ads
ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް
އިތުރު ބަޔަކަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ވިސްނުމެއް ނެތް،: އިހުސާން
އިތުރު ބަޔަކަށް ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ސަރުކާރުގެ ހަމައެކަނި އަމާޒަކީ ކުޑަކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ކަށަވަރު ކޮށްދިނުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް މަނާކުރުމާ ގުޅޭ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތު ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

"އެއްވެސް އިންޓެންޝަނެއް ނެތް ސޯޝަލް މީޑިއާގެ އެއްވެސް މަންސައެއް ބޭން ކުރަން ވެސް އަދި ރިސްޓްރެކްޓް ކުރަން ވެސް އަދި މީހުން އޮންލައިން އެންގޭޖުވާ ގޮތަށް އެއްވެސް އިންފްލުއެންސެއް ކުރަން،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުޑަކުދިން އަމިއްލަ ނަފްސަށް ގެއްލުންދިނުން ފަދަ ނުރައްކާތެރި މައްސަލަތައް ރާއްޖެއިން ވެސް އަންނަނީ ފެންނަމުންނެވެ. އަދި އޮންލައިންކޮށް ކުޑަކުދިންނަށް ބުލީކުރުމާއި، އެކްސްޕްލޮއިޓް ކުރުން ފަދަ ކަންކަމުން އެ ކުދިން ސަލާމަތްކޮށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އޮސްޓްރޭލިއާ އަދި ނޯވޭގައި މިކަން ތަންފީޒުކޮށްފައިވާއިރު، އިނގިރޭސިވިލާތުގައި ވެސް މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

ރާއްޖޭގެ ޓެކްނިކަލް ޓީމުން ލަފާދީފައިވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖެ ޑިޖިޓަލްވަމުން އަންނައިރު، އީ-ފާސް މެދުވެރިކޮށް ތައުލީމާއި ސިއްހަތާ ގުޅޭ މައުލޫމާތާއި އަސާސީ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައި، ނޭދެވޭ އަދި ގެއްލުންހުރި ކޮންޓެންޓްތައް ކުދިންނަށް ނުފެންނާނެ ފަދަ ޓެކްނިކަލް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

ވަކި ޕްލެޓްފޯމްތަކެއް މަނާކުރި ނަމަވެސް، ވީޕީއެން ފަދަ ވަސީލަތްތައް މެދުވެރިކޮށް އެ ތަންތަނަށް ވަންނަ މައްސަލައަށް ބޭރު ގައުމުތަކުގައި ވެސް ހައްލު ހޯދަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މި ނިޒާމު ތަންފީޒުކުރާއިރު އެ ހުރިހާ ކަމަކަށް ފުރިހަމައަށް ރިއާޔަތްކުރައްވާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް