މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަންގަ އެވެ.
އެ ސެޝަންގައި އަޒުވަރު ވިދާޅުވީ، މިއަދަކީ ސްޓެލްކޯގެ ތާރީހުގައި މުހިންމު ފިޔަވަޅެއް އެޅި ދުވަހެއް ކަމަށާއި މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ފެންވަރުގައި އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއްކަން ފާހަގަކުރެއްވި އެވެ.
އެމްޑީ އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިސާދަށާއި ތިމާވެއްޓަށް ޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ.
ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަޒުވަރު މިއަދު ވާހަކަ ދައްކަވަނީ - ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ އިން ބުނީ ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ. އެގޮތުން، ބޭނުން ނުކުރާ ވަގުތުތަކުގައި ބޮކިތަކާއި އޭސީ ފަދަ ތަކެތި ނިއްވާލުން ފަދަ އާދައިގެ ކުދިކުދި ކަންކަމުން ވެސް ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ބޮޑު އެހީތެރިކަމެއް ގެނިވިދާނެކަން ހާމަކޮށް ދޭން މަސައްކަތް ކުރުން ކަމަށެވެ.
މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަކަތަ އިގްތިސާދުކުރެވޭނެ އަމަލީ ގޮތްތައް ރައްޔިތުންނަށް ދައްކުވައި ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.
"ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމައަށް ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.