ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމަށް ދޮޅު ލައްކަ ސިންގަޕޫރު ޑޮލަރު ފިނޭންސް މިނިސްޓްރީން ދޫކުރުމަށް އަންގައި ރައީސް އޮފީހުން ފޮނުވި ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސް ހުސައިން އާމިރު ސޮއިކުރައްވާ މިމަހުގެ 19 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް ފޮނުވި ސިޓީގައި ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ މ. އަލިވާގޭ އިލްޔާސް އިބްރާހީމަކީ ދައުލަތަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި ވަރަށް މަތީ މަގާމްތަކެއް ފުރުއްވައިފައިވާ ބޭފުޅަކަށް ވުމާއެކު، އެމަނިކުފާނަށް ސީރިއަސް ސިއްހީ ހާލަތެއް މެދުވެރިވެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާތީ، އިންސާނިއްޔަތު ކަމުގެ ގޮތުން ހަމަޖައްސަވާ އިނާޔަތެއްގެ ގޮތުގައި އެމަނިކުފާނުގެ އޮޕަރޭޝަނަށް ހަރަދުވާ 150000 (އެއްލައްކަ ފަންސާސް ހާސް) ސިންގަޕޫރ ޑޮލަރު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހާއްސަ އެހީއެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
އިލްޔާސް އިބްރާހީމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި އެޓޮލްސް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އެސްޓީއޯއާއި އެއާޕޯޓް ފަދަ ގިނަ ވިޔާފާރި ކުންފުނިތަކެއްގެ އެންމެ އިސް ވެރިޔާގެ މަގާމުވެސް އަދާ ކުރެއްވި އެވެ.
މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އެގޮތުން ކޮންމެ މަހަކު މިލިއަނުން އާމްދަނީ ލިބޭ މީހެއްގެ އޮޕަރޭޝަނަކަށް ދައުލަތުން މިހާ ގިނަ ފައިސާ ދޭ އިރު އާންމު ރައްޔިތުންނަށް ޖެހެނީ 2000އެއްހާ ޑޮލަރުން އިންޑިއާއިން ނޫނީ ލަންކާއަށް ގޮސްގެން ފަރުވާ ހޯދަން ކަމަށް މީހަކު ވަނީ ބުނެފަ އެވެ.