މިއީ ރާއްޖޭގެ އެކި ހިސާބުތަކުން މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރަ އެވެ. މީގެ ކުރިން، އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލައް ސިޓީގައި މިއަހަރު ތެރޭ ވަނީ މިފްކޯގެ މަސްފިހާރަ ހުޅުވާފަ އެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން ދަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.
ރޭ ހުޅުވި މިފްކޯގެ 8 ވަނަ މަސްފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސާ މުހައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ދެރަށުގެ އާންމު ރައްޔިތުން ބައިވެރިވި އެވެ.
މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސާ މުހައްމަދު އަނަސް ވިދާޅުވީ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވުމަށް ނިންމީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ހުޅުމީދޫ ބަނދަރު ސަރަހައްދުގައި ހިންގަމުން އަންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާ ރައްޔިތުން ދިރިއުޅޭ ހިސާބާ ދުރުވުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ރަށު ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވި އެވެ.