ads
އުހުދު ފަރުބަދަ
މުސްއަބް އިބްން އުމައިރު (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މުސްއަބް އިބްން އުމަރު (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ދަރިފަސްކޮޅު އަދި ނަސްލު:

މުސްއަބް އިބްން އުމަރު (ރއ) ނުވަތަ މުސްއަބް އަލްޚައިރު ނިސްބަތްވެވަޑައިގަންނަވަނީ ގުރައިޝުންގެ ބަނޫ އަލްދާރު ވަންހައަށެވެ. ބައްޕާފުޅުގެ ނަންފުޅަކީ އުމައިރު އިބްން ހާޝިމް އެވެ. މަންމާފުޅުގެ ނަންފުޅަކީ ޚުނަސް ބިންތި މަލިކް އެވެ. އުފަންވެވަޑައިގަތީ ގުރައިޝުންގެ ނިސްބަތުންވެސް އެއްމެ މުއްސަދި އެއް އާއިލާށެވެ. އެހެންވުމާއެކު، އެއްމެ ތުއްޕުޅު އިރުއްސުރެ، އަބަދުވެސް އަގޮބޮޑެތި ގަހަނާތަކާއި، ރިވެތި ހެދުންތައް ތުރުކުރައްވައިގެން އުޅުއްވިއެވެ. ބުނެވޭ ގޮތުގައި ފައިވާންކޮޅަކީ ޔަމަނުގެ އެއްމެ ޝާހީ ފައިވާންކޮޅެވެ. އެޒަމާނުގައި ޔަމަނުގެ ޝާހީ ފައިވާން ލިބެނީ ވަރަށް ޚާއްސާ ނުވަތަ ވަރަށްވެސް މުއްސަދި މީހުންނަށެވެ.

އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަމާއި އަދި މަޝްހޫރުކަމުގެ މައްޗަށް ބަލާ، ފުރާވަރުގެ އުމުރަށް އެޅުމާއެކު ގުރައިޝުންގެ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިކުރައްވަން ފެއްޓުނެވެ. މިހެންވުމާއެކު، އެޒަމާނުގައި މައްކާގެ ތެރޭގައި ހިނގާ ހުރިހާ މުހިއްމު ކަމެއްގެ މައުލޫމާތު އެގިވަޑައިގަތެވެ.

އިސްލާމްދީން ގަބޫލުކުރެއްވުން:

މުސްއަބް އިބްން އުމަރު (ރއ) ބޮޑުފުޅު ވަމުން އައިއިރު، މާތްނަބިއްޔާ މުޙައްމަދު (ރސއވ) އަކީ ގުރައިޝުންގެ ތެރޭގައި މަޝްހޫރު "އަލްއަމީން" އެވެ. އެކަލޭގެފާނަށް އިހުތިރާމްނުކުރާ ހަމައެއްމެ ގުރައިޝީއަކުވެސް އެއިރު ނޫޅެއެވެ. ރަސޫލުކަމާއިގެން ފޮނުއްވުމާއެކު، ގުރައިޝުންގެ ބޮޑުން އެކަލޭގެފާނު ހުއްޓުވަން އެކި މަސައްކަތްތައް ކުރިއެވެ. މީގެ ތެރޭގައި އެކަލޭގެފާނާއި ބެހޭގޮތުން ދޮގު ޚަބަރުފެތުރުމާއި، އެކަލޭގެފާނަށް ފުރައްސާރަކުރުން ހިމެނެއެވެ. މިހުރިހާކަމެއް ރޭވިގެން އައިއިރު، ގުރައިޝުންގެ އިސްސަފުގެތެރޭގައި މުސްއަބް އިބްން އުމަރު (ރއ)ވެސް ހުންނެވިއެވެ. 

އެހެންނަމަވެސް އެހެން ގުރައިޝުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ)އަށް މަލާމާތްކޮށް ބަދުބަސް ބުނަމުންދިޔައިރު، މުސްއަބް އިބްން އުމަރު (ރއ) އަށް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ފެނިވަޑައިގަތީ އެއައްވުރެ މާތް މަތިވެރި ބޭފުޅެއްގެ ގޮތުގައިއެވެ. މިއާއެކު އިސްލާމްދީނާއި މެދު ވިސްނާ ފިކުރުކުރެވެންފެށުނެއެވެ.

އިސްލާމްދީނާއި މެދު އޮތް ޝައުގެއްގެ ބޮޑުކަމުން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ބައްދަލުކުރައްވާ އިތުރު މައުލޫމާތު އޮޅުންފިލުވުމުގެ ބޭނުމުގައި ހުންނަވަނިކޮށް، އަލް އަގްރާމްގައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މުސްލިމުންނާއި ބައްދަލުކުރައްވަމުންގެންދަވާ ކަމުގެ ޚަބަރު ލިބިވަޑައިގަތެވެ. ހަމަ ވަގުތުން، އެތަނަށްވަޑައިގަތެވެ. އެތެރެއަށް ވަދެ ވަޑައިގަތުމުގެ ކުރިން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާން އިންނެވި އަޑު އިވިވަޑައިގެތެވެ. މިއާއެކު އިތުރު ސުވާލެއް ކުރުމަކާނުލާ، ވަގުތުން އިސްލާމް ދީން ގަބޫލުކުރެއްވިއެވެ. މުސްއަބް އިބްން އުމަރު (ރއ) އަކީ އަލް އަގްރާމް އަށް އަމިއްލަފުޅަށް ވަޑައިގެން އިސްލާމްދީން ގަބޫލުކުރެއްވެވި އެއްމެ ފުރަތަމަ ބޭކަލެވެ.

އިސްލާމުންގެ އެއްމެ ފުރަތަމަ ސަފީރު:

މުސްއަބް އިބްން އުމަރު (ރއ) އަކީ އިސްލާމުންގެ ފަރާތުން އެއްމެ ފުރަތަމަ އައްޔަނުކުރެވިގެންދިޔަ ސަފީރެވެ. ސަފީރެއްގެ ހައިސިއްޔަތުން މައްކާއިން ބޭރަށް އިސްލާމުންގެ ފަރާތުން އިސްލާމްދީނަށް ގޮވާލެއްވުމަށް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ފޮނުއްވެވި ބޭކަލެވެ. މިގޮތުން އެއްމެ ފުރަތަމަ ސަފީރެއްގެ ގޮތުން އެކަލޭގެފާނު ފޮނުއްވެވީ އަލްޔަތްރީބް (މަދީނާ) އަށެވެ. އެއީ މަދީނާއަށް ހިޖުރައަށް ވަޑައިގަތުގެ ކުރިން މަދީނާގައި އިސްލާމްދީނަށް ގޮވާލެއްވުމަށެވެ. އަދި މަދީނާގެ ރައްޔިތުންގެ ފަރާތުން އިސްލާމްދީނަށާއި އިސްލާމްދީން ގަބޫލްކުރައްވައިގެން ތިއްބެވި މުހާޖިރުންނަށް ރައްކާތެރިކަން ހޯއްދެވުމުގެ ބޭނުމުގައި އެވެ. މަދީނާއިން މުސްއަބް އިބްން އުމަރު (ރއ) އާއި އެހީތެރިވެވަޑައިގަތީ އައްސަދު އިބްން ޒުއްރާ އެވެ.

ބައިވެރިވެވަޑައިގެންނެވި ބައެއް ހަގުރާމަތައް:

އިސްލާމްދީނުގެ ދިފާއުގައި މުސްލިމުން އެއްމެ ފުރަތަމަ ކުރެއްވި ހަގުރާމަ، ބަދުރު ހަގުރާމައިގައި ބައިވެރިވެ ވަޑައިގެތެވެ. އެއަށް ފަހު އުހުދު ހަގުރާމައިގައިވެސް ބައިވެރިވެވަޑައިގަތެވެ. އުހުދު ހަގުރާމާގައި، އިސްލާމުންގެ ދިދަ ނަންގަވައިގެން ހުންނެވުމުގެ ޒިންމާ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މަތިވެރިކުރެއްވެވީ މުސްއަބް އިބްން އުމަރު (ރއ) އާއި އެވެ. ހަގުރާމަތެރޭގައި، މުސްލިމުން މޮޅުވެއްޖެކަމަށް ހީކޮށް، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެންގެވުމާއި ޚިލާފަށް، ހަގުރާމަވެރިން ތިބި ތަންތަން ދޫކޮށް މުސްލިމުން ދިއުމުން، އެވަގުތުގެ ބޭނުންހިފާ، ވަރުގަދަ ހަމަލާތަކެއްދޭން މުޝްރިކުން ފެށިއެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު (ރސއވ)އަށް ހަމަލާދޭން އެކަލޭގެފާނު ވަށާލުމަށް މަސައްކަތްކުރިތަން މުސްއަބް އިބްން އުމަރު (ރއ) އަށް ފެނިވަޑައިގަތެވެ. 

އެއާއެކު، މުޝްރިކުންގެ ލޯތަށް އެހެން ދިމާލަކަށް އަބުރާލުމުގެ ބޭނުމުގައި، އަޑުގަދަ ކޮށް ތަބްބީރު ކިޔއްވަން ފެއްޓެވިއެވެ. އެއީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސަލާމަތްކުރެއްވުމުގެ ބޭނުމުގައިއެވެ. މިގޮތަށް އަޑުގަދަކޮށް ތަކްބީރު ކިއުއްވަން ފެއްޓެވުމާއެކު، މުޝްރިކުންގެ ލޯތަށް މުސްއަބް އިބްން އުމަރު (ރއ)އަށް އަމާޒުވިއެވެ. އަދި އެކަލޭގެފެފާނުގެ އެއް އަތް ބުރިކޮށްލިއެވެ. އެއާއެކު ދިދަކޮޅު އަނެއް އަތަށް ބަދަލުކުރައްވައި ތަކްބީރު ކިއުއްވުމުގައި ދެމި ހުންނެވިއެވެ. މުޝްރިކުން އެކަލޭގެފާނުގެ އަނެއް އަތް ވެސް ބުރިކޮށްލިއެވެ. އެހެންނަމެވސް ދިދަކޮޅު ވައްޓަވާނުލައްވާ ދެއަތް ބުރިވެފައިވާ ހާލ ވެސް ދިދަކޮޅުގައި ހިފެއްޓެވިއެވެ. މިހެންހުންވަނިކޮށް، މުޝްރިކުން އެއްލި ދުންޏެއް އެކަލޭގެފާނުގެ މޭކަށިކޮޅަށް އަމާޒުވެ، ޝަހީދުވެގެން ދިޔައީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް