ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރި ބޭންކުތައް އިސްތިސްނާވާ ގޮތަށް އެކުލަވައިލި މި ގަވާއިދު ހިނގާނީ ހަމައެކަނި ވިޔަފާރީގެ އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.
އާ ގަވާއިދުގައިވާ ގޮތުން، ފައިސާ މާރުކުރާ ތަންތަނުން އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން މުއާމަލާތް ކުރެވޭނެ އެންމެ މަތީ އަދަދަކީ 50,000ރ. ނުވަތަ އެ އަދަދާ އެއްވަރުގެ ބޭރު ފައިސާ އެވެ. މި އަދަދަށް ވުރެ އިތުރުވާ ކޮންމެ މުއާމަލާތެއް ވެސް ކުރަން ޖެހޭނީ ރަޖިސްޓަރީ ކޮށްފައިވާ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށެވެ. އަދި ދުވަހުގެ ވިޔަފާރި ނިމޭއިރު ހުންނަ އިތުރު ބޭރު ފައިސާ، ވިދިގެން އަންނަ ރަސްމީ ދުވަހު ބޭންކު އެކައުންޓަށް ޖަމާކުރުން ވެސް ގަވާއިދުން ވަނީ ލާޒިމުކޮށްފަ އެވެ.
އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް (ކެޓަގަރީ-އޭ) ދޫކުރާނީ ހަމައެކަނި މި ވިޔަފާރިއަށް ހާއްސަކޮށްފައިވާ އަދި ކުންފުނީގެ މަންފާ ލިބޭ ހަގީގީ ވެރިޔަކީ ދިވެހި ރައްޔިތަކަށްވާ ކުންފުނިތަކަށެވެ. އެގޮތުން ކޯޕަރޭޓް ގްރޫޕަކަށް ދޫކުރެވޭނީ އެންމެ ލައިސަންސެއް ނަމަވެސް، ޓޫރިޒަމް ހިދުމަތްދޭ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރެއް އެ ތަންތަނަށް ލިބިގެންވެ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މި ލައިސަންސަށް، ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 200,000 ޑޮލަރު އެމްއެމްއޭގައި ބަހައްޓަން ޖެހޭއިރު، ވިޔަފާރި ހިންގާ ކޮންމެ އިތުރު ގޮތްޕަކަށް 100,000 ޑޮލަރު ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ. މީގެ އިތުރުން ލައިސަންސަށް އެދި ހުށަހަޅާ ފީއަކަށް 40,000ރ.، ލައިސަންސް އާކުރުމަށް 20,000ރ. އަދި އަހަރީ ފީއެއްގެ ގޮތުގައި 48,000ރ. ދައްކަން ޖެހޭނެ އެވެ.
ހިދުމަތް ފޯރުކޮށްދޭ ތަނުގެ މިންގަނޑުތަކަށް ބަލާއިރު، އެ ތަނަކީ އޮފީސް މާހައުލެއްގައި ހިންގާ، ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސިއްރުވެރިކަން ކަށަވަރުވާ ހާއްސަ ކައުންޓަރެއް ހުންނަ ތަނަކަށް ވާންޖެހެ އެވެ. އަދި އާންމުންނަށް ސާފުކޮށް ފެންނާނެހެން ޑިޖިޓަލް ބޯޑެއް މެދުވެރިކޮށް އެކްސްޗޭންޖް ރޭޓުތައް ދައްކަން ޖެހުމުގެ އިތުރުން، ކޮންމެ މުއާމަލާތަކަށް ރަސްމީ ރަސީދެއް ދޫކޮށް، މުއާމަލާތްތަކުގެ ރެކޯޑުތައް މަދުވެގެން ފަސް އަހަރު ވަންދެން ރައްކާކޮށްފައި ބަހައްޓަން ލާޒިމުވެ އެވެ. ހަމައެއާއެކު، މުއާމަލާތްތައް ވަގުތުން ބެލޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށް، އޮޑިޓް ކޮށްފައިވާ އަހަރީ މާލީ ހިސާބުތައް ގަވާއިދުން އެމްއެމްއޭއަށް ހުށަހަޅަން ޖެހެ އެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ހުއްދަނެތި މި ވިޔަފާރި ހިންގާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން 10,000ރ. އިން ފެށިގެން 1,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް އޮވެ އެވެ. އަދި 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުކަނޑައިލުމާއި މައްސަލަ ޖިނާއީ ތަހުގީގަކަށް ފޮނުވުމުގެ އިހްތިޔާރު ވެސް އެ އޮތޯރިޓީއަށް ލިބިގެންވެ އެވެ.
ރާއްޖޭގެ ކަޅުބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ފުޅާވުމާ ގުޅިގެން މި ފަހުން ވެސް ބައެއް މަނީ އެކްސްޗޭންޖަރުންގެ ލައިސަންސް ބާތިލުކޮށްފައިވާއިރު، އެ ފަރާތްތަކުގެ މަސައްކަތްތައް މޮނިޓާކޮށް ރިޕޯޓުކުރާނެ ޒަމާނީ ސިސްޓަމެއް ވެސް މަރުކަޒީ ބޭންކުން ވަނީ ގާއިމުކޮށްފަ އެވެ. މި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކުރިން ވިޔަފާރިކުރަމުން އައި ފަރާތްތަކަށް އާ ޝަރުތުތަކަށް ފެތުމަށް މުއްދަތެއް ދޭއިރު، ކުރީގެ ގަވާއިދުގެ ދަށުން "ޓިއާ 2" އަށް އެދިފައިވާ ފަރާތްތަކުގެ ފޯމުތައް ބާތިލުކޮށް އެ ފަރާތްތަކަށް ފީ އަނބުރާ ދިނުމަށާއި، "ޓިއާ 1" ގެ އެޕްލިކޭޝަންތައް އިތުރު ފީއަކާ ނުލައި އާ ގަވާއިދުގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހަމަޖައްސައިދީފަ އެވެ.