ސަރުކާރުން ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް، ޖުޑީޝަރީގެ އިދާރީ ހިންގުމަށް މި ބޮޑު ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޖުޑީޝަލް ކައުންސިލް އެކުލެވިގެންވަނީ:
އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ އެހެން 2 ފަނޑިޔާރެއް
ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެ ކޯޓުން ކަނޑައަޅާ އެހެން 1 ފަނޑިޔާރެއް
ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީން
ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ކަނޑައަޅުއްވާ 3 އިސް މެޖިސްޓްރޭޓެއް
ކައުންސިލްގައި ހިމެނޭ އިސް މެޖިސްޓްރޭޓުން ކޮންމެ 2 އަހަރަކުން އެއްފަހަރު ބަދަލުކުރަން ޖެހޭނެ ކަމަށާއި، އެ ބަދަލު ގެންނަން ވާނީ ޝަރުއީ ދާއިރާގެ ހުރިހާ ދާއިރާތަކެއް ތަމްސީލުވާ ގޮތަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލަށް ގިނަ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ދިނުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އާންމު ސިޔާސަތުތައް ކަނޑައެޅުމަށް އުއްތަމަފަނޑިޔާރަށް ލަފާ ދިނުމާއި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކޯޓުތަކުގެ އިޖުރާއަތްތަކާއި ހިންގުމުގެ އާންމު ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި ބަދަލު ގެނައުން ހިމެނެ އެވެ. އަދި މަދަނީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ތައާރުޒުނުވާ ގޮތަށް ޝަރީއަތް ހިންގުމުގެ ގަވާއިދުތައް ހެދުމާއި، ކޯޓުތަކަށް މައްސަލަ ބަލައިގަތުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ކޯޓުތަކުގެ ރިސެސްގެ މުއްދަތު ކަނޑައެޅުން ވެސް މި ކައުންސިލްގެ ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ކޯޓުތަކުގެ އިދާރީ އަދި ފަންނީ ގާބިލްކަން އިތުރުކޮށް އާންމުންގެ އިތުބާރު ހޯދުމުގެ ލަނޑުދަނޑިތަކާ އެކު، ޖުޑީޝަރީގެ އެކްޝަން ޕްލޭން އެކުލަވާލުމުގައި ލަފާ ދިނުމަކީ ވެސް ޖުޑީޝަލް ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
ޖުޑީޝަލް ކައުންސިލްގެ ލަފާގެ މަތިން ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ތަންފީޒުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ވަކި އޮފީހެއްގެ ގޮތުގައި ހިންގަންވާނެ ކަމަށް ބިލުގައިވެ އެވެ. އިދާރީ ހިންގުމުގައި ޑީޖޭއޭއަށް ބާރުތަކެއް ދީފައިވީ ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދައުރު އެއްކޮށް ދޫކޮށެއް ނުލަ އެވެ. އެގޮތުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް އޮތް ނަމަވެސް، ދެން އެކަން ކުރަން ޖެހޭނީ ޖުޑީޝަލް ކައުންސިލްގެ ލަފާ ހޯދައިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާއި ބެހޭ ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތައް ޑީޖީއޭ، ޖޭއެސްސީ އަދި ޖުޑީޝިއަލް ކައުންސިލް އަށް ދޭން، ކޯޓު ތަކާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅިއިރު، މިހާރުގެ އުސޫލްތައް ހުންނަ ގޮތަށް ފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުން އޮތުމުން ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލާފައެވެ.
އެދޭ ރާއްޖޭގެ ހުށަހެޅުން:
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޕޮލިސް ކަމިޝަނަރާއި، ޕްރޮސެކިއުޓަ ޖެނެރަލާއި، ބަންޑާރަނައިބުގެ އިތުރުން އޮޑިޓަރ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނުކުރުމުގައި، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބިގެން މަގާމަށް އައްޔަނުކުރާގޮތަށް ކަނޑައަޅައި، އަދި ވަކިކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާގޮތަށް ހަމަޖެއްސުން.
ނަތީޖާ:
ނަޒާހަތްތެރިކަމާއި މިނިވަންކަން ކަށަވަރުވެ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކަމިޝަނަރާއި، ޕްރޮސިކިއުޓަރ ޖެނެރަލް އާއި، ބަންޑާރަ ނައިބުގެ އިތުރުން އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރުވުން