ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ ނަމުގައި އޭނާ މި ހުށަހެޅުން ހުށަހަޅާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ސޯޝަލް މީޑިއާގައެވެ.
މި ހުށަހެޅުމާ ގުޅިގެން ތައިލެންޑުގެ އާންމުންގެ މެދުގައްޔާއި ސޯޝަލް މީޑިއާގައި ވަނީ ބޮޑެތި ބަހުސްތަކެއް ފެށިފައެވެ. އެގޮތުން، ކައިވެންޏާއި އާއިލީ ގުޅުންތަކާ މެދު ޒަމާނުއްސުރެ ގެންގުޅޭ ސަގާފީ ވިސްނުންތަކަށް މި ހުށަހެޅުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ހިޔާލު ފާޅުކުރަމުންނެވެ.
ތައިލެންޑުގައި ބާއްވާ އާންމު އިންތިހާބާ ދިމާކޮށް މޮންގްކޮލްކިޓް މިފަދަ ހުށަހެޅުމެއް އިއުލާންކުރި ނަމަވެސް، ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން މިކަން ތަންފީޒުކުރާނެ ގޮތުގެ އެއްވެސް ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އޭނާއަކީ މީގެ ކުރިންވެސް އާންމުންގެ ސަމާލުކަން ހޯދުމަށް އާދަޔާ ހިލާފު ސިޔާސީ ވައުދުތަކާއި ހިޔާލުތައް ހުށަހަޅަމުން އަންނަ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ލީޑަރެކެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މޮންގްކޮލްކިޓް ބުނެފައިވަނީ، މުޖުތަމައުގައި ދެ ޖިންސުގެ ހަމަހަމަކަން ހަގީގަތުގައިވެސް ގަބޫލުކުރާ ނަމަ، ހުރިހާ ފަރާތެއްގެ ރުހުމާ އެކު އަންހެނުންނަށް ހަތަރު ފިރިންނާ ކައިވެނިކުރުމުގެ ހުއްދަ އޮންނަން ޖެހޭނެ ކަމަށެވެ. އަދި މި ހުށަހެޅުމަކީ އޭނާގެ ޕާޓީން ގެންގުޅޭ ހަމަހަމަކަމުގެ ސިޔާސަތުގެ ދަށުން ހުށަހެޅި ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.
މި ހުށަހެޅުމާ އެކު، މިއީ ތައިލެންޑުގެ ކައިވެނީގެ ގާނޫނުތަކަށް ބަދަލު ގެނައުމަށް ކުރެވޭ ސީރިއަސް ގާނޫނީ މަސައްކަތެއްތޯ ނުވަތަ އިންތިހާބާ ދިމާކޮށް އާންމުންގެ ސަމާލުކަން ހޯދުމަށް ދެއްކި ވާހަކައެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން، ދެ މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ކައިވެނިތަކާ މެދު މުޖުތަމައުގައި ދެކޭ ގޮތާ ބެހޭގޮތުންވެސް އިންޓަނޭޝަނަލް މީޑިއާތަކާއި އާންމުންގެ މެދުގައި ވަނީ ފުޅާ ދާއިރާއެއްގައި ބަހުސްކުރަން ފަށާފައެވެ.