުންވެސް މާ ރަނގަޅު ވާނެއެވެ. ނޯޓް: މިއީ ކަވާސާއިން ނަކަލު ކުރެވިފައިވާ ލިއުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް