ads
1950 ގައި ގަނެފައި ހުރި މެކްޑޮނާލްޑްގެ ފްރެންޗް ފްރަައިސް ކޮތަޅެއް ގޭ ތެރެއިން ފެނިއްޖެ
ފިނިވެފައި ހުންނަ ފްރެންޗް ފްރައިސް ފުދޭވަރަކަށް ނުބައެވެ. ނަމަވެސް ފިނިވެގެން ގޮސް ދުވަސްވެފައި ހުންނަ ފްރެންޗް ފްރައިސް އެއަށް ވުރެ ވެސް މާ ގޯހެވެ. މިއީ އިލިނޮއިސްގެ ދެމަފިރިއަކު ގެދޮރު މަރާމާތު ކުރުމުގެ ތެރޭގައި އެދެމަފިރިންނަށް ރޮނަލްޑް މެކްޑޮނަލްޑްގެ ފަރާތުން ލިބިގެން ދިޔަ ސަޕްރައިޒެކެވެ.

އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ރޮބް އާއި ގްރޭސީ ޖޯންސް ޗިކާގޯގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 50 މޭލު ދުރުގައި އޮންނަ އެމީހުންގެ 1959 ވަނަ އަހަރުގެ ކްރިސްޓަލް ލޭކް ހޯމްގައި މަސައްކަތް ކުރަމުން ދިޔައެވެ. ކުއްލިއަކަށް އެމީހުންނަށް ފާރެއްގެ ތެރޭގައި އެތައް ޒަމާނެއްވީ މެކްޑޮނަލްޑްސްގެ ކޮތަޅެއް އޮއްވާ ފެނުނެވެ.

"ރޮބް ހުރީ ފާހަނައިގައި ހުރި ކުރީގެ ޓޮއިލެޓް ޕޭޕަރު ފިކްސްޗާ ބަދަލު ކުރަން" ބުދަ ދުވަހު ސީއެންއެން އަށް މައުލޫމާތު ދެމުން ގްރޭސީ ބުންޏެވެ. އޭނާ ފިކްސްޗާ ބޭރަށް ނެރުމާއެކު ފާރު ތެރޭގައި ފޮތިކޮޅެއް އޮތް ތަން އޭނާ އަށް ފާހަގަވިއެވެ. 

އޭރު އެ ދެމަފިރިންނަށް އެތައް ޒަމާންތަކެއް ވެފައި ހުރި ކާ އެއްޗެހި ކޮތަޅެއް ފެނިދާނެ ކަަމަކަށް ހިޔެއް ނުކުރެއެވެ. 

ފުރަތަމަ ފޮތިކޮޅު ފެނުމުން ފުލުހުންނަށް ގުޅަންވީތޯ ސުވާލު އުފެދުނު ކަމަށާއި، ނަމަވެސް ފެނުނީ ދުވަސްވީ މެކްޑޮނާލްޑްގެ ކޮތަޅެއް ކަން އެނގުމުން ހިތްހަމަޖެހުން ލިބުނު ކަމަށް ގްރޭސީ ބުންޏެވެ. 

ދެން އެމީހުން އެ ކޮތަޅު ހިފައިގެން ބަދިގެ އަށް ގޮސް ފަރުވާތެރި ކަމާއެކު އެ ކޮތަޅު ހުލުވާލިއެވެ. އޭގެ ތެރެއިން އެމީހުންނަށް ފެނިގެންދިޔައީ ދެ ހެމްބާގާ ރެޕާ އާއި އެއްބައި ކައިފައި ހުރި އެތައް ޒަމާން ތަކެއްވީ ފްރެންޗް ފްރައިސް ތަކެކެވެ. އެ އެއްޗެހި ހުރީ ހަރުވެ، ބްރައުން ކުލައެއްގައެވެ. 

ފްރައިސްތައް ފެނުމާއެކު އެއީ އަސްލެއް ނޫން ކަމުގައި ހީކުރެވުނު ކަމަށާއި، ކޮތަޅުގައި ފްރައިސްތައް އެހާ ރަނގަޅަށް ރައްކާކުރެވިފައިވަނީ ކިހިނެއް ކަމާއި މެދު ސުވާލު އުފެދުނު ކަމަށް ގްރޭސީ އިތުރަށް ބުންޏެވެ. 

މެކްޑޮނަލްޑްސް ފްރައިސް އާންމު ގޮތެއްގައި މަޝްހޫރުވެފައި އޮންނަނީ އޭގެން ދުވާ ލޮނު ވަހުގެ ސަބަބުންނެވެ. ނަމަވެސް އެ ދެމަފިރިން ބުނީ ދުވަސްވީ މި ފްރައިސް ކޮތަޅުގައި އެކަހަލަ އެއްވެސް ވަހެއް ނެތް ކަމުގައެވެ.  

ގްރޭސީ ބުނީ އެމީހުން ފްރައިސްކޮޅެއް ނަގައި ބަލައިލި އިރު އޭތި ކޮންމެ ސިފައެއްގައި ހުރި ނަމަވެސް ހަރުކޮށް ވަރުގަދަކޮށް ހުރުމުން ހައިރާންވި ކަމަށެވެ. 

އެ މީހުންނަށް ފެނުނު ކޮތަޅުގައި ހުރި ލޯގޯ ދިރާސާ ކުރުމުން އެ ދެމަފިރިންނަށް އެނގިގެން ދިޔައީ އެއީ 1955 އިން 1961 އަށް މެކްޑޮނަލްޑްގެ ޕްރޮޑަކްޝަންގައި ބޭނުންކުރި ލޯގޯ އެއް ކަމެވެ. 

މީގެ އިތުރުން އޮރިޖިނަލް މެކްޑޮނާލްޑް އެމީހުންގެ ގޭ ކައިރީގައި ހުޅުވާފައި ވަނީ 1959 ވަނަ އަހަރުއެވެ. އެއީ އެ މީހުންގެ ގެ ވެސް ހެދި އަހަރެވެ. 

އެ ކޮތަޅުގައި ފާސްޓް ފުޑް ޗެއިން، ސްޕީޑީގެ އޮރިޖިނަލް މެސްކޮޓް ވެސް ހިމެނެއެވެ.

މެކްޑޮނަލްޑްސްއިން މި އާދަޔާ ޚިލާފު ހޯދުން ތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މިހާރު މަޑުކޮށްގެން ތިބީ އެމީހުންގެ ބަހެއްގެ އިންތިޒާރުގައެވެ. 

މިވަގުތު އެ ދެމަފިރިން ޒަމާންވީ ކާ އެއްޗެހި ތަކެއް ރައްކާކޮށްފައިވާ އިރު އެއާ މެދު އަމަލު ކުރާނެ ގޮތެއް ޔަގިންވެފައެއް ނުވެއެވެ. "އަހަރެމެން ވަރަށް އުފާވާނެ އެ ވިއްކަން ނުވަތަ ނުވިއްކާނަމަ، ތާރީހީ އެއްޗެއްގެ ގޮތުގައި އަހަރުމެންގެ އަތުގައި އެ ބާއްވާނަން" ކަމުގައި ގްރޭސީ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް