ads
ސްޓެލްކޯއިން މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ސްޓެލްކޯ
150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް، ޕަވާ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) އުސޫލުން ގާއިމުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އަލަށް ސޮއިކުރެވުނު 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ އަމާޒުގެ 60 ޕަސެންޓު ހާސިލްވާނެ އެވެ.

މި މަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ގައުމަށް ލިބިގެންދާނެކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދާއި ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމީ ތަރައްގީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުސަތު ސަރުކާރަށް ތަނަވަސްވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކުރި އެވެ.

އޭގެ އިތުރުން ތިމާވެށީގެ ގޮތުން ބަލާއިރު، މި މަޝްރޫއުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް މި މަޝްރޫއު ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި މިހާރު ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށެވެ. ތެލަށް ކުރާ ހޭދަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 ޕަސެންޓަށް އަރާއިރު، މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސް ވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް (COP28) ގައި އިއުލާނު ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް