މި އެކްސިޑެންޓް ހިނގާފައިވަނީ ރައުސުލްހައިމާގެ އަލް ވަތަން މަގުގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ 41 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބަހެއް، މެކޭނިކަލް މައްސަލައެއް ދިމާވެގެން މަގުގެ އަރިމަތީގައި މަޑުކޮށްފައި އޮތް ޓްރަކެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި 11 މީހަކު އެ ސަރަހައްދުގައި މަރުވެފައިވާއިރު، އިތުރު ދެ މީހަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މީގެ އިތުރުން 14 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި އެމްބިއުލާންސް ހިދުމަތުންނާއި މަދަނީ ދިފާއީ ޓީމުތަކުން ގުޅިގެން ހަރަކާތްތެރިވެފައިވާ ކަމަށް ރައުސުލްޚައިމާގެ ދާޚިލީ ވުޒާރާއިން އެކްސްގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވެއެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އަލް މުނައި ފުލުސް އޮފީހާއި ރައުސުލްޚައިމާ ފުލުހުންގެ ކުއްލި ހަރަކާތްތެރިންގެ އިތުރުން، ހައްތާ ފުލުހުންނާއި ދުބާއީ އެމްބިއުލާންސް، އަދި ދުބާއީއާއި ކަދުރާގެ މަދަނީ ދިފާއީ ޓީމުތައް ހިމެނެއެވެ.
ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް، ޓްރެފިކް ބަލަހައްޓައި އޮމާންކޮށްފައެވެ. އަދި އަނިޔާވި މީހުންނާއި މަރުވި މީހުން ވަނީ ވަގުތުން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މި މައްސަލަ މިހާރު ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.