ads
ޖަންނަތުލް ބާގީ: މާތް ނަބިއްޔާގެ ބައެއް އަބިކަބަލުންނާއި ގާތްތިމާގެ ބައެއްމީހުން ވަޅުލެވިފައިވާ ސަހަރާ
އުއްމުހަބީބާ ބިންތި އަބޫސުފިޔާން (ރއ) ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ނުވަވަނަ އަބިކަބަލުން، އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އަކީ އަބޫ ސުފްޔާން އިބްން ހަރްބް އަދި ސަފިއްޔާ ބިންތި އަބޫ އަލް އާސްގެ ދަރިކަނަބަލުންނެވެ. އަބޫ ސުފިޔާން އަކީ އުމައްޔަދު ގަބީލާގެ ވެރިޔާއެވެ. އަދި މުޅި ގުރައިޝުންގެ ވެރިޔާވެސް މެއެވެ. މީގެ އިތުރުން އިސްލާމްދީން ގަބޫލުކުރެއްވުމުގެ ކުރިން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި އިސްލާމްދީނުގެ އެއްމެ ބޮޑު އެއްމެ ބާރުގަދަ ދުޝްމިނުވެސް މެއެވެ. އެހެންނަމަވެސް، އިސްލާމްދީން ގަބޫލުކުރެއްވުމަށްފަހު، އިސްލާމްދީނުގެ ހައްގުގައި ޖިހާދުކުރަން ނިކުމެވަޑައިގަތް ހަގުރާމަވެރިއެކެވެ. އުމައްޔަދު ޚަލީފާއިންގެ އެއްމެ ފުރަތަމަ ޚަލީފާ، މުއާވިޔާ އަކީ އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ)ގެ ކޮއްކޯފުޅެކެވެ. އަދި އުޘްމާނުގެފާނު (ރއ) އަކީ އެކަމަނާގެ މަންމާފުޅު ފަރާތުގެ ބޮޑުބޭބޭފުޅެވެ.

އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) ގެ އެއްމެ ފުރަތަމަ ފިރިކަލުންނަކީ އުބައިދުﷲ އިބްން ޖައިޝް (ރއ) އެވެ. އުބައިދުﷲ އިބްން ޖައިޝް (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ އަނބިކަމަނާއެއް ކަމުގައިވާ ޒައިނަބް ބިންތި ޖައިޝް (ރއ)ގެ ބޭބޭފުޅެވެ. އުބައިދުﷲ އިބްން ޖައިޝް (ރއ) އާއި އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އަކީ އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި ބޭކަލުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ގުރައިޝުންގެ ފަރާތުން އިސްލާމުންނަށް ދެމުންގެންދިޔަ އަނިޔާތަކާހުރެ، އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އަދި އުބައިދުﷲ އިބްން ޖައިޝް (ރއ)، މައްކާ ދޫކުރައްވައި ހަބްޝްކަރައަށް ހިޖުރަ ކުރެއްވިއެވެ. ހަބުޝުގައި އުޅުއްވަނިކޮށް، ދަރިކަނބަލުން ހަބީބާ ބިންތި އުބައިދުﷲ އުފަންވެވަޑައިގަތެވެ.

އުބައިދުﷲ އިބްން ޖައިޝް (ރއ) އާއި އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) ގެ ކައިވެނިކޮޅު ރޫޅުނު ސަބަބެއް ސީދާ އެނގިފައެއް ނުވެއެވެ. ބައެއް މަސްދަރު ތަކުން އުބައިދުﷲ އިބްން ޖައިޝް (ރއ) އިސްލާމްދީން ދޫކުރައްވައި އެހެން ދީނަކަށް ތަބައަވީކަމަށާއި، އަދި އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އަށް އެކަމަށް އަމުރުކުރެއްވުމުން، އެކަމާއި ނުރުހި، ދެމަފިރިކަނބަލުން ވަކިވީ ކަމުގައި ބުނެވެއެވެ.  

އުބައިދުﷲ އިބްން ޖައިޝް (ރއ) އަރިއަހުން ވަރިވެ ވަޑައިގެން ހުންނަވާ، އިއްދައިގެ މުއްދަތު ހަމަވިދުވަހު، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ފަރާތުން ކައިވެނީގެ ހުށަހެޅުމެއް ލިބިވަޑައިގެތެވެ. އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) މި ހުށަހެޅުން ގަބޫލުކުރައްވާ، އެކަމަނާގެ ވަލީވެރިއަކަށް ޚާލިދް އިބްން ސާއިދް ހަމަޖެއްސެވިއެވެ. ކައިވެނި ކުރެވުނީ ހަބްޝް ކަރައިގައެވެ. ކައިވެނީގެ ރަސްމިއްޔާތުގައި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ބައިވެރިވެ ވަޑައިނުގަންނަވައެވެ. ކައިވެނީގެ ޚުތުބާ އިއްވަވައި، ވަލީއަށް އެއްސެވީ ހަބްޝްކަރައިގެ ރަސްގެފާނު އެވެ. ކައިވެނި ކުރެވުނީ 400 ދިރުހަމްގެ ރަނަށް ކަމުގައި ބުނެވެއެވެ. މާތް ނަބިއްޔާ މުހައްމަދު (ރސއވ)ގެ ފަރާތްޕުޅުން، މި ރަން ހަވާލުކޮށްދެއްވީ ހަބްޝް ކަރައިގެ ރަސްގެފާނުއެވެ. އަދި އެއަށްފަހު، ރަސްގެފާނު އަމިއްލަފުޅަށް، ކައިވެނީގެ ވަލީމާއެއް ބޭއްވިއެވެ. ބުނެވޭގޮތުގައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަބިއަބިކަބަލުންގެ ތެރެއިން، އެއްމެ ބޮޑު ވަލީމާއެއް އެރުވުނު ކަމަނާ އަކީ އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އެވެ.

މިކައިވެނިފުޅަށްފަހު، ހަބްޝްކަރައިގައި ބާކީ ތިއްބެވި ތިރީސް މުސްލިމުން، ދެ ބޯޓަކަށް އަރުވާފައި މަދީނާއަށް ފޮނުވުމުގެ އިންތިޒާމް ހަބްޝްކަރައިގެ ރަސްގެފާނު ހަމަޖެއްސެވިއެވެ. މަދީގައި ދިރިއުޅުއްވަނިކޮށް، އެއްދުވަހަކު އެކަމަނާގެ ބައްޕާފުޅު އަބޫ ސުފިޔާން، އެކަމަނާގެ އަރިއަހަށް ޒިޔާރަތެއް ކުރެއްވި ކަމަށް ބުނެވެއެވެ. މި ޒިޔާރަތުގައި، އެކަމަނާގެ ގެ ކޮޅަށް ވަޑައިގެން، އެކަމަނާ ނަމާދު ކުރެއްވުމަށް ބޭނުންކުރައްވާ މުސައްލާ މަތީގައި އިށީދެވަޑައިގަންނަވަން އުޅުއްވަނިކޮށް، އެކަމަނާ އެ މުސައްލާ ނަގައިގެން ގެންދެވިކަމުގައި ބުނެވެއެވެ. މިއާއެކު، އަބޫ ސުފިޔާން ވިދާޅުވި ކަމަށްވެއެވެ. "އޭ ދަރިކަބަލުންނޭވެ. ތިޔަ މުސައްލާ އަކީ އަޅުގަނޑަށް މާ ކަމުދާ އެއްޗެއް ކަމެއް ނުވަތަ އަޅުގަނޑަކީ ތިޔަ މުސައްލާއަށް މާ ކަމުދާ އެއްޗެއް ކަމުގައި ވީކަމެއް ނޭގުނެވެ". އެހިދު އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އެކަމަނާގެ ބައްޕާފުޅާ މުޚާތަބް ކުރައްވައި ވިދާޅުވިއެވެ. "މިއީ ނަމާދު ކުރާ މުސައްލާއެވެ. ކަލޭގެފާނަކީ މުޝްރިކެކެވެ. މި މުސައްލާ މައްޗަށް އެރޭވަރަށް ތާހިރު ބޭފުޅެއް ނޫނެވެ".

އުއްމު ހަބީބާ ބިންތި އަބޫ ސުފިޔާން (ރއ) އަވަހާރަވީ، އެކަމަނާގެ ކޮއްކޯފުޅުގެ ޚަލީފާކަމުގައި އެވެ. ފަސްދާނުލެވުނީ ޖަންނަތުލް ބާގީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް