ads
މައްކާގެ ކުރީގެ މަންޒަރެއް ދައްކުވައިދޭ ކުރެހުމެއް
އިކްރީމާ އިބްން އަމްރް (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބު ބޭކަލުންގެ ތެރެއިން ބިކްރީމާ އިބްން އަމްރް (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އިކްރީމާ އިބްން އަމްރް (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުގެ 5 އަހަރު ކުރިން ނުވަތަ އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެއްމެ ފަހުދުވަސްވަރު އިސްލާމްވެ ވަޑައިގެން އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. އިސްލާމްވެ ވަޑައިގަތުމުގެ ކުރިން އިސްލާމް ދީނާއި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގައި އެއްމެ އިސްކޮށް އުޅުއްވި މީހުންގެ ތެރޭގައި ހިމެނި ވަޑައިގަންނެވި ބޭކަލެކެވެ. އިސްލާމް ދީން ގަބޫލުކުރެއްވެވުމަށްފަހު، އިސްލާމީ ލަޝްކަރުގެ އިސްފަރާތެކެވެ. މަޝްހޫރު ރިއްދާ ހަގުރާމަ އާއި، ޝާމްކަރަ ހިފުމަށް ކުރެވުނު ހަގުރާމައިގެ އިސްލާމީ ލަޝްކަރުގެ ކޮމާންޑަރެވެ.

ކުރީގެ ދިރިއުޅުއްވުން

ކުރިންވެސް ދެންނެވިހެން އިކްރީމާ އިބްން އަމްރް (ރއ) އަކީ އިސްލާމްވެ ވަޑައިގަތުމުގެ ކުރިން މުސްލިމުންނާއި ދެކޮޅަށް މަސައްކަތްކުރި މީހުންގެ އެއްމެ އިސްފަރާތެވެ. އެކަލޭގެފާނުންގެ ބައްޕާފުޅަކީ، މުސްލިމުންނަށް މަޝްހޫރު އަބޫ ޖަހުލު އެވެ. އަސްލު ނަމަކީ އަމްރު އިބްން އަލްހިޝާމް އިބްން މުގައިރާ އެވެ. އަބޫ ޖަހުލުގެ ނަންދެވުނީ އިސްލާމްދީނާއި ދެކޮޅަށް ކުރި ފުރައްސާރަ އާއި މުސްލިމުންނަށް ދިން އަނިޔާތަކާއި އަދި ހެޔޮގޮތް އެގި ހުރެމެ ތަކުރާރުކޮށް ނުބައި ކަންތައް ކުރަމުން ދިޔައިމައެވެ. އިކްރީމާ އިބްން އަމްރް (ރއ) ބައްޕަ އަބޫ ޖަހުލު ވަނީ ބަދުރު ހަގުރާމައި ގަތުލުވެގެން ގޮސްފައިއެވެ. އުހުދު ހަގުރާމައިގައި، މުޝްރިކުން އަތުން އިސްލާމީ ލަޝްކަރު ބަލިވި ދުވަހު، މުޝްރިކުންގެ ލަޝްކަރުގެ ވައަތްފަރާތުގެ ކޮމާންޑަރަކަށް ހުންނެވީ އިކްރީމާ އިބްން އަމްރް (ރއ) އެވެ. ކަނާއަތް ފަރާތުގެ ކޮމާންޑަރަކަށް ހުންވެވީ އިކްރީމާ އިބްން އަމްރް (ރއ) ގެ ބޮޑުބޭބޭފުޅު ޚާލިދު އިބްން ވަލީދު (ރއ) އެވެ. ބަދުރު ހަގުރާމައިގައި، އަބޫ ޖަހުލު އާއި އޭނާގެ ލަޝްކަރު ބަލިވުމާއެކު، ގުރައިޝުންގެ ތެރޭގައި، އިސްލާމްދީނާއި ދެކޮޅަށް ކުރެވެމުންދިޔަ މަސައްކަތުގައި މަޚްޒޫމް ވަންހައިގެ ބާރު އެއްކޮށް ނެތިވެގެން ދިޔައެވެ. އަދި މިބާރުތައް އަބޫ ސުފްޔާނުގެ ބަނޫ އަބްދު ޝަމްސް އަށް ލިބިގެން ދިޔައެވެ. އެހެންނަމަވެސް އިކްރީމާ އިބްން އަމްރް (ރއ) ގެ ނުފޫޒު އޭގެފަހުން ވެސް ގަދަކޮށް، ގުރައިޝުންގެ ތެރޭގައި އެއްމެ ގަދަބަސް ބުނާ މީހުންގެ ތެރޭގައި ފަހުން ހިމެނިގެން ދިޔައެވެ. ސުލްހަލްހުދައިބިއްޔާގައި ސޮއިކުރެވުނު ދުވަހު، އެއްވެސް ބާވަތެއްގެ މަޝްވަރާއެއް މުސްލިމުން އަދި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ކުރެއްވުމަށް ދެކޮޅު ހެއްދެވިއެވެ. 

ސުލްހައަލްހުދައިބިއްޔާގައި ސޮއި ކުރެވިގެން ދިޔައީ އިކްރީމާ އިބްން އަމްރް (ރއ) އާއި ދެކޮޅަށެވެ. އެހެންކަމާއެކު، އޭގެފަހުން ގުރައިޝުން ލައްވާ ބަނޫ ޚުއްޒާ ވަންހައަށް ހަމަލާދީ، ސުލްހައަލްހުދައިބިއްޔާގެ އެއްބަސްވުމާއި ޚިލާފުވިއެވެ. ނަތީޖާއެއްގެ ގޮތުން ސުލްހައަލްހުދައިބިއްޔާ އުވިގެން ދިޔައެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މައްކާ ފަތަހަ ކުރެއްވެވި ދުވަހު، މައްކާއިން ފިއްލަވައިގެން ޔަމަނަށް ވަޑައިގަތެވެ. ޔަމަނަކީ މައްކާގެ މުޝްރިކުންގެ ޒަމާންވީ ވިޔަފާރި ބައިވެރިއެއްކަމުން، ޔަމަނުގައި ހިމާޔަތް ހޯދައިގެން އެތަނުގައި އުޅުއްވަން ފެއްޓެވިއެވެ.  

އޭގެފަހުން، އިކްރީމާ އިބްން އަމްރް (ރއ)ގެ އަނބިކަމަނާ އުއްމު ހަކީމް ބިންތި އަލްހާރިސް އިސްލާމް ދީން ގަބޫލްކުރެއްވެވުމަށްފަހު، އެކަމަނާގެ ފިރިކަލުން އިކްރީމާ އިބްން އަމްރް (ރއ) އަށް މައާފްކޮށްދެއްވުމަށް، މާތް ނަބިއްޔާ މުހައްމަދު (ރސއވ)ގެ އަރިއަހުން އެދިވަޑައިގަތުމުން، އެކަމަނާގެ އެދިވަޑައިގަތުމަށް މައާފްކޮށްދެއްވިއެވެ. ބުނެވޭގޮތުން އިސްލާމްދީން ގަބޫލު ކުރެއްވެވުމަށްފަހު، އިކްރީމާ އިބްން އަމްރް (ރއ) ހުންނެވީ ހަވާޒިން ވަންހައިގެ ޖިޒީ ބަލައިގަތުމާއި ހަވާލުވެވަޑައިގަންނެވެ. މިއީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)، އިކްރީމާ އިބްން އަމްރް (ރއ) އާއި ހަވާލުކުރެއްވެވި ޒިންމާއެކެވެ.

އިސްލާމް ދީން ގަބޫލު ކުރެއްވެވުމަށްފަހު، މުޝްރިކެއްގެ ގޮތުގައި ހުންނަވައިގެން އިސްލާމުންނާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ އެތަކެއް ގުނައެއް އިތުރު މަސައްކަތްތަކެއް އިސްލާމްދީނާއި މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ހައްގުގައި ކުރެއްވެވިކަމަށް ތާރީޚް ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގެންނެވިއިރު، އިކްރީމާ އިބްން އަމްރް (ރއ) ހުންނެވީ ޔަމަނާއި މައްކާ އާއި ދެމެދުން އޮންނަ ތިހަމާ ސަރަހައްދުގައި އެވެ. އަބޫބަކުރުގެފާނު (ރއ) އިސްލާމްދީނުގެ ޚަލީފާކަމަށް އިސްކުރެވެނު ފަހުން، އަރަބީންގެ ތެރެއިން އިސްލާމްދީން ގަބޫލުނުކުރާ ފަރާތްތަކާއި އަދި އިސްލާމްދީނަށް ފުރައްސާރަކޮށް، މުސްލިމުންނާއި ދެކޮޅުވެރިވެގަންނަ ފަރާތްތަކާއި ދެކޮޅަށް ކުރެވުނު ހަގުރާމަތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އިކްރީމާ އިބްން އަމްރް (ރއ) އަށް ލިބިވަޑައިގަތެވެ. އޭގެތެރޭގައި، ރިއްދާ ހަގުރާމައާއި ޝާމްކަރަ ހިފުމަށް ކުރެވުނު ހަގުރާމަތަކުގައި އިސްލާމީ ލަޝްކަރުގެ އެއްމެ އިސްކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތެވެ. މިދުނިޔެ ދޫކުރެއްވެވީ ޝަހީދެއްގެގޮތުގައި އިސްލާމްދީނުގެ މަގުގައި ޖިހާދުކުރެއްވުމުގައި ހުންނަވަނިކޮށެވެ. ބުނެވޭގޮތުން އިކްރީމާ އިބްން އަމްރް (ރއ) ޝަހީދުކުރެވުނީ ބައިޒަންޓައިން އާއި ދެކޮޅަށް ކުރެވުނު ހަގުރާމައިގެ ތެރޭގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް