މެއި 2025 ގައި ހިނގި މި ހާދިސާއާ ގުޅިގެން، ސައިކަލު ދުއްވި މީހާއާއި ފަހަތުގައި އިން މީހާގެ މައްޗަށް ބިރު އުފެދޭ ގޮތަށް އުޅުމުގެ ދައުވާ ކުރިއިރު، ފަހަތުގައި އިން މީހާގެ މައްޗަށް ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާވެސް އުފުލިއެވެ. ނަމަވެސް އެ މީހުން ވަނީ، ދައުވާގައި ބުނާ "މޯނިންގ ހައުސް" ކިޔާ ގެއެއް އެ ރަށުގައި ނުހުންނަ ކަމަށް ބުނެ ކުށަށް އިންކާރުކޮށްފައެވެ.
މިކަމާ ގުޅިގެން ދައުލަތުން ބުނީ އެއީ ލިޔުމުގައި ވީ ކުށެއް ކަމަށާއި، ހާދިސާ ހިނގީ "މޯނިންގ ސަން" ކައިރީގައި ކަމަށްވާތީ ދައުވާ އިސްލާހުކުރަން އެދޭ ކަމަށެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ ދައުވާ އިސްލާހުކުރެވޭނީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ކަމަށްވާއިރު، ޝަރީއަތުގެ މަރުހަލާ ފެށި ހެކިބަސް ނަގަން ފެށި ފަހުން އެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވެސް އޮތީ "މޯނިންގ ހައުސް" ކަމަށްވާތީ، ދައުވާ އިސްލާހުކުރި ނަމަވެސް ތަހުގީގާ ފުށުއަރާނެ ކަމަށާއި، އަދި ދައުވާގައި އޮތް ގޮތަށް ބަލައިފިނަމަ ހެކިންގެ ވާހަކަތަކާ ފުށުއަރާނެ ކަމަށް ކޯޓުން މިއަދު ނިންމިއެވެ.
އަދި ތަހުގީގުގައި ބުނާ ތަނުގައި އެކަން ހިނގިކަން ހެކިންގެ ބަހުން ސާބިތުނުވާތީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ތިން ދައުވާވެސް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.