9 އަހަރުގެ މެދުކެނޑުމަކަށްފަހު، ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކްގެ މަސައްކަތް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަގަ ދައްކަވަމުން ޒުހައިރު ވިދާޅުވީ، ވޯޓާ ތީމް ޕާކްގެ މަސައްކަތް ނިމިގެންދާއިރު 500 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އެތަނުން 85 އިންސައްތަ ދިވެހިންނަށް ހާއްސަކުރެވޭއިރު، އޭގެ ތެރެއިން 45 އިންސައްތަ އަންހެނުންނަށް ހާއްސަކުރެވޭނެކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން އަހަރެއްގެ މައްޗަށް 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމަކީ ވެސް އެޗްޑީސީގެ މުހިންމު ލަނޑުދަނޑިއެއްކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ ޖުމްލަ 41,549.7 އަކަމީޓަރުގެ ސަރަހަދެއްގައެވެ. އެގޮތުން އެ ސަރަހައްދުގެ 17,800 އަކަމީޓަރުގައި ގާއިމުކުރަނީ ވޯޓަރ ތީމް ޕާކެވެ. ދެން ބާކީ އޮތް 23,749.7 އަކަމީޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރަނީ "ވޯކޯ ރިސޯޓް ހޮޓެލް" އެވެ.
މި ވޯޓަރ ޕާކުގައި 11 ވޯޓަރ އެޓްރެކްޝަނާއި 30 ވަސީލަތް ހިމެނޭކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން އަށް ވޯޓާ ސްލައިޑުގެ ކޮމްޕްލެކްސްއަކާއި، 290 މީޓަރުގެ "ލޭޒީ ރިވަރ" އަކާއި، 900 އަކަމީޓަރުގެ ވޭވް ޕޫލަކާއި، 1,900 އަކަމީޓަރުގެ "ސްޕްލޭޝް ޕެޑް" އެއް ހިމެނެއެވެ. އަދި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ޕޫލްތަކާއި ސްލައިޑްތަކުގެ އިތުރުން މަޑުކޮށްލާނެ ތަންތަންވެސް ހިމެނއެވެ.
މީގެއިތުރުން މޫދު ފެންނަ 230 އަކަމީޓަރުގެ "އިންފިނިޓީ ބަބްލް ޕޫލް" އަކާއި މޫދު މަތީ އިންފްލޭޓަބަލް ގޭމްސްގެ އިތުރުން ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ހެދުމަށް ވަނީ ނިންމާފައެވެ. ޕާކުގެ 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތުގެ އިތުރުން ފަސް ފަންގިފިލާގެ އޮފީސް އެކޮމޮޑޭޝަން ބްލޮކެއް، ރެސްޓޯރެންޓެއް، ފޮޓޯ ނެގުމަށް ހާއްސަ ތަންތަން، މަލްޓިމީޑިއާ ޒޯނެއް އަދި ޕާކިންގ ޖާގަތައް ވެސް މާސްޓަރ ޕްލޭންގައި ހިމެނޭކަމަށް އެޗްޑީސީން ބުނެ އެވެ.
ތީމް ޕާކާ ގުޅިގެން ހަދާ ވޯކޯ ރިސޯޓް ހޮޓެލްގައި 250 ކޮޓަރި އާއި ސުއިޓް، 95 ސަރވިސްޑް އެޕާޓްމަންޓް، 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗް ފްރަންޓް ތިން ވިލާ ހުންނާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެގޮތުން 2,942 އަކަމީޓަރުގެ ރީޓެއިލް ޖާގައާއި ވައިރަލް މާކެޓެއް، ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް ޢިމާރާތް، އަދި 61 ކާރާއި 230 ސައިކަލަށް ބޭސްމަންޓް ޕާކިނެއް ވެސް ހިމެނެއެވެ.