
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބަހުރައިންއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ އިސްމާއީލް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާ ބަހްރައިނާއި ދެ ގައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އެލަނޑުދަނޑިއަށް ވާސިލްވުމުގައި ބަޓެލްކޯއިން ވެދެއްވާ އެހީއަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިގްތިސާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބަހްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަހުރެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ބަޓެލްކޯ އާއިއެކު ވެވުނު ސައިބަ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ހިދުމަތްތައްދޭ ،ގައުމީ، އަދި ބައިނަލްއަގްވާމީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މިބައްދަލު ކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ބަހްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގާއި، ނެޝަނަލް ސެންޓަ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބަ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެއެވެ.