ads
މަދީނާގެ ކުރިގެ މަންޒަރެއް
ސައުދާ ބިންތި ޒަމްއާ (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ދެވަނަ އަނބިކަބަލުން ސައުދާ ބިންތި ޒަމްއާ (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ސައުދާ ބިންތި ޒަމްއާ (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ދެވަނައަށް ކައިވެނި ބައްލަވައިގެންނެވި، އެކަލޭފާނުންގެ ދެވަނަ އަނބި ކަނބަލެވެ. އެހެންކަމާއެކު، މުސްލިމުން އެކަމަނާއާއި މުޚާތަބް ކުރައްވަނީ އުއްމުލް މުއުމިނީންގެ ނަންފުޅުންނެވެ. ސައުދާ ބިންތި ޒަމްއާ (ރއ) އުފަންވެވަޑައިގަތީ މައްކާ އަށެވެ. އެހެންނަމަވެސް އުފަންވެވަޑައިގަތް އަހަރަކާމެދު އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. އެކަމަނާގެ ބައްޕާފުޅަކީ ބަނޫ އާމިރު ވަންހައިގެ ޒަމްއާ އިބްން ގައިސް އެވެ. މަންމާފުޅަކީ މަދީނާގެ ޚަޒްރަޖުވަންހައިގެ ނައްޖާރުންގެ އަލް ޝަމްސް ބިންތި ގައިސް އެވެ. މިހާތަނަށްވެސް، ސައުދާ ބިންތި ޒަމްއާ (ރއ) އިސްލާމްދީން ގަބޫލްކުރެއްވުމުގެ ކުރިއަށް އުޅުއްވިގޮތުގެ ވާހަކައެއް އެގިފައެއް ނުވެއެވެ.

ސައުދާ ބިންތި ޒަމްއާ (ރއ) އެއްމެފުރަތަމަ ކައިވެނި ބައްލަވައިގަތީ އައްސަކްރާން އިބްން އަމްރް އޭ ކިއުނު ބޭފުޅަކާއެވެ. އެބޭފުޅާއަކީ އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭކަލެކެވެ. ސައުދާ ބިންތި ޒަމްއާ (ރއ) އަކީ އެކަމަނާގެ ފިރިކަލުންނާއިއެކު ހަބްޝްކަރައަށް އެއްމެ ފުރަތަމަ ހިޖުރަކުރެއްވި އަންހެންކަމަނާ އެވެ. ހަބްޝްކަރައިގައި އުޅުއްވާފައި އެނބުރި މައްކާއަށް ވަޑައިގަތްތަނާ، ފިރިކަލުން އައްސަކްރާން އިބްން އަމްރް އަވަހާރަވެ، އެކަމަނާ ހުވަފަތްވިއެވެ.

މާތްނަބިއްޔާގެ ފުރަތަމަ އަނބިކަބަލުން ޚަދީޖަތުގެފާނު (ރއ) އަވަހާރަވުމާއެކު، ހަމަ އެމައްސަރުގައި (އެއީ ރަމަޟާން މަހުގައި)، މާތްނަބިއްޔާ މުޙައްމަދު (ރސއވ) ސައުދާ ބިންތި ޒަމްއާ (ރއ) އާއި ކައިވެނި ބައްލަވައިގަތެވެ. އެއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ 10 އަހަރު ފަހުންނެވެ. ސައުދާ ބިންތި ޒަމްއާ (ރއ) އާއި ކައިވެނި ބައްލަވަން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެއްމެ ފުރަތަމަ ހުށަހެޅުއްވުމުން، ސައުދާ ބިންތި ޒަމްއާ (ރއ) އެކަމަށް ފަސްޖެހިވަޑައިގަތެވެ. އެއީ އެކަމަނާގެ ކުރީގެ ކައިވެންޏަށް 6 ކުދިން ލިބިފައިވުމާއެކު، އެކުދިންގެ ފަރާތުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް އުދަގޫފުޅެއް ނުވަތަ ތުރާލެއް ކުރިމަތިވެދާނެކަމަށް ހީކޮށެވެ. އެހެންނަމަވެސް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަމަނާއަށް ވިސްނުވައިދެއްވައި، ކައިވެނި ބައްލަވައިގަތީއެވެ.

ސައުދާ ބިންތި ޒަމްއާ (ރއ)ގެ މަޑުމައިތިރިކަމާއި، މާތް އަޚްލާގާއި އަދި އިސްލާމްދީނާއި މެދު އުފެދިފައިވާ ލޯތްބާއި އަދި އިހްތިރާމްގެ ބޮޑުކަމުން، ސައުދާ ބިންތި ޒަމްއާ (ރއ)، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ދަރިކަނބަލުންނާއި އަދި އެހެނިހެން އަނބިކަނބަލުންނާއެކު، ވަރަށް ގާތް ގުޅުމެއް އުފެދިގެންދިޔައެވެ. ވަކިން ޚާއްސަކޮށް، އާއިޝަތުގެފާނު (ރއ) އާއި، ހަފްސާގެފާނު (ރއ) އާއި، އަދި ސަފިއްޔާގެފާނު (ރއ)އާއެކު، ވަރަށް ރަގަޅު ގުޅުންތަކެއް އުފެދިފައިވެއެވެ. އެކަމަނާގެ ދިރިއުޅުއްވުމުގައި ގެންގުޅުއްވި މިފަދަ މާތް ސިފަތައް ފެނިވަޑައިގެން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަމާ ވަރަށް އުފާފުޅުކުރެއްވިކަމަށް ބުނެވެއެވެ.

ސައުދާ ބިންތި ޒަމްއާ (ރއ) އަކީ ވަރަށް އާދައިގެ ދިރިއުޅުމުއް އުޅުއްވި، އެހާމެ ތަގުވާވެރި، އަދި ނަމާދުވަގުތަށް އެހާމެ ފަރުވާ ބެހެއްޓެވި ކަނބަލެކެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަމަނާގެ ގޭގައި އަވަހާރަލައްޕަވާ ރޭތަކުގައި، ދަންވަރު އެކަލޭގެފާނުން ތަހައްޖުދު ނަމާދަށް ތެދުވެވަޑައިގަތުމާއެކު، ފަހަތުންތެދުވެ، އެނަމާދުގައިވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބައެއްފަހަރު ރުކޫއަށްގޮސް ތަކުބީރުވިދާޅުވާން އޮންނެވުމުގައި ވަގުތު އިތުރުވެގެންގޮސް، އެކަމަނާގެ ނޭފަތްކޮޅުން ލޭފޮދު ފައިބާހެން ހީވުމުން، ދެން ތެދުވެވަޑައިގަންނަވާ ކަމަށްވެސް ބުނެވެއެވެ.

އެކަމަނާގެ އުމުރުފުޅުން ދުވަސްވެ، އަނބިމީހާގެ ވާޖިބުތައް އަދާނުކުރެވޭކަމަށް ގަބޫލުކުރެވުމުން، އެކަމަނާގެ ގޭގައި އަވަހާރަލައްޕަވަން ހަމަޖެހިފައިވާ ރޭތައް، އައިޝަތުގެފާނުން (ރއ)ގެ ގެކޮޅަށް ބަދަލުކުރެއްވުމަށް އެކަމަނާ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަރިހުން އެދިވަޑައިގަތްކަމަށް ބުނެވެއެވެ. އެއީއެކުވެސް، އެކަމަނާ ވަރިނުކުރެއްވުމަށް އެދިވަޑައިގެންނެވިކަމަށާއި، އެއީ ގިޔާމަތްދުވަހުން އަލުން ދިރުއްވާއިރުވެސް، އިތުރުއެކަލޭގެފާނުންގެ އަނބިކަނބަލެއްގެ ގޮތުގައި އަލުން ދިރުއްވުމަށް އެދިވަޑައިގަންނަވާތީ ކަމަށްވެސް ބުނުއްވިއެވެ. އެކަމަނާގެ މިއެދުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ފުއްދަވައިދެއްވިއެވެ. އެކަމަނާއަށްވުރެ ކުރިން، އެކަމަނާގެ ފިރިކަލެއްގެގޮތުއި ހުންނަވަނިކޮށް، ސުވަރުގެވަޑައިގަތީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް