ads
މައްކާގެ ކުރީގެ ކުރެހުމެއް
ބިލާލް އިބްން ރަބާހް (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބު ބޭކަލުންގެ ތެރެއިން ބިލާލް އިބްން ރަބާހް (ރއ) ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ބިލާލް އިބްން ރަބާހް (ރއ) އަކީ އިސްލާމުންގެ އެއްމެ ފުރަތަމަ މުދިމެވެ. މިސްކިތެއްގައި އެއްމެ ފުރަތަމަ ފަހަރަށް ފަސް ވަގުތަށް ބަންގިގޮވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ބޭކަލަކީ ބިލާލް އިބްން ރަބާހް (ރއ) އެވެ. އެއީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެއްމެ އިތުބާރުކުރައްވާ އެއް ސަހާބީއެވެ.

ކުރީގެ ދިރިއުޅުއްވުން އަދި ދަރިފަސްކޮޅު

ބިލާލް އިބްން ރަބާހް (ރއ)ގެ ބައްޕާފުޅަކީ އަރަބި ބޭކަލަކެވެ. މަންމާފުޅަކީ ހަބްޝްކަރައަށް ނިސްބަތްވާ ކަނބަލެކެވެ. އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން އެއްބަސްވާގޮތުގައި، ބިލާލް އިބްން ރަބާހް (ރއ) އަކީ ހިމަތޮޅި، އިސްކޮޅުން ދިގު އަދި ގައިގެ ކުލަ ކަޅު ބޭކަލެކެވެ.

ބިލާލް އިބްން ރަބާހް (ރއ)ނިސްބަތްވެވަޑައިގަންނަވަނީ ގުރައިޝުންގެ ބަނޫ ޖުމްއާ ގަބީލާ އަށެވެ. އިސްލާމްދީން ބާވައިލެއްވުމުގެ ކުރިއަށް، ބަނޫ ޖުމްއާގެ ގަބީލާގެ މީހުންނަކީ ފާލުބެލުމަށް ގުރައިޝުންގެ ތެރޭގައި މަޝްހޫރު ބައެކެވެ. ބިލާލް އިބްން ރަބާހް (ރއ)ގެ އާއިލާ އަކީ މި ވަންހައިގެ އަޅުންގެ ތެރޭގައި ހިމެނޭ އާއިލާއެކެވެ. ބަނޫ ޖުމްއާ ގަބީލާގެ މީހުންގެ މެދުގައި އެއްމެ ދަށްފަންތީގެ މީހުންނަކީ އަޅުންގެ ގޮތުގައި ގެންގުޅޭ މީހުންނެވެ. އަޅުންނަކީ އެމީހުންގެ ވެރިފަރާތުން އަންގާ ހުރިހާ އެންގުމެއް ފުރިހަމަ ކުރަންޖެހޭ ބައެކެވެ. ބިލާލް އިބްން ރަބާހް (ރއ) އުފަންވެ ވަޑައިގަތީވެސް އަޅު ބޭކަލެއްގެ ގޮތުގައިއެވެ.

އިސްލާމްދީން ގަބޫލުކުރެއްވުން

އިސްލާމްދީން ބާވައިލެއްވިގެން ދިޔަ ފުރަތަމަދުވަސްކޮޅު، އިސްލާމްދީން ގަބޫލުކުރި ހުރިހާ އެއްމެންނަކީ ދަށުދަރަޖައިގެ ބައެއްކަމަށް ދެކި، އެމީހުންނަށް ގަނާކޮށް އަނިޔާކުރުމަކީ ގުރައިޝުންގެ އާދައެކެވެ. ބިލާލް އިބްން ރަބާހް (ރއ) އަކީވެސް އެގޮތުން އެކިވަރުގެ އަނިޔާތައް ތަހަމައްމަލުކުރަންޖެހުނު ފަރާތެކެވެ.

ބިލާލް އިބްން ރަބާހް (ރއ) އިސްލާމްދީން ގަބޫލުކޮށްފިކަން، ބިލާލް އިބްން ރަބާހް (ރއ)ގެ ސާހިބާ އުމައްޔާ އިބްން ޚަލަފް އަށް އެނގުނު ވަގުތުންފެށިގެން އެކިވަރުގެ އަނިޔާ ކުރިއެވެ. އަދި އެމީހުންގެ ދީނަށް އަލުން ރުޖޫއަވުމަށް އަންގާ އިންޒާރުކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ބިލާލް އިބްން ރަބާހް (ރއ) އެހުރިހާ އަނިޔާއަކަށް ކެތްކޮށް، އުމައްޔާ އިބްން ޚަލަފް އެންގި އެންގުތަކަށް ދެކޮޅުހެދުމުގައި ދެމި ހުންނެވިއެވެ.

ނަތީޖާއެއްގެ ގޮތުން، އިނަޔާތައް އިތުރުކުރުމަށް، މެންދުރުގެ އެއްމެ ހޫނުގަދަ ވަގުތުގައި، ގަހެއް އަދި ރުކެއް ނެތް ހަނަފަސް ސަހަރާއަށް ގެންގޮސް، ލައިގެން ހުރި އަންނައުނުތައް ބާލުވައި، އޮށްގަލުން ތަޅާ އަނިޔާކުރިއެވެ. އަދި ބިޔަބޮޑު ހިލައެއް، ގިނައަދަދެއްގެ މީހުން ލައްވާ އުފުއްލުވާ، ބިލާލް އިބްން ރަބާހް (ރއ)ގެ މޭމަތިފުޅުގައި ބާއްވަވާ އުޅުއްވިއެވެ. އިރުއޮއްސުމާއި ހަމައަށް މިކން ތަކުރާރުކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ބިލާލް އިބްން ރަބާހް (ރއ)ގެ ހިތްވަރުފުޅަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއްމެފަހުން، އަނިޔާކުރަން އެއްވެފައިތިބި ބައެއް މީހުންގެ ހިތްތަކުގައި، ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ހަމްދަރުދީ އުފެދި، އުމައްޔާ އިންބް ޚަލަފް އަށް ބިލާލް އިބްން ރަބާހް (ރއ) ދޫކޮށްލުމަށް ގޮވާލިއެވެ. މިގޮލުމަށް އިޖާބަދީ، ގުރައިޝުން އަޅުކަންކުރަމުންދިޔަ ބުދުތަކަށް ކުޑައިމީސް ބަހެއް ނުބުނުމަށް ޝަރުތުކޮށް، އުމައްޔާ އިބްން ޚަލަފް ބިލާލް އިބްން ރަބާހް (ރއ) ދޫކޮށްލަން ނިންމިއެވެ. އެހެންނަމަވެސް އެމީހުންގެ އެންގުމަށް ފުރަގަސްދީ، "އަހަދު އަހަދު" ކިޔުމުގައި ދެމިހުންނެވިއެވެ.

މިކަމާއި ރުޅިގަދަވެ، ގުރައިޝުންގެ އެންގުމާއެކު، އުމައްޔާ އިބްން ޚަލަފް، ބިލާލް އިބްން ރަބާހް (ރއ)ގެ މޭފުޅުމަތީގައި ހިލައެއް އައްސަވައި، މައްކާގެ މަގުތަކުގައިވެސް ހިންގެވިއެވެ. އެހެންނަމަވެސް، "އަހަދު އަހަދު" ނޫން އެހެން އެއްޗެއް ބިލާލް އިބްން ރަބާހް (ރއ) ވިދާޅެއްނުވެއެވެ.

ބިލާލް އިބްން ރަބާހް (ރއ) ނަމަކަށް ކިޔުނު މުސްލިމް އަޅަކަށް އަނިޔާކުރަމުންދާ ވާހަކަ، މާތް ނަބިއްޔާ މުހައްމަދު (ރސއވ)އަށް އިވިވަޑައިގަތުމާއެކު، އަބޫބަކުރުފެގާނު(ރއ) އަށް އެކަން ބެއްލެވުމަށް އެންގެވިއެވެ. މިއާއެކު އަބޫބަކުރުގެފާނު (ރއ) އުމައްޔާ ނިން ޚަލަފް އަށް، ބިލާލް އިބްން ރަބާހް (ރއ)ގެ އަގަށްވުރެ އިތުރު އަދަދެއް ދެއްވެވުމަށްފަހު، ބިލާލް އިބްން ރަބާހް (ރއ) ބައްލަވައިގަނެ، މިނިވަންކުރެއްވެވީއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް