މި އަހަރުގެ މުބާރާތުގެ 75 ވަނަ އަހަރީ މުނާސަބަތާ ގުޅުވައިގެން، 18 ކެރެޓްގެ ހުދު ރަނުން ހަދައި 3،150 ޖަވާހިރު ޖަހާފައިވާ "ދަ ރޭޑިއަންސް އޮފް އެން އިޓާނަލް ލެގަސީ" ނަމަކަށް ކިޔާ އާ ތާޖެއް ވަނީ ތައާރަފުކޮށްފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 116 ބައިވެރިން ވާދަކުރާ މި ޝޯ ރާއްޖެ ގަޑިން ފެށޭނީ ބުދަ ދުވަހުގެ ފަތިހު 6:00 ގަ އެވެ.
މި އަހަރުގެ މުބާރާތް ފެށުމުގެ ކުރިން ގިނަ މައްސަލަތަކަކާއި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން ވިސާގެ ދަތިތަކާއި އެހެނިހެން ސަބަބުތަކާ ހުރެ 15 އަށް ވުރެ ގިނަ ގައުމަކުން ވަނީ މުބާރާތުން ވަކިވެފަ އެވެ. މީގެ އިތުރުން، ފްރެންޗައިޒް ހުއްދައިގެ މައްސަލަތަކާ ގުޅިގެން އިރުދެކުނު އޭޝިއާގެ ހަ ގައުމަކަށް މި ފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އަދި ރާއްޖޭގެ މަންދޫބު އާމިނަތު ޔުއިން މުހައްމަދު ވެސް ވަނީ މި ފަހަރުގެ މުބާރާތުން ވަކިވެފަ އެވެ.
މުބާރާތުގެ ފަރިތަކުރުންތަކުގެ ތެރެއިން ބައެއް ބައިވެރިން ސްޓޭޖު މަތިން ވެއްޓުމުގެ ހާދިސާތަކެއް ހިނގާފައިވާ އިރު، ފަރަންސޭސިވިލާތުގެ ބައިވެރިޔާ ގަރާންސް އޯތިއޭގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފަ އެވެ. ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ފުރޮޅުލީ ގޮނޑީގައި އުޅުނު ނަމަވެސް، އޭނާ ވަނީ ފަހުން ނެޝަނަލް ކޮސްޓިއުމް ޝޯ އާއި ޕްރިލިމިނަރީ ބުރުގައި ސްޓޭޖަށް ނުކުމެ ވާދަކޮށްފަ އެވެ.
މިސް ޔުނިވާސް 2026 ގެ ފައިނަލް ޝޯ ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޕްރެޒެންޓަރު މާރިއޯ ލޯޕޭޒް އާއި 2022 ވަނަ އަހަރުގެ މިސް ޔުނިވާސް އާރްބޮނީ ގެބްރިއެލް އެވެ. މީގެ އިތުރުން 1993 ވަނަ އަހަރުގެ މިސް ޔުނިވާސް ދަޔާނާރާ ޓޯރޭސް އާއި ޒޫރީ ހޯލް ކޮމެންޓްރީގައި ބައިވެރިވާނެ އެވެ. މި ފަހަރުގެ ޝޯގައި މިދިޔަ އަހަރުގެ މިސް ޔުނިވާސް، މެކްސިކޯގެ ފާތިމާ ބޮޝް އޭނާގެ ތާޖު އާ ރާނީއާ ހަވާލުކުރާނެ އެވެ.
ސެން ހުއާންގެ ހޯސޭ މިގުއެލް އަގްރެލޮޓް ކޮލީސިއަމްގައި ބާއްވާ މި ޝޯ ޓެލެމުންޑޯ އަދި ރީލްޒް ޗެނަލުން ދައްކާ އިރު، ޕީކޮކް އަދި ރީލްޒް ޕްލަސް މެދުވެރިކޮށް ސްޓްރީމް ކުރެވޭނެ އެވެ. އަދި ރީލްޒް އޯލް އެކްސެސް މެންބަރުންނަށް ޔޫޓިއުބް މެދުވެރިކޮށް ވެސް މި ޝޯ ބަލައިލެވޭނެ އެވެ. ނަމަވެސް، މިސް ޔުނިވާސްގެ ރަސްމީ ޔޫޓިއުބް ޗެނަލުން މި ޝޯ ހިލޭ ލައިވްސްޓްރީމް ކުރާނެކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.