އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް"، ގެ "ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމު" ގެ ދަށުން، އަލަށް ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަމާއެކު ގެދޮރު މިލްކުކުރެވޭނެ މަގު ފަހިކޮށްދިނުމަށް (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު ތައާރަފުކޮށްފއިވާކަމަށެވެ.
އެގޮތުން އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި އުސޫލުގެ ދަށުން އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން، ޝަރުތު ހަމަވާ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް، އެހީ ހޯދުމުގެ ފުރުސަތުދޭ ކެޓަގަރީތަކާ ގުޅޭ ތަފުސީލު އުސޫލުގައި ބަޔާންކޮށްފައިވާނެކަމަށް މިނިސްޓްރީން ބުނެ އެވެ. މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ ތަފުސީލު އެޕްލިކޭޝަނަށް ހުޅުވާލުމަށް އާންމުކުރާ އިއުލާނުގައި ބަޔާންކުރާނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ފިޔަވައި އެހެން ރަށްރަށުގެ ކޮންމެ ގޯއްޗަކަށް 200,000 (ދެ ލައްކަ) ރުފިޔާ ގެ ހިލޭ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިނގިއްޔާއި ހުޅުމާލެ ނުހިމެނޭހެން މާލޭގެ ގޯތިތަކަށް، ޝަރުތުހަމަވާ ކޮންމެ ވެރިފަރާތަކަށް 200,000 ރުފިޔާގެ މަގުން، އެންމެ ގިނަވެގެން 5 މީހުންނަށް ޖުމުލަ 200,000 ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ.