
ބޭނުންވާތަކެތި:
- 300 ގްރާމް ކުކުޅު
- 2 ފިޔާ ތުނިކޮށް ކޮށާފައި
- 4 ޓޮމާޓޯ (ޓޮމާޓޯ ޕިއުރީ)
- 1 މޭޒުމަތީ ސަމްސާ ފްރެޗް ކަރޑް
- 6-7 ލޮނުމެދު (ކުދިކުދިކޮށް ކޮށާލާފައި)
- 1 އިންޗި އިނގުރު (ޗިސްކޮށްފައި)
- 2 މޭޒުމަތީ ސަމްސާ ގިތެޔޮ
- 3 ސައިސަމްސާ މުގުރި މިރުސް
- 2/1 ސައިސަމްސާ ރީނދޫ
- 2 ސައިސަމްސާ ކޮރިއެންޑާރ ޕައުޑަރ
- 1 ސައިސަމްސާ ގަރަމް މަސާލާ ޕައުޑަރ
- 1 ސައިސަމްސާ ލުނބޯ ހުތް
- އިނގުރުކޮޅެއް (ހިމަކޮށް ދިގުކޮށް ކޮށާފައި)
- ފިޔާ (ވައްކޮށް ނަގާފައި)
- ޓޮމާޓޯ (ވައްކޮށް ނަގާފައި)
- ކެޕްސިކަމް (ވައްކޮށް ނަގާފައި)
- ތާޒާ ކޮރިއެންޑާރ ފަތް (ކުދިކޮށް ކޮށާލާފައި)
- 2/1 ސައިސަމްސާ ބަޓަރ
- ރަހަލާވަރަށް ލޮން
ހޯލް ގަރަމް މަސާލާ ތައްޔާރުކުރުމަށް:
- 1 ބޭ ލީފް
- 1 އިންޗި ފޮނިތޮށި
- 2 ފެހިކުލައިގެ ކާފޫރުތޮޅި
- 1 ކަޅުކުލައިގެ ކާފޫރުތޮޅި
- 4-3 ކަރަންފޫ
- 3-4 ކަޅުމިރުސް
- 2/1 ސައިސަމްސާ ދިރި
- 1 މޭސް (ތަކޫވަށް މާ)
- 2/1 ސައިސަމްސާ ނަޓްމެގް
ތައްޔާރުކުރާނެ ގޮތް:
ކުކުޅު ރަގަޅަށް ސާފުކޮށްލުމަށްފަހު އާދައިގެ ވަރަކަށް ކޮށާލާށެވެ. ކުކުޅުތަކުގައި ލޮނު، މުގުރިމިރުސް، ލުނބޯ ހުތް އަޅާފައި މަސްތަކުގައި ހާކާލާށެވެ. ކަރޑް، ރީންދޫ، ކޮރިއެންޑަރ ޕައުޑަރ އަދި ގަރަމް މަސާލާ ޕައުޑަރ އެއްކޮށްލުމަށްފަހު އޭގެތެރެއަށް ކުކުޅުތައް އަޅާލާފައި އެއްކޮށްލާށެވެ. 40-30 މިނެޓް ވަންދެން ފިނިކުރުމަށް ރެފްރިޖްރޭޓަރގައި ބަހައްޓާލާށެވެ. ތަވާއެއްގައި ގިތެޔޮ ވިރުވާލުމަށްފަހު އޭގެތެރެއަށް ހޯލް ގަރަމް މަސާލާ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހައި އެއްޗެއް އަޅާލާ އެއްކޮށްލާށެވެ. ގަރަމް މަސާލާގެ ރަހަ، އަދި ވަސް އަންނަންދެން ރަގަޅަށް ކައްކާލާށެވެ. އެއަށްފަހު އޭގެތެރެއަށް ޗިސްކޮށްފައި ހުރި އިނގުރާއި ކުދިކޮށް ކޮށާފައިހުރި ލޮނުމެދާއި އަދި ކުދިކޮށް ކޮށްފައިހުރި ފިޔާ އެއްކޮށްލުމަށްފަހު ރަގަޅަށް ހަލުވާލާށެވެ. އިރުކޮޅެއް ވަންދެން ކައްކާލަން ބެހެއްޓުމަށްފަހު އޭގެތެރެއަށް ޓޮމާޓޯ ޕިއުރީ އެއްކޮށްލާށެވެ. ހުރިހައި އެއްޗެއް ރަގަޅަށް އެއްކޮށްލުމަށްފަހު ތަވާގައި ރަގަޅަށް މަތިޖަހާލާށެވެ. މަޑުގިނީގައި 4-3 މިނެޓްވަންދެން ކައްކާލާށެވެ. އެއަށްފަހު ކުކުޅުތައް އަޅާލުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.
ކުކުޅުތައް ރަގަޅަށް ކެކިލަންދެން 18-15 ވަރަކަށް މިނެޓް ބަހައްޓާލާށެވެ. ކެއްކި ކުކުޅުއެތި ތައްޓެއްގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު އޭގެމަތީގައި ވައްކޮށް ކޮށާފައިހުރި ފިޔާ، ޓޮމާޓޯ އަދި ކެޕްސިކަމް އަތުރާލާށެވެ. ދިގުކޮށް ކޮށާފައިހުރި އިނގުރު އަދި ކުދިކޮށް ކޮށާފައިހުރި ކޮރިއެންޑަރ ފަތް، ކުކުޅުތަކުގެ މައްޗަށް ބުރުވާލާށެވެ. އަދި ބަޓަރ އޭގެމައްޗަށް އަޅާލުމަށްފަހު ކުޑައިރުކޮޅެއް ވަންދެން އަވަން ގައި ބަހައްޓާލާށެވެ. އެހިސާބުން މި ޑިޝް ތައްޔާރުކުރެވުނީއެވެ.