މިއަދު ހެނދުނު ބޭއްވި އޭޖީއެމްގައި މިގޮތަށް ނިންމި ނަމަވެސް، މުވައްޒަފުންނަށް ދިނުމަށް ކަނޑައެޅި ބޯނަސްގެ ޖުމްލަ އަދަދު އެމްއޭސީއެލް އިން އަދި ހާމައެއް ނުކުރެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، 5،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ބޯނަސް ދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުރިން ވެސް އޮތީ ނިންމައިފަ އެވެ. އަދި މިއަދު ކުރިއަށްދިޔަ އަހަރީ އާންމު ޖަލްސާގައި ނިންމީ އެ ނިންމުން ރަސްމީކޮށް ފާސްކުރުމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ އެމްއޭސީއެލް އިން ވޭތުވެދިޔަ ހަތަރު އަހަރު ވެސް މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފައި ވަނީ ބޮލަކަށް 25،000 ރުފިޔާ އެވެ.
މި އަހަރު ބޯނަސް ދޫކުރާނެ ވަކި އަދަދަކާއި އުސޫލު އަދި ރަސްމީކޮށް ސާފުނުވި ނަމަވެސް، މުވައްޒަފުންނަށް ފައިސާ ދޫކުރާނީ އެ މީހުންގެ މަސައްކަތުގެ ފެންވަރަށާއި ވަޒީފާ އަދާކުރަން ފެށި ތާރީޚަށް ބަލައިގެން ކަމަށް ވަނީ އެނގިފަ އެވެ.