ޕްރޮޑަކްޝަން ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮލިމްޕަސް ސިނަމާގައި ބޭއްވި ޕްރިމިއާ ފެށުމަށް އެންމެ ދެ ގަޑިއިރަށް ވެފައިވަނިކޮށް، އެއްވެސް މަގުބޫލު އުޒުރެއް ނެތި ލައިވް ކަވަރޭޖް ކެންސަލްކުރި ކަމަށް ޕީއެސްއެމްއިން އަންގާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމާފައި ވަނީ ޕީއެސްއެމްގެ ޓެކްނިކަލް ޓީމު އޮލިމްޕަހަށް ގޮސް، އިވެންޓު ލައިވްކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ފުރިހަމަކޮށް ނިމިފައި ވަނިކޮށް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއްކަން އެނގިހުރެ ލައިވް ކުރިއަށް ނުގެންދިއުމަށް ނިންމެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބު ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި އޭނާ އެ ނިންމުން ނިންމެވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އިވެންޓަށް ދައުވަތު އަރުވައިގެން ބައެއް ސިޔާސީ ބޭފުޅުން ވަޑައިގަންނަވާތީ ކަމަށް ވިޔަސް، އެ ރެއަކީ އެއްވެސް ސިޔާސީ ހަރަކާތެއް ހިމެނޭ އިވެންޓެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޕްރޮޑަކްޝަން ހައުސްއިން ފާހަގަކުރި ގޮތުގައި އެ އިވެންޓަށް ދައުވަތު އަރުވާފައި ވަނީ ދައުލަތާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުންނާއި، ފަންނާނުންނާއި އާންމުން ހިމެނޭހެން ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ކުލައަކަށް ބެލުމެއް ނެތި ފިލްމީ ދާއިރާއަށް ހިތްވަރު ދިނުމުގެ މަގްސަދުގައެވެ. މި ޕްރިމިއާ ނައިޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދައުލަތުގެ މީޑިއާ ފަދަ ޒިންމާދާރު މުއައްސަސާއަކުން އެންމެ ފަހު ވަގުތު ނިންމި ޣައިރު ޒިންމާދާރު އަމަލެއްގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ ޓީމުން ބުންޏެވެ. އަދި ވަކި ބައެއްގެ ނުފޫޒެއް ނެތި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ތަނަކުން މިފަދަ އަމަލެއް ހިންގުމަކީ ފިލްމީ ދާއިރާއަށް ދިން ބޮޑު ނިކަމެތިކަމެއް ކަމަށް ބުނެ، ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ ހާމަކޮށްފައެވެ.
ޕީއެސްއެމްއިން ލައިވް ކަވަރޭޖް ދިނުމަށް ދެކޮޅު ހެދުމާ ގުޅިގެން، ފަހު ވަގުތު "ކީއްވެ" ފިލްމުގެ ޕްރިމިއާ ނައިޓް ވަގުތުން ދުރަށް ދައްކާފައިވަނީ އެސްއެސްޓީވީންނެވެ.