ads
އެމްޓީސީސީ
އާރުޑީސީ އިން ކުރަމުން އައި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ސަރުކާރުން ނިންމާފައިވާތީ، އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް މިއަދު ރަސްމީކޮށް ބަދަލުކޮށްފި އެވެ.
Advertisement

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ދަށަށް އާރުޑީސީ ގެނައުމަށް ސަރުކާރުން ނިންމާފައިވާތީ، އާރުޑީސީން ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއުތަކެއް ދެން ކުރިއަށްދާނީ އެމްޓީސީސީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ އެންމެހައި ޒިންމާތައް ވެސް ދެން އުފުލާނީ އެމްޓީސީސީން ކަމަށް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ރާއްޖޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މީގެ 6 އަހަރު ކުރިން އުފެއްދި އާރުޑީސީ އުވާލައި، އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ މަސައްކަތެއް އެމްޓީސީސީއާ ހަވާލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެއް މަސައްކަތެއް ކުރާ ސަރުކާރުގެ އެކި ކުންފުނިތައް ހުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، ހަރުދަނާ ނިޒާމެއްގެ ތެރެއިން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި މި ބަދަލު ގެންނަން ނިންމެވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ ރަނގަޅު ފެންވަރުގެ މަގުތައް ހަދައި ބެލެހެއްޓުމަކީ އަސާސީ ހިދުމަތެއް ކަމަށް ކަނޑައަޅައި، ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު އާރުޑީސީ އުފެއްދީ ކުރީގެ ސަރުކާރުގަ އެވެ. އެ ކުންފުނި އެމްޓީސީސީގެ ދަށަށް މި ބަދަލުކުރީ، ރާއްޖޭގެ އެކި ރަށްރަށުގައި އާރުޑީސީން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް