އާންމުކޮށް ދަތާއި ހިރުގަނޑުގެ ބަލިތަކަށް ދޭ ފަރުވާތަކާ ހިލާފަށް، މި އާ އީޖާދުގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ފައިދާހުރި ރަނގަޅު ޖަރާސީމުތަކަށާއި ހިރުގަނޑުގެ ދުޅަހެޔޮ ސެލްތަކަށް އެއްވެސް ގެއްލުމެއް ނުލިބި، ބަލި ޖައްސާ ނުރައްކާތެރި ޖަރާސީމު އެކަނި ނައްތާލެވޭނެއެވެ. މި ދިރާސާގެ ނަތީޖާ މި އަހަރު ވަނީ ޖާނަލް އޮފް ޓްރާންސްލޭޝަނަލް މެޑިސިންގައި ޝާއިއުކޮށްފައެވެ.
ދަތްތައް ވެއްޓުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށްވާ ޕެރިއޮޑޮންޓައިޓިސް ނުވަތަ ހިރުގަނޑުގެ ބަލި ޖެހެނީ އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމުތަކުގެ ބެލެންސް ގެއްލި، ދުޅަވުމުގެ ސަބަބުންނެވެ. އާންމުކޮށް ބޭނުންކުރާ އެންޓިބަޔޮޓިކްސްއާއި ބާރުގަދަ މައުތުވޮޝް ފަދަ ފަރުވާތަކުގެ ސަބަބުން ބަލި ޖައްސާ ޖަރާސީމުތަކާއެކު އަނގައިގެ ސިއްހަތަށް މުހިންމު ރަނގަޅު ޖަރާސީމުތައްވެސް މަރުވެގެންދެއެވެ. މީގެ ސަބަބުން އަނގައިގެ ދިފާއީ ނިޒާމު އިތުރަށް ބަލިކަށިވެ، ބަލި ފަސޭހަވުން ލަސްވުމަށް މަގުފަހިވެއެވެ.
ނަގޯޔާ ޔުނިވާސިޓީގެ ގްރެޖުއޭޓް ސްކޫލް އޮފް މެޑިސިންގެ ދިރާސާ ޓީމުން އުފެއްދި "ނިއާ-އިންފްރާރެޑް ފޮޓޯ-އެންޓިބެކްޓީރިއަލް ޓާގެޓިން ތެރަޕީ" ކިޔާ މި ފަރުވާގައި ބޭނުންކުރަނީ ކުކުޅު ބިހުގެ ގޮބޮޅިން އުފައްދާ އެންޓިބޮޑީއަކާއި އައްޔަށް ނާޒުކު ހާއްސަ ކުލައެކެވެ. މި މާއްދާތައް ގުޅިގެން އަމާޒުކުރަނީ ހަމައެކަނި ހިރުގަނޑުގެ ބަލި ޖައްސާ މައިގަނޑު ޖަރާސީމު ކަމަށްވާ ޕޯފިރޮމޮނާސް ޖިންޖިވާލިސް އަށެވެ. އެއަށްފަހު އިންފްރާރެޑް އަލި އެޅުވުމުން، އެ ކުލަ ހީވާގިވެ، ބަލި ޖައްސާ ޖަރާސީމުގެ ބޭރު ފަށަލަ ފަޅާލައި އެ ޖަރާސީމު ނައްތާލައެވެ.
މި ދިރާސާގެ އިސް ދިރާސާވެރިޔާ ޑރ. ކަޒުހިދޭ ސާޓޯ ވިދާޅުވި ގޮތުގައި، އާދައިގެ އެންޓިބަޔޮޓިކްސް ނުވަތަ އަލީގެ ފަރުވާތަކާ ހިލާފަށް، މި އާ އުކުޅުގެ ސަބަބުން ބަލި ޖައްސާ މައިގަނޑު ޖަރާސީމު ވަކިން ނައްތާލެވޭއިރު، އަނގައިގެ ބާކީ ހުރި ރަނގަޅު ޖަރާސީމުތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ލެބޯޓްރީ ޓެސްޓުތަކާއި މީދާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުން ދައްކާ ގޮތުގައި، މި ފަރުވާގެ ސަބަބުން ހިރުގަނޑުގެ ސެލްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭތާނގައި، ދަތްތައް ހިފަހައްޓައިދޭ ކަށިގަނޑު ގިރިގެން ދިއުން ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.
ދިރާސާ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އަނގައިގެ ތެރޭގައި ހުންނަ އެހެން ނުރައްކާތެރި ޖަރާސީމުތައް ދެނެގަނެ، މި ފަރުވާ އިތުރަށް ފުޅާކުރުމަށެވެ. ހިރުގަނޑުގެ ބައްޔަކީ ހަކުރުބައްޔާއި ހުޅުހުޅުގައި ރިއްސާ ބަލި ފަދަ އެހެނިހެން ސިއްހީ މައްސަލަތަކާވެސް ގުޅިފައިވާ ބައްޔަކަށް ވާތީ، ކުރިއަށް އޮތް ތަނުގައި އިންސާނުންގެ ގައިގައި މި ފަރުވާ ތަޖުރިބާކޮށް، ދަތުގެ ފަރުވާއަށް ބޮޑު އިންގިލާބެއް ގެނެވޭނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.
ރިފަރެންސް:
މަރުޔާމާ، އެޗް.، ސާޓޯ، ކޭ.، ސަކާއީ، ކޭ.، ޔަސުއީ، އެޗް.، އޮކާޑާ، އާރު.، ޒިންހެންގް، އެލް.، އުމޭޑާ، ކޭ.، ރަހްމާން، އެސް.، ންގުޔެން، ވީ. އެސް.، އަދި ހިބީ، އެޗް. (2026). ނިއާ އިންފްރާރެޑް ފޮޓޯ-ބެކްޓީރިއަލްފްލޯރާ މޮޑިއުލޭޝަން ޓެކްނޮލޮޖީ ރިއަލައިޒްޑް ކޮންޓްރޯލިންގް ޕެރިއޮޑޮންޓައިޓިސް: މޮޑިއުލޭޝަން އޮފް ޑިޒީޒް-އެސޯސިއޭޓެޑް ޑިސްބަޔޯސިސް އިން އޯރަލް މައިކްރޯބަޔޯޓާ ޔޫޒިންގް ނިއާ އިންފްރާރެޑް ފޮޓޯ-އެންޓިބެކްޓީރިއަލް ޓާގެޓިންގް ތެރަޕީ. ޖާނަލް އޮފް ޓްރާންސްލޭޝަނަލް މެޑިސިން، 24(1)، 730.