ads
ގެވެށި އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް----
ގެވެށި އަނިޔާގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް އީ-ފޯމް ތައާރަފުކޮށްފި
ގެވެށި އަނިޔާގެ މައްސަލަތައް އޮންލައިންކޮށް ފެމިލީ ކޯޓަށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ކޯޓުގެ އީ-ފޯމް ޚިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.
Advertisement

ފެމިލީ ކޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ފެމިލީ ކޯޓުން ބުނީ މި އީ-ފޯމް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ކޯޓަށް މައްސަލަ ހުށަހެޅުމުގައި އާންމު ރައްޔިތުންނަށް ހުރި ދަތިތަކާއި ހުރަސްތައް ނައްތާލައި، ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ކޯޓުގެ ޚިދުމަތްތަކަށް ވާސިލުވެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން މިއަދު ފެށި މި ޚިދުމަތުގެ ދަށުން، އެ މީހަކު ހުރި ތަނަކުން ކޮންމެ ވަގުތަކު ވެސް ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ކޯޓަށް ބަލައިގަންނަމުންދާނެއެވެ.

މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ދިމާކޮށެވެ. ފެމިލީ ކޯޓުން ފާހަގަކުރި ގޮތުގައި، މި ދުވަހާ ގުޅުވައިގެން ޚިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ އަންހެނުންނާ ދެކޮޅަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމުގައި ކޯޓުގެ ދައުރު އިތުރަށް ހަރުދަނާކުރުމެވެ. ހަމައެއާއެކު، ގެވެށި އަނިޔާއަކީ ހަމައެކަނި އަންހެނުންނަށް ކުރިމަތިވާ ކަމަކަށް ނުވާތީ، ގެވެށި އަނިޔާއަށް ހުށަހެޅިފައިވާ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަމާއެކު މައްސަލަ ހުށަހެޅުމުގެ ފުރުސަތު މި ނިޒާމުގެ ތެރެއިން ލިބިގެންދާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

މި މަސައްކަތަކީ ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ އެހީތެރިކަމާ އެކު ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މިއަދު މި ފެށުނު ޚިދުމަތާއެކު، މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފޯމުގެ ސްޓޭޓަސް ވަގުތުން ވަގުތަށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ފޯމާ ގުޅިގެން ގެންނަންޖެހޭ ކޮންމެ ބަދަލެއްގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ވެސް ކޯޓުން މައުލޫމާތު ދެއެވެ.

ފެމިލީ ކޯޓުން އިތުރަށް ބުނީ، މިއަދު ފެށީ ގެވެށި އަނިޔާގެ މައްސަލަތަކުގެ ފޯމުތައް ނަމަވެސް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯޓަށް ހުށަހަޅާ ހުރިހާ ބާވަތެއްގެ ފޯމުތައް ވެސް މި ޑިޖިޓަލް ނިޒާމުގެ ތެރެއަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް އެއްކޮށް ނިމުމުން ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ހުރިހާ ފޯމެއް އޮންލައިންކޮށް ފަސޭހަކަމާއެކު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ފަހިވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް