ފުރަތަމަ އިންޑިއަން އައިޑޮލް ކާމިޔާބުކުރި އަބީޖީތުގެ ޕާފޯމަންސް އޮންނާނީ "ފަން ރަން" ބާއްވާ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި 8:00 އިން ފެށިގެން އޮންނަ ހާއްސަ މިއުޒިކް ޝޯގަ އެވެ.
އަބިޖީތު ސާވަންތު ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އޭނާގެ ހިތްގައިމު އަޑާއި ހުށަހެޅުންތަކުން އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަކުރުމަށް ފަހުގަ އެވެ. އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ 'އާޕްކާ އަބިޖީތު ސާވަންތު' އާއި އޭގައި ހިމެނޭ އިންތިހާއަށް މަޝްހޫރުވި ލަވަ 'މޮހައްބަތޭން ލުޓާއުންގާ'ގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެއްގެ ގޮތުގައި އޭނާގެ ނަން ވަނީ ގާއިމުވެފަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އުރީދޫ ފަން ރަން މިހާރު ވަނީ ކުލަ އާއި ފޯމާއި މިއުޒިކާއި ދުޅަހެޔޮކަމާ އަދި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފަ އެވެ.
އުރީދޫން ބުނި ގޮތުގައި، މި ފޯރިގަދަ ގުޅުމުގެ ސަބަބުން "ފަން ރަން"ގެ ޖޯޝާއި އިންޑިއާގެ މިއުޒިކީ ޖާދޫ އެއްތަންވެ، މުނިފޫހިފިލުވުމުގެ މި ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ އެވެ.