އެމަނިކުފާނު މިކަން ހާމަކުރެއްވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހިއްސާކުރެއްވި ހާއްސަ މެސެޖެއްގަ އެވެ.
ރައީސް ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާދޭ ފަރާތްތައް ޒިންމާދާރުކުރުވައި، ކުށްކޮށްފައި އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުމަށް މި ސަރުކާރުން ސިޔާސަތުތަކާއި ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ރައްކާތެރި މަރުކަޒުތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އަނިޔާގެ މައްސަލަތައް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ރިޕޯޓުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް، އެ ތަންތަނުން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށްވެސް އެއްވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެފައިވާ އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ބައިނަލްއަގްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެންބަރު 25 އަކީ، މިފަދަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުވައި، އެކަށީގެންވާ ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަށް ބާރުއަޅައި އަޑުއުފުލާ މުހިންމު ދުވަހެކެވެ.