
ސިންގަޕޫރު ބަލިކޮށް، ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެލޭޝިޔާއިން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ސިންގަޕޫރުގެ މައްޗަށް ކުރިހޯދައިގެނެވެ. މެލޭޝިއާ އިން ސެޓުތައް ގެންދިޔައީ 25-20، 25-23 އަދި 25-16 އިންނެވެ.
މި މުބާރާތުގެ ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވި އަފްގާނިސްތާނުވަނީ ލީގު ބުރުގެ ފުލަށް ދިޔަ ސިންގަޕޫރު އަތުން ސެމީ ފައިނަލްގައި ބަލިވެފައެވެ.
މާލޭގައި ކުރިއަށްދާ މި މުބާރާތުގައި މެލޭޝިއާ އިން ފައިނަލް މެޗާއެކު ޖުމްލަ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ ލީގު ބުރުގައި އަފްގާނިސްތާން އަތުންނެވެ. މެލޭޝިއާ ފައިނަލަށް ދަތުރުކުރީ ސެމީގައި ރޭ ރާއްޖެ ތިން ސެޓުން ބަލިކޮށްގެންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެލޭޝިޔާއިން ހޯދިއިރު، އަންހެން ޑިވިޝަނުގައި މެލޭޝިޔާ ކަޓުވާލައި ފައިނަލަށް ދިޔައީ ރާއްޖޭގެ އަންހެން ޓީމެވެ.
ފޯ ނޭޝަންސް ކަޕް ކީ ނަމަވެސް އަންހެން ޑިވިޝަނުގައި ކުޅެނީ ތިން ޓީމެވެ. އެއީ ރާއްޖެ، މެލޭޝީޔާ އަދި ސިންގަޕޫރެވެ. އަފްގާނުން އަންހެން ޑިވިޝަނުގެ ޓީމެއް ނުނެރެއެވެ.