ads
ތަރިބެލުމަކީ ކޮންކަހަލަކަމެއް؟
ތަރިބެލުމަކީ ކޮންކަހަލަކަމެއް؟
ކައުނާއި އިންސާނުންނާއި ގުޅުން ހުރި ކަންތައްތައް މުސްތަޤުބަލުގައި ހިނގާނެގޮތް ، ނުވަތަ ޣައިބުގެ ކަންތައްތައް ހޯދުމަށް، އެންމެ ކުރީގެ ޒަމާންތަކުން ފެށިގެން،އިންސާނުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން،ޖިންނީންގެ ބޭނުންކުރުމާއި، ދޫނި ސޫފާ ސޫފީގެ ޙަރަކާތްތައް ބެލުމާއި، އުޑުގައިވާ ތަރިތަކުގެ ޙަރަކާތްތަކުގެ ތެރެއިން މިކަންތައްތައް ބެލޭތޯ ބައެއް މީހުން އުޅެއެވެ. ނަމަވެސް މިއިން އެއްވެސް ''އުކުޅެއް'' ބޭނުންކޮށްގެންވެސް، ﷲ އިންސާނުންނަށް ފަރުދާ ކުރައްވާފައިވާ ކަމަކުން ކަމެއް އެކަލާނގެ އިރާދަކުރެއްވި ފަރާތަކަށް މެނުވީ ކަޝްފުވެފައެއް ނުވެއެވެ. 

އަލްޖިންނު ސޫރަތުގައި ﷲ ވަހީކުރައްވާފައިވެއެވެ: عَالِمُ الْغَيْبِ فَلا يُظْهِرُ عَلَى غَيْبِهِ أَحَداً * إِلاَّ مَنْ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَداً 

މާނައަކީ: ''އެކަލާނގެއީ ޣައިބު ދެނެވޮޑިގެންވާ ކަލާނގެއެވެ. މާތްﷲ ރުހިވޮޑިގެންވާ ރަސޫލަކަށްމެނުވީ އެކަކަށްވެސް ފަހެ ޣައިބު އެކަލާނގެ ފާޅުކުރައްވާ ކަޝްފެއް ނުކުރައްވަތެވެ. ފަހެ ރަސޫލުންނަށް ޣައިބުގައިވާ ބައެއްކަންތައް އެންގެވިއެވެ. ފަހެ އެރަސޫލުބޭކަލުން ހިންގަވަނީ ކުރިފުޅުމަތިންނާއި ފަހަތްޕުޅުން މަލާއިކަތް ބޭކަލުންގެ ރައްކާތެރިކަމާއިއެކުގައެވެ.'' މިއާޔަތަން އެނގޭގޮތުގައި ޣައިބުގައިވާ ކަމެއް އެނގުމަށް އޮތް ހަމައެކަނި މަގަކީ ﷲ ގެ ވަޙީބަސްފުޅެވެ. މިލިޔުމުގައި އަޅުގަނޑު ބަލާލާނީ، ޣައިބުގައިވާ ކަންތައްތައް ދެނެގަތުމަށް،އިންސާނުން ކުރާ ކަންތައްތަކުގެ ތެރެއިން އެއްކަމެއްކަމުގައިވާ ތަރިބެލުމަށެވެ. ޢަރަބި ބަހުގައި މިކަމަށްކިޔަނީ ''އަންތަންޖީމް'' އެވެ. އާދެ މިބަހުން ދޭހަވާ މާނައަކީ، ތަރިތަކާއި ޕްލެނެޓުތަކުގެ، ހަރަކާތްތަކަށް ބަލައިގެން ބިމުގައި މުސްތަޤުބަލުގައި ހިނގާނެ ކަންތައްތައް ބުނުމެވެ. މިސާލަކަށް،ވަކި ދުވަހެއްގައި މީހަކު އުފަންވެއްޖެނަމަ، އޭނާއަށް މިވެނި އެވެނި ކަންތައްތަކެއް ދިމާވާނޭ ކިޔައިގެން، ޣައިބުގައިވާ ކަންތައްތައް ބުނެދީ އުޅުމެވެ. 

މިއީ އިސްލާމީ ޝަރްޢުގައި ބާޠިލުކުރައްވާފައިވާ، ޙަރާމްކަމެކެވެ. ﷲ ރުއްސުން ލެއްވި،ޒައިދު ބުން ޚާލިދް އަލްޖުހަނީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާތް ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ، އަލްޙުދައިބިއްޔާގައި އަހަރެމެންނާއިގެން ފަތިސްނަމާދުކުރެއްވިއެވެ.އޭރު، ރޭގަނޑުގެ އަސަރު ކޮންމެވެސް ވަރަކަށް ހުއްޓެވެ. ނަމާދުކޮށް ނިމިވަޑައިގަތް މީސްތަކުންނާއި ދިމާއަށްއެނބުރި ވަޑައިގެން އެކަލޭގެފާނު ސުއާލުކުރެއްވިއެވެ. ''ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވީ ކީކޭކަން އެނގޭހެއްޔެވެ؟'' ފަހެ އެބައިމީހުން ދެންނެވިއެވެ. ''މޮޅަށް ދެނެވޮޑިގެންވަނީ، ﷲ އާއި އެކަލާނގެ ރަސޫލާއެވެ.'' އެކަލޭގެފާނު ވިދާޅުވިއެވެ'' (ﷲ ވަޙީކުރެއްވީ) ތިމަންރަސްކަލާނގެ އަޅުތަކުންގެތެރޭގައި ތިމަންރަސްކަލާނގެއަށް އިމާންވާ ބަޔަކާއި ކާފަރުވާބަޔަކު ވެއްޖެއެވެ.ފަހެ އަހަރެމެންނަށް ވާރޭ ވެއްސެވީ ﷲ ގެ ފަޟްލަވަންތަކުމުންނާއި އެކަލާނގެ ރަޙްމަތުންކަމަށް ބުނި މީހަކީ ތިމަންރަސްކަލާނގެއަށް އީމާންވާ، ކައުކަބަށް (ތަރިއަށް) ކާފަރުވާމީހެކެވެ. 

އަދި އެކަންކުރީ މިވެނިއެވެނި ފަރާތެކޭ ބުނިމީހަކީ ތިމަންރަސްކަލާނގެއަށް ކާފަރުވާ، ކައުކަބަށް އީމާންވާ މީހެކެވެ.'' ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ވާރޭވެއްސެވުންފަދަކަމަކާއި ގުޅުވައިގެން، އެކަން ޚަލްޤުކުރައްވައި އުފެއްދެވީ ﷲ ނޫން އެހެންފަރާތެއްކަމަށް ހިތުގައި ނިޔަތްގަނެގެން، ބުނެފި މީހަކީ، ކާފަރުވެއްޖެމީހެކެވެ. ތަރިބަލައިގެން ކަންތައްތައް އެނގޭކަމަށް،ދަޢުވާ ކުރާމީހުންގެ ވާހަކަތަކަކީ ތެދުބަސް ނޫންކަން ބަޔާންކޮށްދެއްވުމުގެ ގޮތުން، ޢިލްމުވެރިން މިސާލެއް ޖައްސަވާފައިވެއެވެ. އެއީ ކަނޑުދަތުރުކުރާ ބޯޓަކަށް އަރާ އެތައް ބަޔެއްގެ މިސާލެވެ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ ފަދައިން، ޢާންމުގޮތެއްގައި މިކަހަލަ ބޯޓެއް ކަނޑުވެ ޣަރަޤުވެއްޖެނަމަ،އެއިން ދަތުރުކުރާ އެންމެންނަށްވެސް، އެކަމުގެ އަސަރުކުރާނެއެވެ. މަރުވާނީ ނުވަތަ ގެއްލުން ލިބޭނީ އޭގެތެރެއިން އެންމެ މީހަކަށް ނޫނެވެ. މިބޯޓުގައި ތިބޭނީކީ އެއްދުވަހަކު، ނުވަތަ އެއްރާއްސެއްގައި އުފަންވެފައިވާ ބަޔެއް ނޫނެވެ. 

ހަނގުރާމައަކަށް ނުކުމެވަޑައިގަންނަވަން އުޅުއްވަނިކޮށް، މުސާފިރު ބިން ޢައުފު ޢަލީގެފާނަށް ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީން އެވެ! މިވަގުތުގައި ވަޑައިނުގަންނަވާށެވެ. އެކަމަކު ދުވާލުގެ އެހެން ވަގުތެއްގައި ވަޑައިގަންނަވާށެވެ. ޢަލީގެފާނު އޭނާއަށް ވިދާޅުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ކަލޭގެފާނު މިވަގުތުގައި ވަޑައިގެންފިނަމަ، ކަލޭގެފާނަށާއި ކަލޭގެފާނާއިއެކުގައި ވަޑައިގަންނަވާ ފަރާތްތަކަށް ބަލާވެރިކަމަކާއި ބޮޑު އުނދަގުލެއް ޖެހޭނެއެވެ. އެކަމަކު އަޅުގަނޑުދެންނެވި ވަގުތުގައި ވަޑައިގެންފިނަމަ، ކަލޭގެފާނަށް ކާމިޔާބުލިބިވަޑައިގެން، އެދިވަޑައިގަންނަވާ ކަންތައް ޙާޞިލުވެވަޑައިގަންނަވާނެއެވެ. 

ދެން ޢަލީގެފާނު ވިދާޅުވިއެވެ. ސަލާމާތް ޞަލަވާތްލެއްވި ﷲ ގެ ރަސޫލާއަށް މުނައްޖިމަކު (އެބަހީ ތަރިބަލާމީހަކު) ނުވެއެވެ. އަދި އެކަލޭގެފާނަށްފަހު، އަހަރެމެންނަކަށްވެސް އެފަދަ މީހަކު ނުވެއެވެ. ކަލޭ ތިޔަބުނި ބަސް ތެދުކޮށްފިމީހަކީ، ﷲ ފިޔަވައި އެހެންފަރާތެއް އިލާހެއްކަމުގައި ދެކޭ މީހެއްފަދައެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އިރާދަކުރައްވާ ނުބައިކަމެއްމެނުވީ ނުބައިކަމެއްނުވެއެވެ.އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ ހެޔޮކަމެއްމެނުވީ ހެޔޮކަމެއް ނުވެއެވެ. ދެން އޭނާއަށް ވިދާޅުވިއެވެ. އަހަރެމެން ދާނީ ކަލޭ ތިޔަދައްކާވާހަކަ ދޮގުކޮށް، ތިޔަބުނި ވަގުތުނޫން އެހެންވަގުތެއްގައެވެ. ދެން މީސްތަކުންނަށް ވިދާޅުވިއެވެ. 

އޭ މީސްތަކުންނޭވެ! އެއްގަމާއި ކަނޑުގެ އަނދިރިކަމުގައި މަގުހޯދުމަށްމެނުވީ، ތިޔަބައިމީހުން ތަރިތަކާއިބެހޭ ކަންތައްތައް އުނގެނި ނޫޅޭށެވެ. ފަހެ ތަރިބަލާމީހަކީ،ސިޙުރުވެރިއެއްފަދަ މީހެކެވެ. އަދި ސިޙުރުވެރިއަކީ ކާފަރެއްކަހަލަ މީހެކެވެ. ކާފަރުމީހާވަނީ ނަރަކައިގައެވެ. ﷲ ގަންދީ ބުނަމެވެ. ތަރިތަކަށްބަލައިގެން، އެއަށް ކަލޭ ޢަމަލުކުރާކަން އަހަރެންނަށް އެނގިއްޖެނަމަ، އަހަރެންނާއި އަދި ކަލޭދިރިހުރިހާ ހިނދަކު، ކަލޭ ބަނދުގައި ބަހައްޓާނަމެވެ. އަދި އަހަރެންނަށް ބާރެއް ލިބިގެންވީހާ ހިނދަކު، ކަލެއަށް އެއްވެސް އެއްޗެއް ލިބުނަކަ ނުދޭނަމެވެ. ދެން އެމީހާ މަނާކުރި ގަޑީގައި ޢަލީގެ ފާނު ނުކުމެވަޑައިގެން، ހަނގުރާމަކުރައްވައި ކާމިޔާބު ހޯއްދެވިއެވެ. އާދެ! މިއީ އަންނަހްރަވާން ހަނގުރާމައަށް ނުކުމެވަޑައިގަތުމުގައި ކަން ހިނގިގޮތެވެ. މިވާހަކަ ޞަޙީޙް މުސްލިމުގައި ބަޔާންވެގެންވެއެވެ. 

ތަރިބަލައިގެން، ޣައިބުގައިވާ ކަންތައްތައް އެނގޭކަމަށް ބުނާ މީހުންނަކީ ދޮގުވެރި މަކަރުވެރިން ފިޔަވައި އެހެން ބައެއް ނޫނެވެ. މިބައި މީހުންގެ މަކަރުވެރިކަމާއި، އެއްޗެއް ނޭނގޭ މިންވަރު، ކިތަންމެ ކުޑަކޮށް ވިސްނާލިޔަސް އަޅުގަނޑުމެންނަށް މޭރުންވާނެއެވެ. މީހެއްގެ މުސްތަޤުބަލު ކިޔައިދެނީކަމަށް ބުނެފައި މީގެތެރެއިން ގިނަ މީހުން ބުނެއުޅޭނީވެސް، ޢާންމު ކަންކަމެވެ. މިސާލަކަށް ކަލޭވާނީ މުސްތަޤުބަލުގައި ވަރަށް ކާމިޔާބު މީހަކަށޭ، ނޫނީ ނާކާމިޔާބު މީހަކަށޭ ބުނެފާނެއެވެ. ނޫނީ ދަރިން ލިބޭނެއޭ ނުވަތަ ނުލިބޭނެއޭ ބުނެފާނެއެވެ. މިފަދަ ޢާންމު ކަންތައްތަކުގެ ވާހަކަ ބުނުމުންވެސް، ޓެސްޓަކުން ފާސްވުމުން ނުވަތަ އެކަހަލަ އުފާވެރިކަމެއް ދިމާވުމުން، ތަރިބަލާ މީހާ، ބުނި ވާހަކައިގެ މަތިން ހަނދާންކޮށް،އޭނާ އެއީ ހާދަ މޮޅުމީހެކޭ ހީކޮށް، އޭނާގެ ވާހަކަ ބައެއްމީހުން ތެދުކުރެއެވެ. 

މިއީ ހައްތަހާވެސް ބާޠިލުކަންތައްތަކެވެ. ތަރިބަލާ މީހުންނަކީ،އެހާ މޮޅު ބައެއްނަމަ، ކުރިމަގުގައި އެމީހުންގެ އަމިއްލަ ޙަޔާތުގައި ދިމާވާން ހުންނަ ނުރައްކާތައް ބަލައިގެން އެކަންކަމުން ދަފަރާވާން މަސައްކަތްނުކުރަނީ ކީއްވެހެއްޔެވެ؟ މަރުވާނީ މިވެނިކަމެއްދިމާވެގެން ކަމަށް އެނގެންޏާ އެކަމަކުން ދުރުނުވަނީ ކީއްވެހެއްޔެވެ؟ ކީރިތި ޤުރުއާނުގައި ތަރިތަކުން އަޅުގަނޑުމެންނަށް ލިބޭ ބައެއް ފައިދާތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވެއެވެ.ނަމަވެސް، ޤުރުއާނުގެ އެއްވެސްތަނެއްގައި، އެފައިދާތަކުގެ ތެރޭގައި، ތަރިތަކުގެ ޙަރަކާތުން، ޣައިބު އެނގޭނެކަމަކަށް އަންގަވާފައެއް ނުވެއެވެ. ތަރިތަކަކީ އަޅުގަނޑުމެންނަށް މަގުދައްކައިދޭ އާރުކާޓީއެކެވެ. 

އައްނަޙްލު ސޫރަތުގެ 16 ވަނަ އާޔަތުގައި ވެއެވެ: وَعَلامَاتٍ وَبِالنَّجْمِ هُمْ يَهْتَدُونَ 

މާނައަކީ: ''އަދި މަގުފާހަގަކުރެވޭ ފާހަގަތަކެއްވެސް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެބައިމީހުން މަގުހޯދައިގަނެއެވެ. '' ހަމަ އެފަދައިން ތަރިރުހަނދުން، އަހަރުތަކާއި ދުވަސްތައްވެސް އަޅުގަނޑުމެންނަށް ކަނޑައެޅިދާނެކަން، ޔޫނުސް ސޫރަތުގެ 5 ވަނަ އާޔަތުން އެނގެއެވެ. هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ مَا خَلَقَ اللَّهُ ذَلِكَ إِلاَّ بِالْحَقِّ يُفَصِّلُ الآيَاتِ لِقَوْمٍ يَعْلَمُونَ 

މާނައަކީ: ''އެކަލާނގެއީ އަލިކަމެއްކަމުގައި އިރުލައްވާ ނޫރެއްކަމުގައި ހަނދުލެއްވި ރަސްކަލާނގެއެވެ. އަދި އެހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރުކުރައްވާފައިވަނީ ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި މައްސަރުތަކުގެ ހިސާބު ދެނެގަތުމަށެވެ. ޙިކްމަތްތަކަކަށްޓަކައި ޙައްޤު ތެދުގޮތުންމެނުވީ އެސުވާންމީންގެ އެތަކެތި ނަހައްދަވައެވެ. އެކަލާނގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، ދަންނާނޭ ބަޔަކަށެވެ.'' ތަރިތަކަކީ އުޑުގައިވާ ޒީނަތެއްވެސްމެއެވެ. އަދި އެއީ އަޑުއެހުމުން ވައްކަންކުރަން އުޅޭ ޝައިޠާނުން ރަޖްމުކުރުމަށްވެސް ބޭނުންކުރެވޭ އެއްޗެކެވެ. 

އަލްމުލްކު ސޫރަތުގެ 5 ވަނަ އާޔަތް ވިދާޅުވާށެވެ. وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُوماً لِلشَّيَاطِينِ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ 

މާނައަކީ: ''ގާތުގައިވާ އުޑު ތިމަންސުވާންމީންގެ ބައްތިތަކަކުން ޒީނަތްތެރިކުރެއްވީމެވެ.އަދި އެއީ ޝައިޠާނުންނާއި ދިމާއަށް އުކޭ ގިނިހިލަތަކެއްކަމުގައި ލެއްވީމެވެ. އަދި އެޝައިޠާނުންނަށް ތިމަންސުވާންމީންގެ ނަރަކައިގެ ޢަޛާބު ތައްޔާރުކުރެއްވީމެވެ.'' އަޅުގަނޑުމެން މިއުޅޭ ފުޅާ ތަނަވަސް ކައުނުގައިވާ އުޑާއި، ބިމާއި، ތަރިތަކާއި، ޕްލެނެޓުތަކަށް ބަލައި، ވިސްނާފިކުރުކޮށް އުޅުމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ. އެއީ މިތަކެތި ހެއްދެވި ޚާލިޤުގެ ކުޅަދުންވަންތަކަމާއި މާތްކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނައުމަށެވެ. އަލްއަޢްރާފު ސޫރަތުގެ 185 ވަނަ އާޔަތުގައިވެއެވެ. أَوَلَمْ يَنْظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ وَمَا خَلَقَ اللَّهُ مِنْ شَيْءٍ وَأَنْ عَسَى أَنْ يَكُونَ قَدِ اقْتَرَبَ أَجَلُهُمْ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ 

މާނައަކީ :''އުޑުތަކާއި ބިމުގެ މިލްކުވަންތަވެރިކަމާއިމެދުގައްޔާއި، މާތްﷲ އުފައްދަވާ ހައްދަވާފައިވާ ކޮންމެ އެއްޗަކާއި ކޮންމެކަމަކާއިމެދުގައްޔާއި، އެބައިމީހުންގެ މުއްދަތު ގާތްވެގެންވާކަމާއިމެދުގައްޔާއި، މިއެންމެހައި ކަންކަމާއިމެދު އެބައިމީހުން ނުބަލަނީ ބާވައެވެ.ވިސްނުމުގެ ނަޒަރު ނުހިންގަނީބާވައެވެ. އެއަށްފަހު އެބައިމީހުން އީމާންވާނީ ކޮން ވާހަކަޔަކަށްބާވައެވެ.'' އާދެ! އިސްވެދިޔަ އާޔަތްތަކުން، ތަރިތަކަކީ ކޮން ބޭނުމެއްގައިވާ ތަކެތިކަން އަޅުގަނޑުމެންނަށް ކިތަންމެހާ ރަނގަޅަކަށްވެސް އެނގިއްޖެއެވެ. އެއީ، އެއްވެސް ޙާލެއްގައި ޣައިބުގެ ކަންތައްތައް އިންސާނުންނަށް އަންގަވައިދެއްވުމަށް، ﷲ ލައްވަވާފައިވާ ތަކެއްޗެއް ނޫނެވެ. ނަމަވެސް، އިންސާނީ ޙަޔާތުގެ ތަރައްޤީވެފައިވާ މިޒަމާނުގައިވެސް، ބައެއް މީހުން، ތަރިތަކާއި ގުޅުވައިގެން، އެއްވެސް ތާކުންތާކު ނުޖެހޭ ޚުރާފީ ވާހަކަތައް ދަނީ ދައްކަމުންނެވެ. 

ނޫސްނޫހުގަޔާއި، މަޖައްލާތަކުގައިވެސް، ތަރިތަކާއި ރާހިތަކާއި ގުޅުވައިގެން، މީސްމީހުންނަށް ކުރިމަގުގައި ދިމާވާނެކަންތައްތައްކަމަށް ބުނެ، އެއްވެސް ޔަޤީންކަމެއްނެތް ބާޠިލު ވާހަކަތައްދަނީ ޖަހަމުންނެވެ. އިސްލާމްދީނުގައި މިއީ ޙަރާމްކަމެއްކަމަށްވުމާއިއެކު، އަޅުގަނޑުމެން މުސްލިމުންނަށް އޮތީ އެފަދަ ކަންކަމާއި ބީވުމެވެ. އަޅުގަނޑުމެންގެ ޢަޤީދާ ފުރިހަމަވެ. ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބޭނީ މިފަދަ ކަންކަމުން ފޭވެ، ދުރަށްޖެހިގެންނެވެ. ނޯޓް: މިއީ ކަވާސާގައި ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ލިއުއްވާފައިވާ ލިއުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް