ads
ފިޠްރު ޒަކާތް
ފިޠްރު ޒަކާތް
ފިޠްރު ޒަކާތަކީ ރޯދަމަސް ނިމުނީމައި މުސްލިމުން، އެ ޙައްޤުވާ މީހުންނަށް ދޭ ޒަކާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ.

ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއި އެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ. ފިޠްރު ޒަކާތާއި މުދަލުގެ ޒަކާތަކީ މުޅިން ދެ އެއްޗެއްކަން މި ތާގައި ފާހަގަ ކޮށްލަމެވެ. އަދި ޞަދަޤާތަކީވެސް ތަފާތު އެއްޗެކެވެ. ފިޠްރު ނެރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތުން ފިޠްރު ޒަކާތަކީ ރޯދަވެރިއާ، ރޯދައަށްހުރެ ކުރެވޭ ކުދި ކުށްތަކުން ރޯދައަށް ބުރާފައިވާ ''ހިރަފުހުން'' އެ ސާފުކޮށްދޭ އެއްޗެކެވެ. 

އަދި ހަމައެހެންމެ މިއީ ރޯދަމަހު މުސްލިމުން، ފަޤީރުންގެ ކެކުޅުންތަކާއި، ބަނޑުހައިހޫނުކަން ދެނެގަނެ، އެކަން މުޖުތަމަޢުން ފޮހެލުމައްޓަކައި އަޅާ ފުރަތަމަ ފިޔަވަޅެވެ. ރަމަޟާންމަހު ގައި ތިމަންނަވީ ބަނޑުހައިކަން މިއަދު ޢީދު ދުވަހުވެސް އަނެއް އަޚާ ވާނެކަން ހަދާންނުނެތޭކަން ފިޠްރު ޒަކާތުގެ ހާލުގެ ދުލުން ބުނެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެހެން މީހުންގެ ބަނޑުހައިހޫނުކަން އިޙްސާސް ކުރަން ދަސްވި ދަސްވުމަށް، ކުރިމަތިވާ ފުރަތަމަ ޙަޤީޤީ އިމްތިޙާނަކީ ޒަކާތް ނެރޭ ދުވަހެވެ. ވާޖިބުވަނީ ކޮންބަޔަކަށް ؟ - މުސްލިމުންގެ ތެރެއިން، ކޮންމެ އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ބޮޑުމީހެއް، މިނިވަނެއް އަޅެއް، ފަޤީރެއް މުއްސަންޖެއްގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. - ނަމަވެސް މި ވާޖިބުވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ، ޢީދުދުވަހާއި އެރޭ އޭނާއާއި ބަލަދުވެރިން ކާނެ، އަދި ބޭނުންތައްފުއްދޭނެ ފައިސާ ނުވަތަ ތަނަވަސްކަން އަތުގައި ހުރުމެވެ. 

ޒަކާތުގެ މިންވަރު އަދި ބާވަތް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުން ، ފިޠްރު ޒަކާތް ދޭންޖެހެނީ، ކަދުރު، ހިމަގޮދަން، ހިކި މޭބިސްކަދުރު، ގޮދަން، ޗީޒު ނުވަތަ އެރަށެއްގައި ޢާއްމުކޮށް ކައިއުޅޭ ބާވަތަކުން ''ޞާޢެއް'' ގެ މިންވަރެވެ. ޞާޢު އަކީ އާދައިގެ މީހެއްގެ ދެއަތުން، ހަތަރު ފަހަރު ނެގޭވަރެވެ. ގޮދަނުން ޞާޢަކީ ގާތްގަޑަކަށް 2.17 ގުރާމެވެ. ހަނޑުލުން 2.5 ކިލޯއެވެ. އެހެނިހެން އެއްޗެހިން، މިއަށްވުރެ މަދު ނުވަތަ ގިނަވެސް ވެދާނެއެވެ. ޒަކާތްދޭންޖެހެނީ ކުރިންެވެސް ދެންނެވިފަދައިން، އެ ތަނެއްގައި ޢާއްމުކޮށް ކައިއުޅޭ ބާވަތަކުންނެވެ. 

ޢާއްމުކޮށް ކައިއުޅޭއެއްޗަށްވުރެ މި ދެންނެވި އެއްޗެހީގެ ފެންވަރު ރަނގަޅުނަމަ މި އެއްޗެހިންނެވެ. ޒަކާތް ނެރެން ޖެހޭނީ ކާއެއްޗެހިންތޯ ނުވަތަ ފައިސާއިންތޯ، މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ޙަނަފީ މަޛްހަބު ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުން ދެކެވަޑައިގަތީ ފައިސާއިން ނުދެވޭނެ ކަމަށެވެ. ނަމަވެސް ޙަނަފީ މަޛްހަބް ދެކެނީ ޒަކާތަށް ވާޖިބުވާ މިންވަރުގެ އަގު ( ފައިސާއިން ) ޒަކާތް ނެރުން ހުއްދަ ކަމަށެވެ. މިހާރުގެ ގިނަ ޢިލްމުވެރިން ޒަމާނުގެ ކަންތައްތައް އޮތް ގޮތަށް ބައްލަވާފައި ފަތުވާ ދެއްވަނީ، ފައިސާއިން ފިޠުރު ޒަކާތް ނެރުން ހުއްދަކަމަށެވެ. އަދި އެ ގޮތް ރަނގަޅު ކަމަށެވެ. އަދި ޢުމަރު ބިން ޢަބްދުލް ޢަޒީޒާއި ޙަސަނުލް ބަޞްރީ ވެސް މިގޮތަށް ވިދާޅުވިކަމަށް ރިވާކުރެވިފައިވެއެވެ. ވީމާ ފިޠުރު ޒަކާތް ފައިސާ އިން ދިނުންވެސް ހުއްދައެވެ. ކިއެއްތެ؟ މިގޮތް ފަޤީރުންނަށް މާ ފައިދާ ބޮޑެވެ. 

އެހެނީ ގިނަދުވަސް ވަންދެން، ފައިސާ ގެންގުޅެވިފައި، ހުރިހާ ބާވަތެއްގެ ބޭނުންތައްވެސް އެއިން ފުއްދޭނެތީއެވެ. ކާއެއްޗެހި މަދު ނަމަ ކާއެއްޗެހި ގަނެވޭނެއެވެ. ކުދިން ކިޔަވަން ބޭނުންވާ އެއްޗެއް މަދު ނަމަ، އެ ވެސް ގަނެވިދާނެއެވެ. ހަމަ އެހެންމެ ފިޠުރު ޒަކާތަކީ އަޅުކަމެއްގެ އިތުރުން މުސްލިމުންގެ ބައެއްގެ މަސްލަހަތާ ވެސް ގުޅިފައިވާ ކަމެކެވެ. ވީމާ މި މަސްލަހަތު ބޮޑަށް ޙާޞިލް ކުރެވޭނެ ގޮތެއް ބަލަން ޖެހޭނެއެވެ. ވަގުތު ފިޠުރު ޒަކާތް ދިނުން ވާޖިބު ވާ ވަގުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛުހަބެވެ. މާލިކީ އަދި ޙަނަފީން ދެކެނީ ޢީދުދުވަހުގެ އިރުއެރުމުން ކަމަށެވެ. އިބުނު ޢައްބާސް ރިވާކުރެއްވި ޙަދީޘެއްގައި ވާގޮތުން ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރެން ޖެހެއެވެ. 

ވީމާ އޭގެ ފަހުން އެ ނެރެފިނަމަ އެއީ ފިޠްރު ޒަކާތަކަށް ނުވާނެއެވެ. ނަމަވެސް އެވާނީ ޞަދަޤާތަކަށެވެ. ޒަކާތް ނެރުން އަވަސް ކުރުން އިމާމް އަޙްމަދު ދެކެލައްވަނީ، ނެރުން ދެ ދުވަސް ކުރިއަށް އަވަސް ކުރެވިދާނެ ކަމަށެވެ. އެއީ ބުޚާރީގައިވާ ޙަދީޘެއްގައި ޞަޙާބީން އެއް ދުވަސް، ދެ ދުވަސް ކުރިން ޒަކާތް ނެރޭކަމަށް އޮންނާތީއެވެ. މާލިކީ މަޛްހަބުގެ މީހުން ނަގާ ރައުޔަކީވެސް މިއީއެވެ. ބައެއް މީހުން ތިން ދުވަސް ކަމަށްވެސް ބުނެފައިވެއެވެ. ހަމަ އެހެންމެ ޙަންބަލީ މަޛްހަބުގެ އެއް ރައުޔެއްގައި ރަމަޟާން މަހުގެ މެދާއި ހަމައަށް އަވަސް ކުރެވިދާނެކަމަށް ބުނެފައިވެއެވެ. ޝާފިޢީ މަޛްހަބުގައި ދެކެނީ ރަމަޟާން މަހުގެ ފެއްޓޭ ހިސާބަށްވެސް އަވަސް ކުރެވިދާނެ ކަމަށެވެ. އެހެނީ ފިޠްރު ޒަކާތުގެ ސަބަބަކީ ރަމަޟާން މަހުގެ ރޯދަ ހިފާފައި ރޯދަ މަސް ނިންމުމެވެ. 

ވީމާ މި ދެ ސަބަބުގެ ތެރެއިން އެއް ސަބަބު އޮތަސް (ރޯދަ ފެއްޓުން) ޒަކާތް ވާޖިބު ވީ ކަމަށެވެ. ވީމާ ފިޠްރު ޒަކާތް ނެރުން އަވަސް ކުރުމުގެ މައްސަލައިގައި، ގިނަ ޢިލްމުވެރިން ވިދާޅުވަނީ ރަމަޟާން މަހުގެ މެދާއި ހަމައަށްވެސް އަވަސް ކުރެވިދާނެކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ޒަކާތް ހަވާލު ކުރަނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކާއި ނުވަތަ ޚައިރީ ޖަމްޢިއްޔާއަކާއި ނަމަ، ރަމަޟާން މަހުގެ މެދަށް އަވަސް ކުރުމަކީ މަޞްލަޙަތު ހުރި ގޮތެއް ކަމަށް ޢިލްމުވެރިން ދެކެލައްވައެވެ. އެހެނީ ގިނަ ބައެއްގެ އަތުން އެ އެއްޗެހި އަތުލައި ގުދަންކޮށް އެ ބަހާނެ މީހުންގެ ލިސްޓު ތައްޔާރުކޮށް، ބަހާނެ މިންވަރު ކަނޑައަޅައި ޢީދު ދުވަހު ފަޤީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފައިސާ ނުވަތަ އެއްޗެހި ދެވޭނީ އޭރުންނެވެ. ޒަކާތް ނެރުން ހުއްދަ ވާ ވަގުތު ވަދެފައި އޮއްވާ ފުރަން ޖެހިއްޖެނަމަ ބޮޑަށް ރަނގަޅީ، ޒަކާތް ނެރެފައި ފުރުމެވެ. 

ވަގުތު ނުޖެހޭނަމަ އޭނާ ފުރައިގެން ގޮސް މަޑު ކުރާތަނެއްގައި، ޒަކާތް ނެރޭނީއެވެ. ( ވަގުތު ފާއިތު ނުވާނަމަ ) ލިބެންވީ ކޮންބަޔަކަށް ފިޠްރު ޒަކާތް ލިބެން ޖެހޭ މީހުންނާއި މެދު ތިން ރައުޔެއް ފިޤުހުވެރިންގެ މެދުގައި އެބަ އޮތެވެ. އެއީ :- 1- މުދަލުގެ ޒަކާތްވެސް ލިބޭ 8 ބާވަތުގެ މީހުންނަށް ( ތައުބާ ސޫރަތުގެގެ 60 ވަނަ އާޔަތް ބަލާށެވެ. ) ފިޠުރު ޒަކާތްވެސް ލިއްބައި ދެވިދާނެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ. 2- އަށް ބާވަތުގެ މީހުންނަށް ބެހުންވެސް ހުއްދައެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުންވެސް ހުއްދައެވެ. 

މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. 3- ހަމަ އެކަނި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުން ވާޖިބެވެ. މިއީ މާލިކީ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި ވާ ރައުޔެވެ. އިބްނު ތައިމިޔާ އާއި އޭނާގެ ދަރިވަރު އިބްނުލް ޤައްޔިމް ބުރަވެލައްވަނީވެސް މި ރައުޔަށެވެ. އަލްޢައްލާމާ ޝައިޚް ޔޫސުފުލް ޤަރަޞާވީ މި މައްސަލާގައި ވިދާޅުވެފައިވަނީ، ތިންވަނަ ރައުޔަކީ ފިޠުރު ޒަކާތުގެ ރޫޙާއި އެންމެ ގުޅޭ ރައުޔު ކަމަށެވެ. އެއީ ހަމައެކަނި ފަޤީރުންނާއި މިސްކީނުންނަށް ޚާއްޞަ ކުރެވޭތީއެވެ. ނަމަވެސް ޤަރަޟާވީ ވިދާޅުވަނީ އެހެން ފަރާތަކަށްވެސް ބޭނުން ޖެހިއްޖެ ހިނދެއްގައި އެފަރާތަކަށް މިއިން ބައެއް ދިނުން އެއީ މަޞްލަޙަތު ހުރި ގޮތެއް ކަމަށެވެ. 

ވީމާ ޤަރަޟާވީ ދެކެލައްވަނީ ޤަބޫލް ކުރެވޭ އިސްލާމީ މަޞްލަޙަތެއް ނެތްނަމަ ފިޠުރު ޒަކާތް ޚާއްޞަ ކުރަންޖެހޭނީ ފަޤީރުންނާއި މިސްކީނުންނަށެވެ. އެ ތަނެއްގެ ވަލިއްޔުލް އަމްރަށް، ބާކީ އޮތް ހަ ބައިން ކުރެ ބަޔަކަށް ނުވަތަ މުސްލިމުންގެ މަޞްލަހަތަކަށް މި މުދަލުން ބައެއް ޚާއްސަ ކުރަން ފެނިއްޖެނަމަ އެކަން ކުރެވިދާނެއެވެ. އިތުރު މައްސަލަތައް - ބަނޑުގައި އޮންނަ ކުޑަ ކުއްޖާގެ މަތިން ފިޠްރު ޒަކާތް ދޭން ޖެހޭނެހެއްޔެވެ؟ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ބަނޑުގައިވާ ކުޑަ ކުއްޖާ '' ޖަނީން '' ގެ ފަރާތުން ފިޠްރު ޒަކާތް ނެރެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އިމާމް އިބްނު ޙަޒުމް ވިދާޅުވަނީ ޖަނީނަށް 120 ދުވަސް ވެއްޖެނަމަ، ދޭން ޖެހޭނެކަމަށެވެ. އޭނާގެ ދަލީލަކީ ޒަކާތް ވާޖިބުވާ މީހުން ބަޔާން ކުރެވިފައިވާ ޙަދީޘްގައި ''ކުޑަކުއްޖާ '' އޮތުމެވެ. 

ނަމަވެސް މީގެ ރައްދެއްގެ ގޮތުގައި ޢިލްމުވެރިން ވިދާޅުވަނީ ބަނޑުގައި ވާ ކުޑަ ކުއްޖާގެ ފަރާތުން ޒަކާތް ނެރެން ޖެހޭ ކަމުގެ އެއްވެސް ދަލީލެއް ނެތް ކަމަށެވެ. އަދި ބަނޑުގައި އޮންނަ ޖަނީން އާއި އުފަންވެފައި ތިބޭ ކުދިންނާއި މުޅިން ތަފާތު ކަމަށެވެ. ރާޖިޙް ރައުޔަކީ ދޭން ނުޖެހޭނެ ކަމަށް ބުނާ ރައުޔެވެ. - ބައިވަރު ފަޤީރުން ތިބެފައި ޒަކާތް ދޭން ހުރީ އެންމެ މީހެއް ނަމަ، އޭނާ ޒަކާތުގެ ގޮތުގައި ދޭ އެއްޗެއް އެ އެންމެންނަށް ބެހުން ހުއްދައެވެ. އަނެއްކޮޅުން އެތައް ބަޔަކު ނެރޭ ޒަކާތް، މަސްހުނިވެގެން އެކަކަށް ލިބުން އެއީ ވެސް މައްސަލައެއް ނޫނެވެ. 

ފިޠްރު ޒަކާތް ނުބެހޭނެ މީހުން ( ނުލިބޭ މީހުން ) : ފިޠްރު ޒަކާތަކީވެސް ޒަކާތަކަށް ވާހިނދު، ޒަކާތް ދިނުން ހުއްދަ ނޫން އެއްވެސް މީހަކަށް ފިޠްރު ޒަކާތްވެސް ނުދެވޭނެއެވެ(ނުލިބޭނެއެވެ.) އޭގެ ތެރޭގައި ކާފިރުން، މުރުތައްދުން، މުއްސަނދިން، ޒަކާތް ލިބޭ މީހުންގެ 8 ބައިގައި ނުހިމެނޭ މީހުން، މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެހެން ނަމަވެސް މަސައްކަތް ނުކޮށް ސަލާންޖަހާ މީހުން، މައިންބަފައިން، ދަރިން، އަދި އަނބިމީހާ ހިމެނެއެވެ. ދެންމެ މި ބުނެވުނު ޢާއިލާ މީހުންނަށް ޒަކާތުން އެއްޗެއް ދިނުން ހުއްދަ ނޫނީ އެއީ، ޚަރަދު ކުރުން އޭނާގެ މައްޗަށް ވާޖިބުވެފައިވާ ބަޔަކަށް ވާތީއެވެ. ވީމާ މިސާލަކަށް ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ޒަކާތް ދިނުމަކީ އަމިއްލަ ޖީބަށް އެ ފައިސާ ނަގާފައި ޒަކާތް ދީފައި އަލުން އެ ފައިސާ ޖީބަށް ލުން ކަހަލަ ކަމެކެވެ. ޚަރަދު ކުރުން ވާޖިބު ނޫން ތިމާގެ މީހުންނަށް ޒަކާތުގެ ފައިސާ ދިނުން ހުއްދައެވެ. 

އެހެނީ ތިމާގެ މީހުންނަށް ޞަދަޤާތް ދިނުމަކީ ވަރަށް ހެޔޮ އިތުރު ކަމެކެވެ. މިސާލަކަށް ބޭނުން ޖެހިފައިވާ ދައްތަ، ބޭބެ، ބޮޑު ދައިތަ ބޮޑު ބޭބެ އަދި މިނުންވެސް ތިމާގެ މީހުންނެވެ. ހަމަ އެހެންމެ ފަޤީރު ރައްޓެއްސަކަށް ވެސް ދެވިދާނެއެވެ. އޮތް ހަމަ އެކަނި ޝަރުޠަކީ ޒަކާތުގެ އާޔަތުގައިވާ 8 ސިފައިން ކުރެ ސިފައެއް މިއިން މީހެއްގައި ހުރުމެވެ. އެކަމަކު ތިމާއަކީ ވަރަށް މުއްސަނދި މީހެއްނަމަ މި ފަދަ މީހަކަށް ވެދޭ އެހީ އަކީ ޒަކާތަށް ޚާއްސަ ފައިސާއިން ދޭ އެއްޗެއްގެ ބަދަލުގައި، އެހެން ބަޖެޓަކުން ވެދޭ އެހީއަކަށް ހެދުން ރަނގަޅެވެ. އޭރުން ގާތް މީހުންގެ ބޭނުންވެސް ފުއްދައި ދެވިފައި އަދި ނުދަންނަ ހިލޭ ފަޤީރުންނަށް ދޭން ޒަކާތުގެ ފައިސާ ހުންނާނެއެވެ. 

ސުވާލަކީ އަނބިމީހާ ނެރޭ ޒަކާތު ފައިސާ އޭނާގެ ފިރިއަށް ދެވިދާނެހެއްޔެވެ؟ މިސާލަކަށް މުއްސަނދި ވިޔަފާރިވެރި އަންހެނެއްގެ މުދަލު ޒަކާތުން އޭނާގެ ފަޤީރު ފިރި މީހާއަށް ދެވިދާނެހެއްޔެވެ؟ ޖަވާބުގައި ޖުމްހޫރު ޢިލްމުވެރިން ދެކެލައްވަނީ ދެވިދާނެ ކަމަށެވެ. ސަބަބަކީ ފިރިމީހާއަށް ޚަރަދު ކުރުން އެއީ އަނބިމީހާއަށް ވާޖިބު ކަމެއް ނޫނެވެ. ޢަބްދުﷲ ބިން މަސްޢޫދުގެ އަނބިކަނބަލުން ޒައިނަބް ކީރިތި ރަސޫލާ އަރިއަހުން މި ކަމުގެ ފަތުވާއަކަށް އެދިލެއްވުމުން، ގާތް ތިމާގެ ކަމުގެ ޘަވާބާއި ޞަދަޤާތުގެ ޘަވާބު ލިބޭނެކަމަށް ޙަދީޘް ކުރެއްވިއެވެ. ( ޞަޙީޙް ބުޚާރީގެ ޙަދީޘެއް ) 

ނޯޓް: މިއީ ކަވާސާއިން ނަކަލުކޮށްފައިވާ ލިއުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް